ވާހަކަ

ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތަރުވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ވެވުނީ ލޯތްބޭ ޔާރު ހުވާ (ޓްރެއިލާ) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފުރަތަމަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދެވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިންވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތަރުވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދިހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެގާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާދަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަނަރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސޯޅަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ނަވާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (20ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައްބީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނަވާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބައްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސްނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އޮނަފަންސާސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސާސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އެކާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ބާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ތޭވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސައުރަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ސަވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - ސަތުވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - އަށުވަންނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަހު ބައި)

" ޔޫ އަރ ޑޭ ޑްރީމިންގް.. ދެންމެ މާ ރީތި ފިރިހެނުންނަށް ބެލީމަ ހޭލާ ހުއްޓާ ހުވަފެން ތި ފެންނަނީ....."..... އައިރާ ބާރަށް ހީގަންނަމުން ބުނެލިއެވެ. އިންސްޓަގްރާމް ބޭނުން ކުރާނެ ގޮތް ކިޔައިދިން އިރު އޭނާ ސާޔާއަށް ރީތި ކުދިންގެ އައިޑީތައް ދެއްކިއެވެ. ނަމަވެސް ސާޔާ އެކަމާއި ގަޔާ ނުވުމުން އައިރާ އެކަން ހުއްޓާލިއެވެ..

Ads by Hajj Corporation

" ނޫން.. ޑޭ ޑްރީމިންގް އެއް ނޫން އެއީ.. ހޭޒެލް އައިސް... "..... ސާޔާ މަޑުމަޑުން ބުނެލިއެވެ.

*****

ސާޔާ ވަށައިގެން އަދިވެސް ހޯދާލިއެވެ. ނަމަވެސް އެ ޒުވާނާގެ ކުޑަ ނިޝާނެއް ނަމަވެސް ފެންނާކަށް ނެތެވެ. އެހާ އަވަހަށް އޭނާ ދިޔައީ ކޮންތާކަށް ބާއޭ ސާޔާގެ ހިތަށް އެރިއެވެ. ކޮންމެ ގޮތެއް ވިޔަސް އެ މޫނު އެ ހިތުގައި ބިންވަޅު ނެގިއްޖެއެވެ. އެ ޒުވާނާ އަދިވެސް ފެންނާނެ ކަމުގެ އުއްމީދު އެ ހިތުގައި ވިއެވެ.

" ސާޔާ ރަނގަޅަށް ވެސް ޑޭ ޑްރީމް ތި ކުރަނީ.. ކޮން ހޭޒެލް އައިސް އެކޭ ތި ކިޔަނީ.. ގެއިން ވެސް ނިކުންނަ މީހެއް ނޫން ތިއީ.. މަށަށް ނޭނގި މި ރަށަށް ފިރިހެނެއް ނާންނާނެ ދޯ...."... އައިރާ ބުމަ އަރުވާލަމުން ބުނެލީ ފޮނިވެފައެވެ. އެއާއެކު ސާޔާ އަނގަޔަށް ގޮތެއް ހަދާލަމުން ހޭން ފެށިއެވެ.

އެ ޒުވާނާ އާއި ބެހޭ ގޮތުން އިތުރު އެއްޗެއް ނުބުނުމަށް ސާޔާ ނިންމިއެވެ. އައިރާ އޭނާގެ ވާހަކަ ޤަބޫލު ނުކުރާނެކަން ޔަޤީނެވެ. އައިރާ އެބުނި ގޮތަށް އޭނާ އަކީ ގެއިން ނިކުމެ އުޅޭ މީހެއް ނޫން ކަމުން ރަށަށް ބީރައްޓެއްސަކު އަޔަސް އެނގޭނީ ކިހިނެއް ހެއްޔެވެ؟

*****

މަލިކާ ދިޔުމުން ނަވާރް ގޮސް ލިއަމްގެ ކައިރީގައި ބަހައްޓާފައި ހުރި ގޮނޑީގައި އިށީނެވެ. ހަޤީޤަތަށް ބުނަންޏާ ނޯޔާ އަށްވުރެ ބޮޑަށް ލިއަމް ދެކެ ނަވާރް ލޯބި ވެއެވެ. ނަވާރްގެ ސަބަބުން ލިއަމް އެތަނުގައި އޮންނަން ޖެހޭތީ އޭނާއަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވެއެވެ. އޭނާގެ ސަބަބުން ލޯބިވާ ކޮއްކޮ އުފުލަން ޖެހިފައިވާ ތަކުލީފު ފެންނަ ކޮންމެ ފަހަރަކު އެ ދެލޯ ފެންކަޅިވެއެވެ. އަދި އޭނާގެ ސަބަބުން ގެއްލި ދިޔަ ފުރާނަ އަނބުރާ ނާންނާނެއޭ ހިތަށް އެރުމުން ނަވާރްގެ އަތް ތުރުތުރު އަޅައިގެން ދިޔައެވެ.

ނަވާރް އާއި ލިއަމް އަކީ މަލިކާއާއި އަފްރާހުގެ ކައިވެންޏަށް ލިބުނު އެއްމާބަނޑު ދެކުދިންނެވެ. ގިނަ ދުވަސްތަކަކަށް ބޭސް ކުރިފަހުން ލިބުނު އެ މަތިވެރި ނިޢުމަތަށް އެ ދެމަފިރިން އަބަދުމެ ހަމްދު ކުރެއެވެ. އެ ދެ ދަރިން އޭނާ ބަލައި ބޮޑުކުރީ ނުހަނު ލޯބިންނެވެ. ލިއަމް އަށްވުރެ ނަވާރް 15 މިނިޓަށް ދޮށި ވުމުން އަބަދުވެސް ލިއަމްގެ ޒިންމާ ނެގުމާއި އޭނާ ހަވާލު ވެއެވެ. ލިއަމް އަށް ވުރެ އޭނާ ދޮށި ކަމުގައި ބުނެ އަބަދުމެ ނަވާރްއާއި ދެކުދިން ތޮޅެއެވެ. ނަމަވެސް އެ ދެބެއިންގެ މެދުގައި ވަނީ ވަރުގަދަ ގުޅުމެކެވެ. އެއްމާބަނޑު ދެކުދިން ކަމުގައި ވިޔަސް ދެ ކުދިންގެ ސިފައިގައި އެއްވައްތަރު ގޮތެއް ނެތެވެ. ނަވާރް އަށް ބުޅި އިސްތަށިގަނޑެއް ލިބިފައިވާ އިރު ލިއަމް އަށް ލިބިފައިވަނީ މަލިކާގެ ފަން އިސްތަށިކޮޅެވެ.

ފަސްއެނބުރި ނަވާރް ބަލާލީ މީހެއްގެ ހިލަން ވުމުންނެވެ. ވަގުތުން އޭނާ ގޮނޑިން ތެދުވެ މެދު ހަށީގައި ކަނާތް ވިއްދާލިއެވެ.

" ރައުލްގެ ތި އުޅުން ބަދަލުވާނީ ކޮން ދުވަހެއްގަ.. ރޭގަ ދިޔައީ ކޮންތާކަށް......".... ނަވާރް ހުރީ ހިތްހަމަ ނުޖެހިފައި ކަން ރައުލްއަށް އެނގުމުން ހޭން ފެށިއެވެ. ރައުލް އައުމުން ދުވަން ފެށި މީރު ވަހުން ނަވާރް އެތެރެއަށް ނޭފަތް ދަމާލިއެވެ.

" ކަމް އޯން ނަވާ.. އެއީ އެވަރު ކަމެއް ނޫން.... މި ދުވަސްކޮޅު ކުޑަކޮށް ބިޒީ.....".... ރައުލް ހީލަމުން ބުނެލި ގޮތުން ނަވާރްގެ ހިތުގައި ޝައްކުތަކެއް އުފެދުނެވެ.

" ކޮން ކަމަކާ ތި އުޅެނީ.. ދޮންތި ކައިރީ ބުނަން ވާނެ..."...... ނަވާރް ލޯ ހަނިކޮށްލަމުން އަހާލިއެވެ. ކުޑަ އިރު ރައުލްމެން އޭނާއަށް ދޮންތަގެ ނަމުން މުހާތަބު ކުރިޔަސް ފުރާވަރަށް އެޅުނު ފަހުން އެނަން ކިޔުން ހުއްޓާލިއެވެ. ނަމަވެސް ވާހަކަ ދެއްކުމުގައި ނަވާރް އަށް އަދިވެސް އެ އާދަ ހުއްޓޭ ގޮތެއް ނުވިއެވެ. ނަވާރް އަށްވުރެ ރައުލް އެއް އަހަރު ދޮށްޓެވެ.

" ކިޔައިދޭނަން.. އެކަމަކު އަދި ފަހުން.. އައި ވިލް ނީޑް ޔޯރ ސަޕޯރޓް.. އަހަރެން ވެސް ބޭނުން ވަނީ ލިއަމް ގެންނަން... އެކަން ކުރެވޭނެ ގޮތެއް މި ހޯދަނީ.. ދެވަނަ އަލާރާ ގެންނަން މި އުޅެނީ..."...... ރައުލް ދައްކަމުން ދިޔަ ވާހަކައިން ނަވާރްގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

" ވަޓް.. ރައުލް މޮޔަ ވީތަ؟.. ތިކިޔޭ އެއްޗެއް އެބަ އެނގޭތަ؟... ދޮންތި އަށް އެނގޭ ލާރާ ނެތުމުގެ ފަޅުކަން ރައުލް އަށް އިހްސާސް ވާނެކަން... އެއީ އަހަރެންގެ ކުށް... އެކަމަކު ޤަބޫލު ކުރަން ޖެހޭނެ ދެން ލާރާ އެނބުރި ނާންނާނެކަން.. ޝީ އިޒް ގޯން..."...... ނަވާރް ހުރީ ރައުލް ކިޔާ އެއްޗެއް ދޭހަ ނުވެފައެވެ. އެހެންކަމުން އެ ހިތުގައި ރައުލް އާއި މެދު ހަމްދަރުދީ އުފެދުނެވެ. އަދިވެސް އަލާރާ ނެތްކަން ރައުލްއަށް ޤަބޫލު ނުކުރެވެނީއޭ ނަވާރް އަށް ހީވިއެވެ.

" ފުރަތަމަ އަހަރެން ދައްކަން މި އުޅޭ ވާހަކަ އަޑުއަހާބަލަ... ލާރާ އެނބުރި ނާންނާނެ ކަން އަހަންނަށް އެނގޭ.. އެއީ އެއްވެސް މީހަކަށް ލިބިގެންވާ ބާރެއް ނޫން... އެކަމަކު އަހަންނަށް ލިބިފައިވާ ބާރުތަކުގެ އެހީގައި ކުރެވޭނެ ކަމެއް ކުރަން މި އުޅެނީ.. އަދި ލިއަމް އަށް ހަޤީޤަތް އެންގުން މުހިއްމެއް ނޫން.. ފުރަތަމަ ލިއަމް އެނބުރި ގެންނަން އެބަ ޖެހޭ... އައި ފައުންޑް އަ ގާރލް.... އެއްވެސް މީހަކު ނުބުނާނެ އެއީ އަލާރާ ނޫނޭ.. އެހާ ވެސް ވައްތަރު.. އަހަރެން ބޭނުން އެ ކުއްޖާ ގެންނަން... "........ ރައުލް އޭނާ ބޭނުންވާ ގޮތް ހާމަ ކުރިއެވެ. ނަމަވެސް ނަވާރް އަށް ނޭނގުނީ ރައުލް އޭނާއަށް މުހިއްމު ތަންކޮޅެއް ސިއްރު ކުރިކަމެވެ.

ރައުލް ދެއްކި ވާހަކަތަކުން ނަވާރް ހުރީ ބަސްހުއްޓިފައެވެ. ރައުލް އެވަރުގެ ނިންމުމެއް ނިންމި އިރު ކުރިން ނުބުނީތީ އޭނާ ހިތްހަމަ ނުޖެހުނެވެ. އެހެންކަމުން އެއްވެސް އެއްޗެއް ނުބުނެ ހިމޭންކަން އިހްތިޔާރު ކުރިއެވެ.

" ލުކް ނަވާ... މިއީ އަހަންނަށް ވެސް ފަސޭހަ ނިންމުމެއް ނޫން.. ވީ އޯލް ނީޑް ލިއަމް.. އަހަންނަށް އެނގޭ ނުބުންޏަސް، ނަވާ ވެސް ލިއަމް އަށް އިންތިޒާރު ކުރާކަން... މަލިކާ އާންޓީ ކޮންމެ ދުވަހަކު މިތަނަށް އައިސް ރޯ ވަރު އަހަންނަށް ފެނޭ... ދޮންބެ އަންނާނެ ދުވަހެއްގެ އިންތިޒާރުގައި ކޮޓަރީގައި އެކަނި އިނދެ ނޯޔާ ކުރާ ހިތާމަ ވެސް ފެނޭ... އާއިލާ އަށް ހިތްވަރު ދިނުމުގައި އަފްރާހު އަންކަލް ނަމޫނާ ދެއްކިޔަސް އެކަނި ވީމަ އެ ބައްޕަވެސް ކަރުނަ އަޅާ.... ދެން މި ދައްކަނީ އަލާރާ އާއި ވައްތަރު ކުއްޖެއްގެ ވާހަކަ.. ނަވާ އަށް އެނގެން ޖެހޭނެ އެ ކުއްޖާ ފެނުމުން އަހަންނަށް ވާނެ ގޮތް... މިއީ އެންމެންގެ އުފަލާއި ގުޅިފައިވާ ނިންމުމެއް...."...... ރައުލްގެ އަޑުގައި ވީ ސީރިއަސް ކަން ނަވާރް އަށް ފާހަނގަކުރެވުނެވެ.ފުންކޮށް ވިސްނާލުމުން ރައުލް ދެއްކި ވާހަކަ އޭނާއަށް ވެސް ޤަބޫލު ކުރެވުނެވެ.

" ރައުލް... ދޮންތި އަށް ވިސްނުނަސް ކިހިނެތް މުޅި އާއިލާއަށް މިކަން ވިސްނުވައި ދޭނީ.. އެންޑް ވަޓް އެބައުޓް މެލެކް އާންޓީ.. ހައު ވިލް ޔޫ އެކްސްޕްލެއިން ދިސް ޓު ހަރ... "..... ނަވާރް ކަންބޮޑުވީ އެހެން މީހުން ދެކޭނެ ގޮތެއް ނޭނގޭތީއެވެ.

" އަހަރެން އެކަން ހަމަޖައްސާނަން... ދެން މަންމަ މާލެ އަންނާނެ ހެން ހިއެއް ނުވޭ.. އަދިވެސް މަންމަ ހިތާމަ ކުރޭ.. އެ މާހައުލު އުޅެން މާ ފަސޭހަ ކަމަށް ބުނީ...."..... އެއީ ދޮގެއްކަން އެނގުނަސް ރައުލް އެކަމަށް މާ ބޮޑު ސަމާލުކަމެއް ދޭން ބޭނުމެއް ނޫނެވެ. އޭނާ އަށް ރަނގަޅީ ވެސް މެލެކްގެ އެ ވިސްނުން ބަދަލު ނުވިއްޔާއެވެ.

ރައުލްގެ މޫނަށް ބަލަން އިނުމަށްފަހު ނަވާރް ހިނިތުންވެލިއެވެ. އޭނާ ރައުލްއަށް އިތުބާރު ކުރެއެވެ. ނަމަވެސް ނަވާރް އަށް އަދިވެސް ނޭނގޭ ކަމެއް އެބައޮތެވެ. ހިތުގައި އުފެދިފައިވާ ޝަކުވާތައް އެބަހުއްޓެވެ. ރައުލް އާއި ކުރަން ބޭނުންވާ ސުވާލުވެސް އެބަހުއްޓެވެ.

" ރައުލް.. ކޮންމެ ކަމެއް ވިޔަސް ރައުލް އެކަމުން ދޮންތިމެން ސަލާމަތް ކޮށްދޭ.. ވައި ޑިޑިންޓް ޔޫ ކަމް ދެޓް ނައިޓް..."... ނަވާރްގެ އަޑު މަޑުވިއެވެ. ރައުލްގެ ކުށެއް އެކަމުގައި ނުވިޔަސް ރައުލް އެދުވަހު ނައުމުން އެ ހިތުގައި ވަނީ ޝަކުވާ އުފެދިފައެވެ.

ރައުލްގެ ނަޒަރު ހުއްޓުނީ ލިއަމް އަށެވެ. އެ މޫނު މައްޗަށް ވެރިވީ ފަނޑު ހިނިތުންވުމެކެވެ.

" އަހަރެން ދިޔައިން.. އެކަމަކު މާ ލަސްވީ.. އަބަދުވެސް ބުނަމެންނު.. މާތް ﷲ އެކަމަކަށް އިރާދަ ކުރައްވައިފި ކަމެއް އެއްވެސް އެހެން ފަރާތަކަށް ނުހުއްޓުވޭނެ.. މުސްލިމުން އެކަން ޤަބޫލު ކުރަން ޖެހޭނެ.. ކޮންމެ ގޮތަކަށް އެރޭ އެ ހިތާމަ ވެރި ހާދިސާ ހިނގިޔަސް އަހަރެންނަށް އެކަން ހުއްޓުވޭކަން ނެތީ... އައި އޭމް ސޮރީ ފޯރ ދެޓް ލިޓިލް ސިސް...".... ރައުލް މާފަށް އެދުމުން ނަވާރް ދެފަރާތަށް ބޯ ހޫރުވާލީ އެއީ ރައުލްގެ ކުށެއް ނޫން ކަމުގައި ބުނަމުންނެވެ.

" ކޮން އިރަކުން ތި އަންހެން ކުއްޖާ ގެންނާނީ..."..... ނަވާރް ހުރީ ރައުލް އެބުނާ ކުއްޖަކު ދެކޭ ހިތްވެފައެވެ. އަލާރާ އާއި އެހާ ވައްތަރު ކުއްޖެކޭ ބުނުމުން ނަވާރް ޝައުޤުވެރިވީއެވެ.

" ސޫން....".... ރައުލްގެ ޖަވާބު ކުރެވެ. ހީވާ ގޮތުން އޭނާ އިނީ ފުން ވިސްނުމަކަށް ގެއްލިފައެވެ.

*****

" ރައުލް ގެއަށް ނުދާނަންތަ؟..."..... ނަވާރް އަހާލީ ރައުލް ގެއަށް ގެންދަން ބޭނުންވެފައި ހުރީމައެވެ. ނަމަވެސް އެކަން އެގޮތަށް ވާނެކަމާއި މެދު އޭނާއަށް ޝައްކެވެ. ޚާއްސަކޮށް މެލެކް އާއި ދެކޮޅަށް އެފަދަ ނިންމުމެއް ރައުލް ނުނިންމާނެ ކަމުގައި ނަވާރް އަށް ހީކުރެވުނެވެ.

" މިއައީ ގެއިން....."..... ނަވާރްގެ މޫނަށް ވެރިވާނޭ ކުލަތައް ދުށުމުގެ ޝައުޤާއެކު ރައުލް ބުނެލީ ހެވިފައެވެ. އޭނާ ހީކުރި ގޮތަށް ނަވާރްގެ ތުންފަތަށް ވެރިވި ރީތި ހިނިތުންމާއެކު ހަޅޭއްލަވައިގަތެވެ. ނަމަވެސް ހަމަ އެ ސިކުންތުގައި އޭނާ އަނގަމަތީ އަތް އެޅީ މި އިނދެވުނީ ހޮސްޕިޓަލުގައި ކަން ހަނދާންވުމުންނެވެ.

******

އައިރާމެން ގެއިން މެންދުރު ކައިގެން ސާޔާ ގެއަށް އައިއިރު ތިންގަޑި ބައި ވާން ކައިރިވެއްޖެއެވެ. ގެއަށް ވަންނަ އިރަށް އަސަދުގެ އަނިޔާއަކާ ކުރިމަތިލާން ޖެހިދާނެތީ ސާޔާ ހުރީ ނުތަނަވަސް ވެފައެވެ. ނަމަވެސް ގެއިން އަސަދުގެ ހިލަމެއް ނުވުމުން އޭނާ ހަމައަކަށް އެޅުނެވެ. ހީވާ ގޮތުން ގޭގައި ނެތީއެވެ. އަވަހަށް ކޮޓަރިއަށް ވަދެ ސާޔާ ފެންވަރާލިއެވެ. އޭރު ކޮންމެވެސް ވަރަކަށް ވިއްސާރައިގެ އަސަރުތައް އުދަރެހުން ދައްކާލައިފިއެވެ.

ދެން ތިރިއަށް ނުދާން ގަސްތުކޮށް ސާޔާ މައްޗަށް އެރީ ބަދިގެއިން އޭނާ ބޭނުންވާ ޒާތުގެ ލުއި ކާނާ ޕެކެޓްތަކާއި ކޯކު ފުޅިއެއް ހިފައިގެންނެވެ. އައިރާ އޭނާއަށް ނެޓްފްލިކްސް ބޭން ކުރާނެގޮތް ކިޔައިދީ އައިޑީއެއް ވެސް ދީފައި ވުމުން ސާޔާ ގަސްތު ކުރީ ފިލްމެއް ބަލާލުމަށެވެ.

މުޅި ދުވަހު ވެސް ސާޔާއަށް ލިބިފައިވަނީ ބަޔާންކުރަން ދަތި ހިތްހަމަ ޖެހުމެކެވެ. ހުވަފެނުގައި ވެސް އެފަދަ ދުވަހެއް އައިސްދާނޭ ކަމަށް އޭނާ އުއްމީދެއް ނުކުރެއެވެ. މިއީ ސާޔާގެ ދިރިއުޅުމުގައި އައި އެންމެ އުފާވެރި ދުވަހޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

އިރުއޮއްސުނު ފަހުން ކޮޓަރީގެ ދޮރުގައި ޓަކިޖަހަން ފެށި އަޑު އިވުމުން ކަންފަތަށް ޖަހާފައި ހުރި ހެޑްސެޓް ސާޔާ ނައްޓާލިއެވެ. އަދި ފޯނު ބާލީސް ދަށަށް ލާ ފޮރުވުމަށްފަހު ގޮސް ދޮރު ހުޅުވާލީ އެއީ އަސަދު އަށް ވެދާނޭ ކަމުގެ ކުޑަވެސް އުއްމީދެއް ނުކޮށެވެ.

ނަމަވެސް ދޮރުމަތީގައި ހުރި އަސަދު ފެނުމުން ސާޔާގެ މޫނުގައިވީ ލުއި ހިނިތުންވުން އެއްކޮށް ފަނޑުވިއެވެ. އޭނާގެ ނަޒަރު ހުއްޓިފައި ހުރީ އަސަދުގެ އަތުގައި އޮތް ކޮތަޅަށެވެ. އޭގެ ތެރޭގައި އޮންނާނީ ކޯއްޗެއްކަން ރަނގަޅަށް އެނގޭތީ ސާޔާގެ މޭގައި ރިއްސާލިއެވެ. ހުވަފެނަކުން ހޭލެވުނު ފަދަ އިހްސާސެއް ކުރެވުނެވެ. މުޅި ދުވަހު އޭނާއަށް އުޅެވުނީ އަވާމެންދުރެއްގައި ފަދައެވެ.

" އަށް ގަޑި ބަޔަށް ތައްޔާރު ވެގެން ހުންނާތި....".... އަސަދު ހީވީ އަމުރެއް ކޮށްލި ހެންނެވެ. އިތުރު އެއްޗެކޭ ނުބުނެ ގޮސް އޭނާ އަތުގައި އޮތް ކޮތަޅު ކުޑަ މޭޒުމަތީގައި ބެހެއްޓުމަށްފަހު ނުކުމެގެން ދިޔައީއެވެ.

ލެއްޕުނު ދޮރާއި ދިމާލަށް ބަލަން ހުރިއިރު ސާޔާގެ ހިތް ތަފާތު ވަސްވާހުން ފުރެމުން ދިޔައެވެ. މި ހިތްދަތިކަމުގައި އޭނާ އުޅެން ޖެހޭނީ އަދ ކިހާ ދުވަހަކު ހެއްޔެވެ؟.. އޭނާއަށް މިކަމުން ސަލާމަތް ވެވޭނެ ހަމަ އެއްވެސް ގޮތެއް ނެތީ ހެއްޔެވެ؟....

އަސަދު ބެހެއްޓި ކޮތަޅުގައި އޮތް ހެދުން ފެނުމުން ސާޔާއަށް ބޭއިޚްތިޔާރުގައި ލޯ މަރާލެވުނެވެ. އެއިން އޭނާއަށް ލިބޭނޭ ނިވާކަމެއް ނެތެވެ. ދެއަތުގެ ބަދަލުގައި އިނީ ހިމަ ވާކޮޅެކެވެ. އެ ހެދުން ތުނި ކަމުން އޭނާގެ ހަށިގަނޑު ފެންނާނެކަން ގައިމެވެ. ކިރިޔާ ފޫކޮޅު ފޮރުވޭކަމެވެ.

ނަމަވެސް އޭނާއަށް އިތުރު ގޮތެއް ނެތެވެ. އަމިއްލަ އަށް މަރުވާން ކިތަންމެ ފަހަރަކު ހިތަށް އެރި ނަމަވެސް އެއީ ކިހާ ނުބައި އަމަލެއްކަން ސާޔާއަށް އެނގެއެވެ. ކޮންމެ ވެސް ދުވަހަކުން އޭނާ އަސަދުގެ ކިބައިން ސަލާމަތްވޭތޯ އަބަދުމެ ހިތާއި ހިތުން ދުޢާ ކުރެވެއެވެ.

އަސަދު ތައްޔާރުވާން ބުނި ކަމުގައި ވިޔަސް ސާޔާ ތައްޔާރުވުމުގެ ގޮތުން އެއްވެސް ކަމެއް ކުރުމަށް ގަސްތު ނުކުރިއެވެ. އަސަދު ގެނެސް ބެހެއްޓި ކޮތަޅު ވެސް ހުރި ގޮތަށް މޭޒު މަތީގައި ހުއްޓެވެ. ދެން އެކޮޓަރިއަށް އަސަދު ނާންނާނެ ކަން އޭނާއަށް ޔަޤީނެވެ. ނަމަވެސް އެކޮޓަރީގައި ހިނގާ އެއްވެސް ކަމަކީ އަސަދު އަށް ސިއްރުވެގެން ވާ ކަންކަމެއް ނޫނެވެ. އެ ކޮޓަރިން ނުކުންނަ ކޮންމެ މީހަކުވެސް އަސަދު އަށް ހުރިހާ ތަފްސީލެއް ދެއެވެ.

*****

ގަޑިން އަށްގަޑި ބައި ވުމާއެކު އަސަދު ގޮސް ގޭގެ ދޮރު ހުޅުވާލިއެވެ. އޭނާ ހުރިހާ ދަތްތަކެއް ފެންނަ ވަރަށް ހީލީ ދޮރުމަތީގައި ހުރި ރައުލް ފެނުމުންނެވެ.

" އަވަހަށް އާދޭ.. ސާޔާ މިހާރު އިންނާނެ އިންތިޒާރުގަ...".. އަސަދު ބެލީ ވީހާވެސް އަވަހަކަށް ރައުލް އެތެރެއަށް ވެއްދޭތޯއެވެ. ރައުލް ވެސް މޫނު މައްޗަށް ހިނިތުންވުމެއް ވެރިކޮށްގެން ހުރެ ގޭތެރެއަށް ވަނެވެ. އޭނާ ވެސް ހުރީ ސާޔާ ދެކޭ ހިތުން ކެތް މަދުވެފައެވެ. މިއަދު ސާޔާ އަށް ރައުލް ފެނުނުކަން ޔަޤީނެވެ. އަދި އޭނާގެ ހަނދާނުން ރައުލް ނުފޮހެވޭނެކަން ވެސް ޔަޤީނެވެ. އެހެންކަމުން މިރޭ ސާޔާގެ ފަރާތުން ފެންނާނެ ސިފައެއް ނޭނގޭތީ ރައުލް ހުރީ ހިތް އަވަސް ވެފައެވެ.

އަސަދު އަތަށް ރުފިޔާ އަޅާފައި ހުރި ދަބަސް ދިނުމަށްފަހު ރައުލް ހިނގައިގަތީ ސާޔާގެ ކޮޓަރިއާއި ދިމާލަށެވެ.

ކޮޓަރީގެ ދޮރުގައި މަޑުމަޑުން ޓަކި ޖަހާލި އަޑު އިވުމުން ސާޔާ ފަސްއެނބުރި ބަލާލިއެވެ. އޭރު އެ މޫނުން ފެންނަނީ ހައިރާން ކަމެވެ. މީގެ ކުރިންވެސް އެ ކޮޓަރިއަށް މީހުން އައެވެ. ނަމަވެސް ދުވަހަކުވެސް ކޮޓރީގައި ޓަކި ޖަހާފައެއް ނުވެއެވެ. ހީވާ ގޮތުން ބޭރުގައި ހުރި މީހަކު އޭނާގެ ހުއްދަ ބޭނުން ވަނީއެވެ. ސާޔާގެ މޫނަށް ވެރިވީ ފޫހިކަމެވެ. އަނެއްކާވެސް އޭނާ މޫނު އަނބުރާލީ ކުޑަދޮރާއި ދިމާލަށެވެ. ބޭރުން އަންނަ ފިނި ރޯޅިތަކުން އޭނާގެ އިސްތަށިގަނޑަށް ކުދި ގޯނާ ކުރަމުން ދިޔައެވެ. ނަމަވެސް ސާޔާގެ ސަމާލުކަން އެއިން ކަމަކަށް ހުއްޓިފައި ނެތެވެ.

ކުއްލިއަކަށް ސާޔާ ހަށިގަނޑު ސީދާ ކޮށްލީ ކޮޓަރީގެ ދޮރު ހުޅުވާލުމުންނެވެ. އެވަގުތު އޭނާގެ ނޭފަތުގައި ޖެހުނީ ނުހަނު ދަންނަ ވަހެކެވެ. ބޭއިޚްތިޔާރުގައި ސާޔާއަށް ނޭފަތް އެތެރެއަށް ދަމާލެވުނެވެ. ފަހަތުގައި ހުރި މީހަކު ދެކިލުމުގެ ޝައުޤުވެރިކަން އޭނާގެ ހިތަށް ވެރިވިއެވެ.

" ހޭޒެލް އައިސް...."... ސާޔާއަށް މަޑުމަޑުން ކިޔާލެވުނެވެ. އޭނާއާއި ދެތިން ފޫޓު ދުރުގައި ހުއްޓިލައިގެން ހުރީ މިއަދު އަތިރިމަތިން ފެނުނު ޒުވާނާއެވެ. ސާޔާގެ ލޮލަށް އިސާހިތަކު ކަރުނަ ޖަމާވެއްޖެއެވެ. އޭނާގެ ފަރާތުން އެންމެންވެސް ބޭނުންވަނީ އެއް އެދުމެކޭ ހިތަށް އެރުމުންނެވެ. އަމިއްލަ ނަފްސުގެ ނަޖިސްކަން ހިތަށް އެރުމުން ސާޔާގެ މޫނަށް ލަދުވެތިކަމުގެ ކުލަ ވެރިވެގެން ދިޔައެވެ.

" ޔޫ އަރ ނޮޓް ދިސްގަސްޓިންގް....".... ރައުލް ބުނެލީ ސާޔާގެ ސިކުނޑީގައި ވަނީ ކީކޭ ކަން ފަހުމުވުމުންނެވެ. އެ ނިކަމެތި އަންހެން ކުއްޖާގެ ހާލާއި މެދު ރައުލް ހަމްދަރުދީ ވެއެވެ. އެކަމުން ސާޔާ ސަލާމަތްކޮށްދޭން ބޭނުމެވެ. ނަމަވެސް އެމަގު އޭނާއަށް ފަސޭހަ ވެދާނެ ހެއްޔެވެ؟...

އިސްޖެހިފައި ހުރި ސާޔާގެ ނަޒަރު ރައުލްއާއި އަމާޒުވިއެވެ. ރައުލްގެ ފަރާތުން އޭނާއަށް ނުރައްކަލެއް އޮތް ކަމުގެ ނިޝާނެއް ނުފެނެއެވެ. ސާޔާ އަށް ވެސް ރައުލްގެ ރީތިކަން ފާހަނގަ ކުރެވުނެވެ. ނަމަވެސް އެއަށްވުރެ އެ ހިތުގައި އުފެދިފައިވާ ބިރުވެރިކަން ބޮޑެވެ.

" ބިރު ނުގަނޭ.. އަހަރެން މީ ސާޔާ އަށް އަނިޔާވެރިވާނެ މީހެއް ނޫން.. އަހަރެން ބޭނުން ވާހަކަ ދައްކާލަން.. "... ރައުލް ގޮސް އިށީނީ ސޯފާގައެވެ. ނަމަވެސް ސާޔާ އެ ހުރިތަނުގައި ގުޑިވެސް ނުލައި ހުރީއެވެ.

" އަސަދު ކައިރީގަ އަހަރެން ނުބުނާނަން... ".... ސާޔާގެ ލޯ އިރު އިރުކޮޅާ ދޮރާއި ދިމާލަށް ދަތުރު ކުރާތީ ރައުލް ކުޑަ ހިނިތުންވުމަކާއެކު ބުނެލިއެވެ. އެކަމުން ސާޔާއަށް ރައުލްއަށް ކުޑަ އިތުބާރެއް ކުރެވުނެވެ. މަޑު ހިނގުމެއްގައި ގޮސް އޭނާ އިށީނީ އެނދުގައެވެ.

ސާޔާގެ އެ ހަރަކާތުން ރައުލްއަށް މަޑުމަޑުން ހީލެވުނެވެ. ސާޔާއަށް އޭނާއަކީ ކާކު ކަން ބުނެދޭން ރައުލް ނުހަނު ބޭނުމެވެ. އޭރުން ހަމަގައިމުވެސް ސާޔާ އޭނާއާއި ދުރަށް ދާން ބޭނުން ނުވާނެއެވެ. ނަމަވެސް އަދި އެވަގުތު ނުޖެހޭ ކަމަށް ރައުލް އަމިއްލަ ނަފްސަށް ވިސްނައި ދިނެވެ.

" ސާޔާ ބޭނުންތަ އަސަދުގެ ކިބައިން ސަލާމަތްވާން...؟...."..... ރައުލް ކޮށްލި ސުވާލުން ސާޔާގެ މޫނަށް ވެރިވެފައިވާ ހައިރާންކަން އިތުރުވިއެވެ. މީގެ ކުރިން އެ ސުވާލު އެހެން މީހަކު އޭނާއާއި ނުކުރެއެވެ.

މި އާދަޔާ ޚިލާފު ޒުވާނާއަށް ސާޔާގެ ކަންކަން އެހާ ވަރަށް އެނގެނީ ކީޢްވެ ހެއްޔެވެ؟.. މިއީ އަސަދުގެ ސިއްރު އެޖެންޓެއް ނޫން ބާވައެވެ؟.. ސާޔާގެ ހިތުގައި ރައުލްއާއި މެދު ނުބައި ޝައްކުތަކެއް ހިނގަން ފެށިއެވެ. ޔަޤީނެވެ. މިއީ އޭނާ އިމްތިހާނު ކުރުމަށް އަސަދު ފޮނުވި މީހެކެވެ.

" ތިހާ ގޯސްކޮށް ފެންނަ ކޮންމެ މީހަކާއި މެދު ވިސްނާކަށް ނުވާނެ... އެންމެންނަކީ ސާޔާއަށް ހީކުރެވޭ ފަދަ ގޯސް މީހުންނެއް ނޫން.. ބައެއް މީހުންނަށް އިތުބާރުވެސް ކުރަން ވާނެ... މިސާލަކަށް ބުނަންޏާ ސާޔާ އައިރާއަށް ވެސް އިތުބާރު ކުރަމެންނު... ".... ރައުލްއަށް އޭނާގެ ސިކުނޑިއަށް ވެރިވާ ހުރިހާ އެއްޗެއް އެނގޭތީ ސާޔާ އިނީ އަޖައިބުވެފައެވެ.

" ތިއީ ކާކު...".. ސާޔާގެ އަޑު ނުކުތީ ކިރިޔަ ކިރިޔާއެވެ. ނަމަވެސް ރައުލްއަށް އެ އަޑު ނުހަނު ރީތިކޮށް އިވުނެވެ.

" ލެޓްސް ސޭ އައިމް ޔޯރ ލައިފް ސޭވަރ.. "..... ރައުލް ބުނެލީ ލާނެތް ހިނިތުންވުމަކާއި އެކީގައެވެ. ނަމަވެސް ސާޔާގެ މޫނުން ތަފާތު ކަމެއް ފާހަގަ ނުކުރެވުނެވެ. އޭނާގެ ސިކުނޑީގައި ދައުރުވަމުން ދިޔައީ އަސަދުގެ ކިބައިން ސަލާމަތްވާން ބޭނުންތޯ ރައުލް ކުރި ސުވާލެވެ.

" ކިހިނެތް އަސަދުގެ ކިބައިން އަހަރެން ސަލާމަތް ވާނީ...؟ އަހަރެން އަތުގަ ނެތް ދޭނެ އެއްޗެއް... ފައިސާ އެއް ވެސް ނެތް.. "... ސާޔާގެ ވިސްނުން ހުރިގޮތް އެނގުމުން ރައުލް ދެރަވިއެވެ. އެ އަންހެން ކުއްޖާއަށް ޖެއްސި ހާލަށް އަސަދުއަށް ބަދަލު ދޭން ބޭނުންވިއެވެ.

" އަހަރެންގެ ހުށަހެޅުން ކުޑައެއް ނުވާނެ.. ސާޔާއަށް ވަރަށް އުނދަގޫ މަސައްކަތަކަށް އެކަން ވެދާނެ... އެކަމަކު މި ދިރިއުޅުމަށްވުރެ ހާސްބައި ރަނގަޅުވާނެ... އެކަމުގެ ޔަޤީންކަން އަހަރެން ދެން.. އަސަދު ކައިރީގައި ސާޔާ ހުރުމުގެ އެއްވެސް ބޭނުމެއް ނެތް... ".... ރައުލް ބުނެލ ޖުމްލައިގެ ހަޤީޤީ މާނަ ސާޔާއަށް ނުވިސްނުނެވެ. ސާޔާއަށް ވިސްނޭނެ ކަމަކަށް ރައުލް އުންމީދެއް ވެސް ނުކުރެއެވެ. އޭނާ އެބުނި ބަސްތަކުގެ މާނަ އެނގެނީ ޚުދު ރައުލް އަށެވެ.

" ސާޔާ އަހަންނާއެކު މާލެ ދާން ވީނު.. "...... ރައުލް ބުނެލީ ޖެހިލުން ވެފައި އިނދެއެވެ.

=ނުނިމޭ=

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!