ވާހަކަ

ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަނަރަވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ވެވުނީ ލޯތްބޭ ޔާރު ހުވާ (ޓްރެއިލާ) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފުރަތަމަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދެވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިންވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތަރުވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދިހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެގާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާދަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަނަރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސޯޅަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ނަވާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (20ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައްބީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނަވާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބައްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސްނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އޮނަފަންސާސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސާސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އެކާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ބާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ތޭވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސައުރަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ސަވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - ސަތުވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - އަށުވަންނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަހު ބައި)

" ޔެސް.. ނޯ ޕަވަރސް.. އާދައިގެ އިންސާނެއް..."...... ރައުލް ލަސް ލަހުން ބުނެލިއެވެ.

Ads by STELCO

****************************

ރައުލްގެ ޖަވާބާއެކު ވެރިވެގެން ދިޔައީ ހިމޭންކަމެކެވެ. ކޮށަން އިން ކެރެޓް ބޭއްވުމަށްފަހު ރައުލް ނުކުމެގެން ދިޔައީއެވެ. އޭނާގެ ފަހަތުން ރާސިލް ވެސް ނުކުމެގެން ދިޔުމުން ސެހެރާން އާއި ނަވާރް އެކަކު އަނެކަކަށް ބަލާފަ ކޮނޑު އަރުވާލިއެވެ. އެހިސާބުން އެ ދެޒުވާނުން ވެސް އެވާހަކަ ހުއްޓާލިއެވެ. ސެހެރާން ނަވާރް އަށް އެހީތެރިވަމުން ދިޔައިރު ދެމީހުން ކޮންމެވެސް މަޖާ ވާހަކައެއް ދެއްކުމަށްފަހު ހެމުން ދިޔައެވެ.

ކައްކާ ނިމުމުން ނަވާރް ސާޔާ އަށް ގުޅާލުމަށްފަހު އަންނަން ބުނިއެވެ. ނަމަވެސް ސާޔާ ހުރީ ހޮސްޕިޓަލުގައި ކަން އެނގުމުން ނަވާރް ވެސް ނިންމީ ހޮސްޕިޓަލަށް ދިޔުމަށެވެ. އޭނާ އަށް ވެސް ލިއަމް ކައިރިއަށް ނުދެވޭތާ މިހާރު ދެދުވަސް ވީއެވެ. ދެ ތަށި ޕާރްސަލް ކުރުމަށްފަހު ނަވާރް އެތަކެތި ހިފައިގެން ހޮސްޕިޓަލަށް ދިޔުމަށް ނުކުތެވެ. ސެހްރާން ނުހަނު ގިނައިރު ވަންދެން ހުރެފައި ދިޔުމުން ސެހްރާން އަށް ގުޅުމުގެ ޚިޔާލެއް އޭނާގެ ނެތެވެ. ދެން މިރޭ ރައުލް އާއި ރާސިލް ވެސް ނާންނާނެއެވެ. ހީވާ ގޮތުން މި ފިނި ރޭގައި އެ ތިން ޒުވާނުން ވެސް ނިދާނީއެވެ.

މަގުމަތި ވަނީ ފުދޭވަރަކަށް އަނދިރި ވެފައެވެ. ވިއްސާރަކޮށް އޮތުމުން ހަނދުގެ އަލިކަމެއް ފެންނާކަށް ނެތެވެ. އުޑުމަތި ބައްދާފައި އޮތީ ފުސް ވިލާތަކުންނެވެ. ޖެހެމުން ދިޔަ ފިނި ވައިރޯޅީގައި ވެސް ވަނީ ތެތް ފިނި ކަމެކެވެ. އެއް އަތުން ކޮތަޅު ހިފަހައްޓައިގެން ހުރިއިރު ނަވާރްގެ އަނެއް އަތް ވަނީ މޭގައި ހުރަސް ކުރެވިފައެވެ. އަވަސް ފިޔަވަޅު ތަކެއްގައި އޭނާ ހިނގަމުން ދިޔައިރު ކަންފަތަށް ޖަހާފައި ހުރި އެއަރ ޕޮޑްސް އިން އިވެމުން ދިޔަ ލަވައަށް ހުރިހާ ސަމާލުކަމެއް ވަނީ ހުއްޓިފައެވެ. އިރު އިރުކޮޅާ ނޭފަތް އެތެރެއަށް ދަމާލާ ގޮތުން ނަވާރް ރޮނީ ހެން ހީވެއެވެ. އެ މޫނުމަތިން ވެސް ފެންނަނީ މަޑުމޮޅިކަމެވެ. ފުން ވިސްނުމެއްގައި ހުރި ކަހަލައެވެ.

" ލޫކް..."... ނަވާރްގެ ތުންފަތް ފޫ އަޅުވާލުމަށްފަހު ނުކުތީ ލޫކަސްގެ ނަމެވެ. އެ އަޑުގައިވީ ވޭނީ ރިހުމެކެވެ. ދެލޮލުގައި ވީ ކަރުނައެވެ. ގިސްލާ ރޯން ބޭނުން ވިޔަސް ނަވާރްގެ ލޮލުން އެންމެ ކަރުނަ ތިއްކެއް ވެސް ނުވެއްޓުނެވެ. ކޮންމެ ދުވަކު އެތައް ހާސް މަރަކުން މަރުވާ އިރުވެސް އޭނާ އަށް މަޖުބޫރު ވެފައިވަނީ ފޭކް ހިނިތުންވުމެއް ދައްކާށެވެ. ޔަލާއާއި އާއިލާގެ ހައްޤުގައި އެ ހިތުގައި ލޫކަސް އަށްޓަކައި ވީ ފުން ލޯބި ފޮރުވާލައިގެން ހުންނަން ނަވާރް އަށް މަޖުބޫރެވެ.

ކުއްލިއަކަށް އޭނާގެ ސަމާލުކަން އަތުލީ ކައިރީގައި ހުރި ގެއިން ނުކުން ޒުވާން ޖޯޑަށެވެ. ވެހެމުން ދިޔަ ހިމަ ފޮދު ވާރޭގައި އެ ދެ ޒުވާނުން އަތުގުޅުވައިގެން ތިބެ ކުރިއަށް ދަމުން ފިރިހެން ކުއްޖާ އަންހެން ކުއްޖާގެ ކަންފަތް ދޮށުގައި ސިއްރުން ކޮންމެވެސް ވާހަކައެއް ބުނެލިއެވެ. އެއާއެކު އެ އަންހެން ކުއްޖާ ހަޅޭއްލަވައިގަތުމާއެކު ފިރިހެން ކުއްޖާ ކުރިއަށް ދުއްވައިގަތެވެ. އަންހެން ކުއްޖާ ވެސް ފިރިހެން ކުއްޖާގެ ފަހަތުން ދުއްވައިގަތް އިރު ދެޒުވާނުންގެ ހުނުމުގެ އަޑު ފަޒާގައި ގުގުމައިގެން ދިޔައެވެ.

ނަވާރްގެ ތުންފަތަށް ވެރިވީ ފަނޑު ހިނިތުންވުމެކެވެ. އިސްޖަހާލަމުން އޭނާ ލޯ މަރާލީ މާޒީން ދުވަހެއް ސިފަކުރަމުންނެވެ.

***********************

އެއީ އެންމެ ފުރަތަމަ ލޫކަސް އާއި ދިމާވި ދުވަހެވެ. ހަމަ އެފަދަ ވިއްސާރަ ދުވަހެކެވެ. ނަވާރް އަށް ކޮލެޖަށް ދެވުނީ ގަޑި ޖެހިގެންނެވެ. ފުރަތަމަ ދުވަހަށްވެފައި ބޭރު ޤައުމެއްކަމުން އޭނާ ހުރީ ނުހަނު ހާސްވެ ކަންބޮޑުވެފައެވެ. ކްލާސް ހުންނަ ދިމާލެއް ހޯދަންވެސް ނޭނގިފައި ކޮމްޕައުންޑް މެދުގައި ހުރެވެނީއެވެ. އެހެން ހުރެފައި އޭނާ ހިނގައިގަތީ ކައިރީގައި ހުރި ބެންޗަކާއި ދިމާލަށެވެ.  ބެންޗުގެ އެއް ފަރާތުގައި ކޮފީ ތަށްޓެއް ހުރި ނަމަވެސް ނަވާރްގެ ލޮލުގައި ތަށި އަޅައިނުގަތީ ހާސްވެފައި ހުރި ވަރުންނެވެ.

" ހެއި..."... ނަވާރް ސިހިފައި އިސްއުފުލާލީ ކުރިމަތިން ނުހަނު ފިރިހެންވަންތަ އަޑެއް އިވުމުންނެވެ. އާޝޯހުވެފައި އެ ޒުވާނާއާއި ދިމާލަށް ބަލަން ނަވާރްއަށް އިނދެވުނީ އެފަދަ ޒުވާނެއް މީގެ ކުރިން ފެނިފައި ނެތުމުންނެވެ. ކަސްރަތީ ރީތި ހަށިގަނޑެކެވެ. ލައިގެން ހުރި ހުދު ކުލައިގެ ގަމީސް އަތުގެ އުޅަބޮށްޓާއި ހަމައަށް އޮޅާފައި ހުރިއިރު އެ އަތުގެ ވަރުގަދަކަން ހާމަވަނީ ގަމީސް ގަޔަށް ހިފާފައި ހުރުމުންނެވެ. އެއްފަރާތަކަށް ސްޓައިލް ކުރެވިފައިވާ ކަޅު ކުލައިގެ ރާޅު އިސްތަށިގަނޑުގައި ހަރުލާފައިވާ ވާރޭ ތިކިތައް ކުދި މުދީތަކެއް ފަދައިން ވިދަމުން ދިޔަ ގޮތުން ޖާދުވީ ގޮތެއް ހުއްޓެވެ. އެ ވަރުގަދަ ބުމައާއި ބޯ އެސްފިޔަތަކުގެ ފުރަގަހުގައި ފޮރުވިފައިވީ ތޫނު ދެލޮލުގެ ބެލުމުން ނަވާރްއަށް އިސްޖަހަން މަޖުބޫރު ވިއެވެ. ހާދަހާ ފުރިހަމަ އެވެ. ނަވާރްގެ ކޯތާފަތަށް ހޫނުވަމުން ދިޔަކަން އިހްސާސް ކުރެވުމުން އެއަށްވުރެ ބޮޑަށް އޭނާ އިސްއޮބާލިއެވެ.

" އަމް... މައި ކޮފީ....."...... އެ ޒުވާނާ އަތުން އިޝާރާތް ކޮށްލަމުން ބުނެލިއެވެ. އޭރު އޭނާގެ މޫނުގައިވީ ލުއި ހިނިތުންވުމެކެވެ. ވާހަކަ ދެއްކުމުގައި ވެސް ހުރީ ނުހަނު ބްރިޓިޝް ގޮތެކެވެ. އަޖައިބެކެވެ. މީގެ ކުރިންވެސް ރީތި ފިރިހެނުން ފެނިފައި އެބަހުއްޓެވެ. ނަމަވެސް މިފަދަ އާދަޔާޚިލާފު އިހްސާސެއް ނުކުރެވެއެވެ.

ނަވާރް އަވަސް އަވަހަށް މާފަށް އެދުމުން ކޮފީ ނަގާ ދިއްކޮށްލިއެވެ. ޒުވާނާ ކޮފީގައި ހިފި ވަގުތު ނަވާރްގެ އިނގިލިތަކުގައި އަތް ޖެހުނެވެ. އެއާއެކު ނަވާރް އަށް ނުހަނު އަވަހަށް އަތް ދަމައިގަނެވުނެވެ. ޒުވާނާއަށް ރަނގަޅަށް ތަށީގައި ނުހިފެނީސް ނަވާރް އެގޮތަށް ކަންތައް ކުރުމުން ހޫނު ކޮފީތަށި ބަންޑުންވީ އޭނާގެ އަތަށާއި ހެދުމަށެވެ.

" އައިމް ސޯ ސޮރީ.. ލެޓް މީ ހެލްޕް ޔޫ..."..... ޖީބުން ނެގި ކުޑަ ރުމާކޮޅުން އޭނާ ނަވާރްގެ އަތަށް އެޅިފައި ހުރި ކޮފީ ސާފް ކޮށްލިއެވެ. އަދި އިތުރު ރުމާލަކާއި ދަބަހުން ނެގި ފެން ފުޅިއެއް ދިނުމަށްފަހު ހެދުން ސާފް ކުރަން އެދުނެވެ.

" މައި ބޭޑް.. ހައި.. އައިމް ނަވާރް...".. ހެދުން ސާފް ކޮށްލުމަށްފަހު ނަވާރް އެ ރުމާކޮޅު ޒުވާނާއަށް ދިއްކޮށްލިއެވެ. އޭނާގެ ލޮލުގައި އަޅައިގަތީ ރުމާލުގެ ކަނުގައި އެމްބްރޮއިޑް ކޮށްފައިވާ "އެލް" އަކުރެވެ.

" އައިމް ލިއަމް.. އަރ ޔޫ ފްރޮމް މޯލްޑިވްސް.. ޔޫ ލުކް ލައިކް އެ މޯލްޑިވިއަން...".. ލިއަމް ބޯ އަރިކޮށްލަމުން އަހާލީ ނުހަނު ހެވިފައެވެ. އެ ހިނިތުންވެސް ހާދަ ފުރިހަމައެވެ. ރުމާކޮޅު އަނބުރާ ނެގުމުގެ ބަދަލުގައި ނަވާރް އަތުގައި އޭތި ބެއްވުމަށް ލިއަމް އެދުނެވެ. އެވަގުތު ނަވާރްގެ ލޮލުގައި ތަފާތު ވިދުވަރެއް އުފެދުނެވެ. ލިއަމް އަކީ ރާއްޖޭގެ ކުއްޖެއް ހެއްޔެވެ؟.. އެކަމަކު އެ ހުރި އަޅައިގަންނަ ސިފަތަކުން އެއީ ބޭރުކުއްޖެއްކަމަށް ނަވާރް ޔަޤީން ކުރިއެވެ.

ނަވާރް ބޯ ޖަހާލުމާއެކު ލިއަމް އޭނާ އަކީ ވެސް ރާއްޖެއަށް ނިސްބަތްވާ ކުއްޖެއް ކަމުގައި ބުނެލިއެވެ. ލިއަމް އެންމެ ފުރަތަމަ ވެސް ތައުރީފް ކުރީ ނަވާރްގެ އިސްތަށިގަނޑަށެވެ. ބުޅި އިސްތަށިގަނޑު އޭނާ އަށް ވަރަށް ރީތި ކަމުގައި ބުނެ ނަވާރްގެ އިސްތަށިގަނޑުގައި އަތް ހިންގާލިއެވެ. އޭނާގެ އަނގަގަދަ މަޖާ މިޒާޖުގެ ސަބަބުން ނަވާރް އާއި ނުހަނު ގާތް ގުޅުމެއް އުފެދުނެވެ.

********************************

ކުއްލިއަކަށް ސިހިފައި ނަވާރް އަށް ފިޔަވަޅުތައް މަޑުޖައްސާލެވުނީ ކައިރިން ކާރެއް ބަރުގޮނު އަޅާލުމުންނެވެ. އެއާއެކު ކާރުގެ ހުދު އަލިން ނަވާރްގެ ލޯ ތަރަތަރަ ޖަހައިގެން ދިޔައެވެ. ނަމަވެސް ހަމަ އެ ސިކުންތުގައި ބާރުގަދަ އަތަކުން އޭނާ ކޮށްޕާލިއެވެ.  ކާރުން ދިޔަ މީހާ ކިޔާ އެއްޗިއްސަށް ބެލުމެއް ނެތި ނަވާރް ފަސް އެނބުރި ބަލާލީ އޭނާ ސަލާމަތްކުރީ ކާކުތޯއެވެ.

" ފަހަތަށް ނޫން ބަލަންވީ.. ކުރިއަށް.. ސީރިޔަސްލީ ނަވާ؟.. ދެންމެ އަހަންނަށް ނާދެވުނު ނަމައޯ؟... ލޫކަސް އަށްޓަކާ މަރުވާން އުޅުނު އިރު ނަވާރްގެ މަންމަ ކޮބާ؟.. ބައްޕަ ކޮބާ؟.. ނޯޔާ އަށް އޭނާގެ ދޮންތަ ވެސް ގެއްލެންތަ ނަވާރް ބޭނުންވަނީ؟.. ލިއަމް ރަނގަޅުވާއިރު ނަވާރް ނެތީމާ ކީކޭ ބުނަންވީ؟... ނަވާ ނެތިވެ އަހަރެން ކިހިނެތް އުޅޭނީ.".... ކުރިމަތީގައި ރައުލް ހުރީ ހިތްހަމަ ނުޖެހިފައެވެ. އޭނާގެ އަޑު ބާރުވެފައިވީ އިރު ހާސްވެފައިވާ ވަރު މޫނުން ހާމަވަމުން ދިޔައެވެ. އެންމެ ފަހު ޖުމްލަ ދުލުން ބޭރުވުމާއެކު ރައުލް ހިމޭންވިއެވެ. ބުނެވިގެން ނުވާނޭ އެއްޗެއް ބުނެވިއްޖެކަމުގެ އިހްސާސް ކުރެވުނެވެ. ތަންކޮޅެއް ބާރަށް ނަވާރް ކޮށްޕާލެވުމުން އޭނާ ކަންބޮޑުވިއެވެ. ނަވާރް އަށް އަނިޔާއެއް ލިބިފައި ހުރިތޯ ބެލުމަށް ރައުލް އަވަސްވެގަތެވެ.

" އަތް ނުލާ...".... ރުޅި އާއި ހިތާމައިން ފޯވެފައި ހުރެ ނަވާރްއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ. ނަމަވެސް ރައުލް ދެކެ ރުޅި އަންނަންޖެހޭ އެއްވެސް ސަބަބެއް ނެތްކަން ޚުދު އޭނާގެ އަމިއްލަ ނަފްސަށްވެސް އެނގެއެވެ. ކަރުނުން ފުރެމުން ދިޔަ ލޯ ފޮރުވާލުމަށް ނަވާރް އިސްޖަހާލަމުން ތުންފިއްތާލިއެވެ. ނަމަވެސް އެއްވެސް އިޚްތިޔާރެއް ނެތި ކަރުނަތައް ކޯތާފަތް މަތިން ރޮނގަކަށް ފައިބަން ފެށިއެވެ.

ނަވާރްގެ މަޑު ގިސްލުމުގެ އަޑު ކަންފަތުގައި ޖެހުމާއެކު ރައުލްގެ ރުޅި އެއްކޮށް ފިލައި ދިޔަ ކަހަލައެވެ. އިސްތަށިގަނޑުގައި އަތް ހިންގާލަމުން ރައުލް ފުން ނޭވާއެއް ދޫކޮށްލިއެވެ. އޭގެ ފަހުގައި ނަވާރްގެ ކަރުނަތަށް ނުހަނު ލޯބިން ފުހެދިނެވެ.

" ލުކް ނަވާ.. އަހަރެން ރުޅި އައިސްގެން ބުނި އެއްޗެއް ނޫން އެއީ.. އެކަމަކު ނަވާ ދެން ލޫކަސް މަތިން ހަނދާން ނައްތާލަން ވެއްޖެ.. ނަވާ ވެސް އަމިއްލަ ދިރިއުޅުމާއިގެން ކުރިއަށް ދާންވީ.. "... ރައުލް ވާހަކަ ދެއްކީ މަޑު މަޑުންނެވެ. އޭނާއަށް ބުނެވޭ ގޮތަކުން ނަވާރް އަނެއްކާވެސް މާބޮޑަށް ދެރަވެދާނެއެވެ.

އެއްޗެކޭ ނުބުނެ ހުރުމަށްފަހު ނަވާރް ބޯ ޖަހާލިއެވެ. އެއަށްފަހު ރައުލްއަށް ބަލާލުމަށްފަހު ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލިއެވެ. އެ ސިކުނޑީގައި ދައުރުވަމުން ދިޔަ ޚިޔާލު ދެނެގަންނަން ރައުލް ބޭނުންވިޔަސް ނަފްސު މައިތިރި ކުރިއެވެ. ނަވާރް އަށް އޮޅުވާލަން އޭނާ ބޭނުމެއް ނޫނެވެ.

****************************

ގޮނޑީގައި އިން ސާޔާ އަށް އިރުއިރުކޮޅާ ލިއަމްގެ މޫނަށް ނަޒަރު ހުއްޓާލެވެއެވެ. އޭނާ އަށް ކުރިން ފާހަނގަ ވެފައި ނެތްކަމެއް ލިއަމްގެ ފަރާތުން ފެނުމުން ކުޑަކޮށް ހައިރާންވިއެވެ. ސާޔާ އަށް އެވަރަށް ނުބެލުނީ ބާއެވެ؟... މީގެ ކުރިން ލިއަމްގެ ލޯ ކުޑަކޮށް ހުޅުވިފައި ހުރިކަމެއް އޭނާއަށް ނޭނގެއެވެ. އެކަން ފާހަނގަ ނުވީ އެހާ ވަރަށް ސަމާލުކަން ނުދެވުމުންނޭ ސާޔާގެ ހިތަށް އެރިއެވެ. އަނެއްކާ ލިއަމް އަށް އޭނާ ފެންނާނެ ބާއެވެ؟...

އެ ހިޔާލު ސިކުނޑިއަށް ވެރިވުމާއެކު ސާޔާ ގޮނޑިން ތެދުވެ ލައިގެން ހުރި ހެދުން ރީތި ކޮށްލިއެވެ. އަދި ފޯނުގެ ކެމެރާ އިން ބަލައިގެން އޭނާގެ މޫނު ރީތި ކޮށްލިއެވެ. އިސްތަށިގަނޑުގައި އަތުން ފުނާ އަޅާލުމަށްފަހު ހިތްހަމަ ޖެހޭ ވަރު ވުމުން ސާޔާގެ ތުންފަތަށް ވެރިވީ ރީތި ހިނިތުންވުމެކެވެ. އެ ހިނިތުންވުމަށް ފުރިހަމަކަމެއް ގެނެސްދިނީ ކޮލަށް އެޅުނު އަޑި ކޮޅުންނެވެ.

އެނދާއި ކައިރިއަށް ޖެހިލަމުން ސާޔާ ލިއަމްގެ މޫނު ކައިރީ އަތް ހޫރާލިއެވެ. ގުދުވެ އޮތުމުގެ ސަބަބުން އެ ފަން ދިގު އިސްތަށިގަނޑުން ބައެއް އިސްތަށިތައް ލިއަމްގެ މޫނުގައި ޖެހެމުން ދިޔައެވެ. ނަމަވެސް އެކަމަށް ސާޔާގެ ފަރުވާލެއް ނެތެވެ. ލިއަމްގެ މޫނު އެހާ ކައިރިން ފެނުމުން އޭނާ ހިތް ފުރެންދެން ބަލާލަން ބޭނުންވިއެވެ.

" ހްމްމްމް... ނައިސް އައިބްރޯސް މިސްޓަރ ހޭންޑްސަމް.. "... ސާޔާ އިނގިލި ކުރިން ލިއަމްގެ ބުމައިގައި ޖައްސާލިއެވެ. އަދި މަޑުމަޑުން ލިއަމްގެ ކޮލުގައި އަތުގެ ނުފުށުން ފިރުމާލިއެވެ.

" ލިއަމް ރަނގަޅު ވީމަ ވާނެ ޖިމަށް ދާން.. ސްޓްރޯންގް ވާން.. މަސަލްސް...".... ސާޔާ ދެއަތް ފުޅާ ކޮށްލަމުން ބުނެލިއެވެ. އަދި ވަށައިގެން އެނބުރިލަމުން އަތުގައި އޮތް ގަޑި ބަލާލިއެވެ. ނަވާރް އަންނާނަމޭ ބުނެފައި ލަސްވާތީ އޭނާ ކަންބޮޑުވިއެވެ.

" ލިއަމް އަށް އިނގޭތަ؟... ޔޯރ ފެމިލީ މިސް ޔޫ.. އަ ލޮޓް.. ސާޔާ ހިތަށް އަރާ އެކަހަލަ ފެމިލީ އެއް ލިބޭނެ ނަމައޭ... ލިއަމްހާ ނަސީބު ގަދަ ނަމައޭ... ލިއަމް ލިބޭ ކުއްޖަކު ހާދަ އުފާވާނެ އޭ ދޯ.. އައިމް ސަޕްރައިޒްޑް ލިއަމްގެ ގަރލް ފްރެންޑެއް ވެސް ނެތީމަ.. ތިހާ ރީތި މީހެއް ވަރަށް ކާމިޔާބު ވާނެ.. އެހެންވީރު ހުންނަން ވާނެ އެންނު ހާއްސަ ކުއްޖެއް.. އަނެއްކާ ލޯބިވެރިޔާ ފިލީތަ ލިއަމް އެކްސިޑެންޓް ވީމަ..."... ސާޔާ އޭނާގެ ސިކުނޑިއަށް ވެރިވަމުން ދިޔަ ހިޔާލުތައް ލިއަމް އާއި ހިއްސާ ކުރަމުން ދިޔައީ ފިކުރެއްނެތިއެވެ. އެކަމުން ނުކުމެދާނެ ނަތީޖާއަށް ވިސްނާލުމެއް ނެތިއެވެ. ނޫނީ އެއަށްވުރެ އެ ސިކުނޑި ޅައީއެވެ. ދުނިޔޭގައި ކަންކަން ހިނގާ ގޮތް ދަސްވެފައި ނެތީއެވެ. އެކަށީގެންވާ ވަރަށް މައުލޫމާތު މުއްސަނދި ނޫނީއެވެ.

ސާޔާގެ ވާހަކަ މެދުކަނޑާލީ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލުމަށްފަހު ނަވާރް އާއި ރައުލް އެތެރެއަށް ވަނުމުންނެވެ. ނަވާރްގެ މިލާފައިވާ މޫނު ފެނުމުން ކޮންމެވެސް ބޮޑު ކަމެއް ހިނގައިފިކަން އޭނާއަށް ޔަޤީންވިއެވެ. ނަމަވެސް އެކަމާއި ގުޅޭ ގޮތުން ސުވާލުކުރަން އުޅެފައި ވެސް އޭނާ ހުއްޓާލީ ރައުލް އިޝާރާތް ކުރުމުންނެވެ.

" ކޮބާ ޕާސްތާ .. ނަވާ އަންނަންދެން މި އިންނަނީ އިންތިޒާރުގަ... "... ސާޔާ ބަނޑުގައި ފިރުމާލަމުން އަނގަޔަށް ގޮތެއް ހަދާލިއެވެ. އެ ހަރަކާތުން ނަވާރްގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.

" ނަވާ އަތުން ކޮތަޅު ވެއްޓި ފަޅައިގެން ދިޔައީ... ސޮރީ ސާޔޫ..".... ނަވާރް އައިސް އިށީނީ ސޯފާގައެވެ. އެ އަޑުގައި އެހެންޏާ ހުންނަ ޖޯޝެއް ނެތެވެ. މޫނުގައި ދިރުމެއް ނެތެވެ.

" އިޓްސް އޯކޭ.. ހިނގާ މިތާ ކައިރި ރެސްޓޯރެންޓަކަށް... ވަރަށް ބަނޑުހައި..."... ސާޔާ އައިސް ނަވާރްގެ އަތުގައި ހިފާ ކޮޅަށް ނަގަމުން ބުނެލިއެވެ. އިތުރަށް އެއްޗެކޭ ބުނާނެ ފުރުސަތެއް ނަވާރްއަށް ނުދީ ސާޔާ ހިނގައިގަތެވެ. ދެ އަންހެން ކުދިންގެ ފަހަތުން ރައުލް ވެސް ނުކުތެވެ.

އެ ތިން ޒުވާނުންގެ ލޮލުގައި ވެސް އަޅައިނުގަތީ ލިއަމް އެވެ. އެ ލޮލުން ފޫދެމުން ދިޔަ ކަރުނަތެކެވެ. ލިއަމް ގެ ގެ ތާޒާ ކަރުނަތަކުން އޭނާ އޮށޯވެ އޮތް ބާލީސް ތެންމަމުން ދިޔަ އިރުވެސް ހަރަކާތެއް ނުކުރެވުނެވެ. އެއް ދިމާލަކަށް ކަޅި ހުއްޓާލައިގެން އޮތް އިރު އެ ކަރުނަތަކުގެ މާނައަކީ ކޮބައި ހެއްޔެވެ؟..

*******************

ސްވިޒްލޭންޑްގެ އަނދިރި ގޯޅިއެއްގެ ތެރެއަށް ވަތް މީހާ ދެފަރާތް ހޯދާލިއެވެ. އިސްތަށިގަނޑުގެ ބައެއް އިސްތަށިތައް ނުރަވެފައި ހުރި ނަމަވެސް އެ މޫނުން އަދިވެސް ޒުވާންކަމުގެ ޖޯޝު ފަނޑެއް ނުވެއެވެ. ވަށައިގެން މީހެއް ފެންނަން ނެތުމުން އޭނާ ޖީބުގައި އޮތް ފޯނު ނަގާ ނަންބަރަކަށް ގުޅާލިއެވެ.

" ކޮބާ؟.. އަހަރެން މިހިރީ އެތާނގަ.. އަވަސް ކުރޭ..".... ބަރު ފިރިހެންވަންތަ އަޑެކެވެ. ލައިގެން ހުރި ކޯޓުގެ ޖީބު ތެރެއަށް ފޯނު ކޮށްޕާލަމުން އޭނާ ފާރުގައި އެއް ފައި ޖައްސާލަމުން ލެނގިލިއެވެ. އެހެން ހުންނަތާ އިރުކޮޅެއް ފަހުން އެދިމާލަށް އަންނަ މީހެއްގެ ފިޔަވަޅުގެ އަޑު އިވުމުން އެމީހާ ހަށިގަނޑު ސީދާ ކޮށްލަމުން ދެއަށް ޖީބަށް ޖަހާލުމަށްފަހު އަޑު އަންނަ ދިމާލަށް ކުރިމަތިލައިގެން ހުއްޓިގަތެވެ.

" ބޮސް..."... އެ ގޯޅިއަށް ވަނީ ޖާނުން ވަރުގަދަ ފިރިހެނެކެވެ. އަތުގެ މަސްތަށް ވެސް ހުރީ ފުފިފައެވެ. ލައިގެން ހުރި އަތް ކުރު ކަޅު ކުލައިގެ ޓީޝާޓުގައި އެ ޒުވާނާގެ ކަސްރަތީ ހަށިގަނޑުގެ ވަރުގަދަކަން ފެންނަން ހުއްޓެވެ. ވައަތުގައި ކަނޑިއަކާއި ފިނިފެންމަލުން ޒީނަތްތެރި ކުރެވިފައިވާ ޓެޓޫއެއް އިން އިރު ކަންފަތުގައި ބޮޅެއް އެލުވާފައި އޮތެވެ. އެ ޒުވާނާ ދެފަރާތަށް އެއްލެމުން އައި ގޮތުން ހުރީ ހަމައިގަ ނޫންކަން އެނގެއެވެ.

" އެލެކްސް. ... ކަލޭ ކައިރީ އޭރު ބުނި މަސައްކަތް ނިންމީ ރަނގަޅައްތަ؟... ރަނގަޅަށް ހަނދާން ކުރޭ.. ނޫނީ ކަލެއަށް މިހެން ނޫޅެވޭނެ އިނގޭ...".... ކޯޓުގައި ހުރި މީހާ އައިސް ހުއްޓިލީ އެލެކްސްގެ ކުރިމަތީގައެވެ. އެލެކްސްގެ ކޮނޑަށް އަތް ވައްޓައިގެން ގޮސް އޭނާ އިށީނީ އެއް ފަރާތެއްގައި ހުރި ވަކަރު ބެންޗެއްގައެވެ.

" އާނ.. އެ އަންހެން ގޮލާ މަރާލީމެންނު... ރާރާ.. ލާރާ.. ކޯއްޗެއްތަ؟... މަ ހަނދާނެއް ވެސް ނެތް މިހާރު...".... އެލެކްސް ދައްކަމުން ދިޔަ ވާހަކަ ކިރިޔާ ސާފު ވަނީ އެވެ.

" ކަލޭ ތިބުނީ ރަނގަޅައްތަ؟.. އެއީ ހަމަ އޭނަތަ؟... ބުނަން.. ދޮގު ހަދައިފިއްޔާ މާ ރީއްޗެއް ނުވާނެ އިނގޭ..."... އެލެކްސްގެ ކޮނޑުގައި ބާރަށް ހިފަހައްޓާލަމުން އޭނާ ބުނެލިއިރު އެ އަޑުގައި ވަނީ އިންޒާރެކެވެ.

" އޭތ.. ތަދުވެޔޭ... މަ ކޮން ދޮގެއް ހަދަންވީ؟... އޭނަ އެކްސިޑެންޓު ކުރީ އަބުޅޯ .. އަބުޅޯ އާ އޭނަ މަރުވީ.. ދެން ކާރުގަ އިން ފިރިހެން ސޮރު ކޯމާ އަށެއްނު ދިޔައީ.. ރީތި މަންޖެ އެންނު ސަލާމަތްވީ.. ކަލޭ ކޯއްޗެއް ތި ކިޔަނީ؟.. ކަލޭގެ ދެއަތުން ނޫންތަ އޭނަ ވަޅުލީ؟... "... އެލެކްސް އެ ފިރިހެން މީހާގެ އަތް ފޮޅުވާލަމުން ތެދުވެގެން ދާން އުޅުނެވެ. ނަމަވެސް އޭގެ ކުރިން އޭނާ ލައިގެން ހުރި ޓީޝާޓުގައި ހިފާ ގެނެސް އަނެއްކާވެސް ބެންޗުގައި އެ ފިރިހެން މީހާ ބޭންދިއެވެ.

" ކަލޭ އަނގަ މައިތިރި ކުރޭ.. އެހެން ޓާސްކް އެއް ހަވާލު ކުރަން މިއައީ.. މި މަންޖެ އަކީ ކާކުތޯ މަށަށް ހޯދައިދޭންވީ... މީނަގެ ހުރިހާ މައުލޫމާތެއް.. ބަރާބަރު އެއް ހަފްތާ... މިރޭ ފުރަން ޖެހޭނެ... މި އޮތީ ޕާސްޕޯޓު.. އައިޑީ ކާޑު.. ކޭޝް ކާޑު.. ޑްރައިވިންގް ލައިސަންސް... ޖޮބް ލައިސަންސް..  ކަލެއަކީ ވިޝާލް... ވިޝާލް އަހްމަދު.. ކަލޭގެ މައިންބަފައިން މަރުވެއްޖެ.. އާއިލާ އެއް ނެތް.. މަސައްކަތް ކުރާނީ ބޮލްސޮމް ހޮސްޕިޓަލް ގަ.. މި ހުރިހާ ދުވަހު އުޅުނީ ދުބާއީގަ.. ".... ފިރިހެން މީހާ ދިއްކޮށްލި ފައިލްގައި ހިފަމުން އެލެކްސް އެ ފައިލް ހުޅުވާލިއެވެ. އޭނާގެ ދެލޯ ބޮޑުވީ ފައިލްގެ ފުރަތަމަ ގަނޑުގައި އިން ފޮޓޯ ފެނިފައެވެ. އެލެކްސްގެ އަތް ތުރުތުރު އަޅަން ފެށުމާއެކު ފައިލް ވެއްޓުނެވެ.

" މި.. މީނަ މަރުވެއްޖެ އެންނު.. ކޮން ސަމާސާ އެއް ތި ކުރަނީ؟.. މަރުވެފަ އޮތް މީހެއްގެ މައުލޫމާތު ހޯދަނީ ކިހިނެތް...".... އެލެކްސްގެ އަޑު ނުކުތީ ކިރިޔަ ކިރިޔާއެވެ. އެކަމުން އޭނާ ޖެހިލުންވެފައި ހުރިވަރު ހާމަވެއެވެ. އެފިނި މާހައުލުގައި ވެސް އެލެކްސްގެ ނިންކުރިން ދާތިކިތައް ވިދަން ފެށިއެވެ.

" ކަލޭ ހަމަޖެހޭ.. މިއީ އަލާރާ އެއް ނޫން.. މި ކުއްޖާ އަށް ކިޔަނީ ސާޔާ.. " ވެއްޓުނު ފައިލް ނަގާ އަނބުރާ އެލްކެސް އަތަށް ދެމުން އެ ފިރިހެން މީހާ ބުނެލިއެވެ. އެލެކްސް ވެސް ހަމަޖެހެން މަސައްކަތް ކުރަމުން އެ ފޮޓޯ އަށް ބަލާލިއެވެ. އޭނާ އަށް ވެސް އަލާރާ އާއި ސާޔާގެ ތަފާތު ފާހަނގަ ކުރެވުނެވެ.

" ހްމްމްމް.. ސާޔާ.. ހޮޓް.."...އެލެކްސްގެ ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. އެ ސިކުނޑިއަށް ވެރިވީ ކޮންފަދަ ހިޔާލެއް ކަމެއް ވެސް ނޭނގެއެވެ.

" ޑީލް ޑަން ބޮސް... މޯލްޑިވްސް.. އެލެކްސް.. އަހ.. އައި މީން.. ޑރ ވިޝާލް އިޒް ކަމިންގ..."... އެލެކްސް ހަމަ އެ ނުލަފާ ހިނިތުންވުމުގައި އިނދެ ބުނެލިއެވެ. ބޮޑާ ކަމުގެ ހައްދެއް ނެތެވެ. އޭނާ އާއި ޖެހިގެން އިން ފިރިހެން މީހާގެ ތުންފަތަށް ވެރިވި ހިނިތުންވުން ފޮރުވާލަމުން މޫނަށް ސީރިޔަސް ކުލަވަރެއް ވެރިކޮށްލިއެވެ. އެ މޫނުން ހިނދުކޮޅަކަށް ނަމަވެސް ނުތަނަވަސްކަން ފާޅުވީ މަންޒިލަށް ވާސިލްވުމަށް އޮތް ހުރަސްތަށް ހިތަށް އަރުވާލެވުމުންނެވެ.

= ނުނިމޭ =

 

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!