ވާހަކަ

ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާރަވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ވެވުނީ ލޯތްބޭ ޔާރު ހުވާ (ޓްރެއިލާ) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފުރަތަމަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދެވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިންވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތަރުވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދިހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެގާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާދަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަނަރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސޯޅަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ނަވާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (20ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައްބީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނަވާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބައްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސްނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އޮނަފަންސާސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސާސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އެކާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ބާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ތޭވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސައުރަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ސަވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - ސަތުވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - އަށުވަންނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަހު ބައި)

ރައުލް ގޮސް ވަކިން ހުރި ޕްރައިވެޓް ކޮޓަރީގެ ދޮރު ހުޅުވާލަމުން އެތެރެއަށް އައުމަށް ސާޔާއަށް އިޝާރާތް ކުރިއެވެ. އަވަސް ވެފައިވާ ހިތަކާއެކު އޭނާ އެ ކޮޓަރިއަށް ފިޔަވަޅެއް އަޅާލިއެވެ. އޭރު އޭނާގެ ނޭވާ ވަނީ ހިފަހައްޓާލެވިފައެވެ. ފިނިވެފައިވީ ދެއަތް މަޑުމަޑުން ޖޯޑުކޮށްލިއިރު ނަޒަރު ހުއްޓިފައި ހުރީ އެނދުގައި އޮތް ޒުވާނާއަށެވެ.

Ads by Hajj Corporation

**************************

ސާޔާގެ ފިޔަވަޅުތައް މަޑުމަޑުން އަޅަން ފެށީ ލިއަމް ބާއްވައިފައި އޮތް އެނދާއި ދިމާލަށެވެ. އޭނާ ހުއްޓުނީ އެނދާއި ފޫޓެއްހާ ދުރުމިނުގައެވެ. ގިނަ ދުވަސްތަކެއް ވަންދެން ބަލި އެނދުގައި އޮތުމުން ލިއަމްގެ ހަށިގަނޑު ވަނީ އަނަރޫފު ވެފައެވެ. ނަމަވެސް އެ ރީތިކަން ސާޔާއަށް ފާހަނގަ ކުރެވުނެވެ. ދިގުވެފައިވާ ތުނބުޅިއާއި އިސްތަށިގަނޑުން ލިއަމްގެ ސިފައަށް ބަދަލު އައިސްފައިވާކަން އޭނާ އަށް އެނގުނީ ކުރިން ފެނިފައިވާ ފޮޓޯއިންނެވެ.

ސާޔާގެ ހަރަކާތްތަކަށް ސަމާލުވެގެން ހުރި ރައުލް ހިތްހަމަޖެހުނެވެ. އޭނާގެ އެދުމާއި ސާޔާ ދެކޮޅު ނުހަދާނެކަން ރައުލްއަށް ޔަޤީންވިއެވެ.

" ނަވާގެ މަންމައަށް މިކަން އެނގޭތަ؟..."... ސާޔާ އަހާލީ ލިއަމްއަށް ފުރަގަސް ދެމުންނެވެ. އޭރު އޭނާގެ ދެއަތް ވަނީ އުނގަނޑުގައި ވިއްދާލެވިފައެވެ. ސާޔާ ބަލަން ހުރި ގޮތުން ހީވަނީ ދިރާސާއެއް ކުރަން އުޅޭ ހެންނެވެ. ރައުލް ބޯ ޖަހާލުމުން ސާޔާ ދެން އަހާލީ ނަވާރްއަށް ވެސް އެނގޭތޯއެވެ. ރައުލް އަނެއްކާވެސް ބޯ ޖަހާލީއެވެ.

" ސީރިޔަސްލީ... ކީއްވެ އެކަކު ވެސް ނުބުނީ.. ".... ސާޔާ މިފަހަރު ހަޤީޤަތުގައި ވެސް ނުރުހުންވިއެވެ. ނަވާރްއަށް ވެސް އޭނާއަށް އޮޅުވާލީއެވެ.

" ނަވާއަށް ނޭނގޭނެ މެރިއޭޖް ސްޓޯރީ.... އެ އުޅޭ އަނގަގަދަ ނޯޔާގަނަޑު ވާހަކަ ފަތުރާލީ....."... ރައުލް އަނގަޔަށް ގޮތެއް ހަދާލީ ނޯޔާދެކެ ހިތްހަމަނުޖެހިފައި ހުރިކަން ދައްކާލަން އެކްޓް ކުރުމަށެވެ. ނަމަވެސް ރައުލްގެ އެ ހަރަކާތުން ނޯޔާދެކެ ލޯބިވާ މިންވަރު ހާމަވެއެވެ.

" އޯކޭ.. އަހަރެން ކިހިނެތް ލިއަމް ރަނގަޅު ކުރަންވީ؟.. ޓެލް މީ އެބައުޓް ހިމް...".... ސާޔާ އައިސް ސޯފާގައި އިށީނދެ ރައުލް އާއި ކުރިމަތި ލިއެވެ. އޭރު ރައުލް ވެސް އައިސް ލުއިގޮތަކަށް ސޯފާގެ ކުރިމަތީގައި ބެހެއްޓިފައިވާ ކުޑަ މޭޒުމަތީގައި އިށީނެވެ.

" އެއީ އަސްލު ނޯޔާއާއި ސެހެރް އާއި ހަވާލުކުރި މަސައްކަތެއް...".... ރައުލް އިސްތަށިގަނޑުގައި އަތް ހިންގާލަމުން ހީލިއެވެ. އޭނާ ކަންކަން ރާވާފައިވާ ގޮތްތައް ސާޔާ އަށް މަޑުމަޑުން އެނގޭނެއޭ ހިތަށް އެރުމުން މަޖާވިއެވެ. ރައުލް ސެހްރާންގެ ވާހަކަ ބުނުމުން އެދުވަހު އެއްވެސް ގޮތަކަށް ސެހްރާން ނުފެންނަކަން ސާޔާ ހަނދާންވިއެވެ. އެކަމާއި ގުޅޭ ގޮތުން ސުވާލުކުރުމުން ރައުލް ބުނީ އެކުވެރިންތަކަކާއެކު ސެހްރާން ދަތުރު ދިޔަ ވާހަކައެވެ.

ގިނަ އިރުތަކެއް ވަންދެން ރައުލް އާއި ސާޔާ ހޮސްޕިޓަލުގައި ތިބުމަށްފަހު ގެއަށް ދިޔައީ ރޭގަނޑުގެ ކެއުމުގައި ބައިވެރިވާން މަލިކާ ގުޅުމުންނެވެ. އެރޭގެ ކެއުމުގައި އަފްރާހު ބައިވެރި ނުވެއެވެ. ނަމަވެސް އާއިލާގެ އެހެން މެންބަރުން ހަމައަށް ތިއްބެވެ.

********************

ލޯބި ފުށްކޮޅެއް ފަދަ ކިރާޒް ފެނުމުން ސާޔާ ހުރީ މޮޔަވާން ކައިރިވެފައެވެ. އެކުއްޖާއާ ހެދި އޭނާ އުޅުނު ގޮތުން ހީވަނީ އަމިއްލަ ދަރިއެއް ހެންނެވެ. ކިރާޒް ވެސް ސާޔާ އާއި ނުހަނު އެކުވެރިއެވެ. ގިނަ ފަހަރަށް ކިރާޒް އަކީ ނުދަންނަ މީހެއް ފެނުމުން ރޮއެ ހަދާ ކުއްޖެކެވެ. ނަމަވެސް ސާޔާއާ އެކީ އުޅުނު އިރު ކިރާޒްގެ އަޑު މެދުކެނޑުމެއް ނެތި އިވެމުން ދިޔައެވެ.

" ކިރާޒް ބޭބީ ވައްތަރު ދޯ ސާޔާ އާ..."... ކިރާޒް ބުރަކަށިމައްޗަށް އަރުވައިގެން ދުއްވާ ދުއްވާ ވަރުބަލިވުމުން ނޯޔާ އެންމެ ފަހުން އައިސް އެނދުމައްޗަށް ވެއްޓިގަތެވެ.

" ތެދެއްތަ ކިރާޒް... ދޫނި ވައްތަރުތަ ދައްތި އާ؟...".. ކިރާޒްގެ މޫނުގައި ދެފަރާތުން ހިފާލަމުން ސާޔާގެ ނިތްކުރި ކިރާޒްގެ ނިތްކުރީގައި ޖައްސާލިއެވެ. އެކަން މަޖާވެގެން އޭނާ ހޭން ފެށުމުން ސާޔާ އަނެއްކާވެސް އެގޮތަށް ހެދިއެވެ.

ނޯޔާ ބުނި ވާހަކައާއި މެދު ސާޔާ މާބޮޑަށް އަޅާލިހެން އޭނާގެ ހަރަކާތްތަކުން ދޭހަނުވެއެވެ. ނަމަވެސް ކައިރީގައި އިން ނަވާރްގެ ސިކުނޑީގައި އެ ޖުމްލަ ހަރުލިއެވެ. ސާޔާގެ އުނގުގައި އިން ކިރާޒްއަށް ނަވާރްގެ ނަޒަރު ހުއްޓުނެވެ. ކިރާޒްގެ އިސްތަށިކޮޅާއި ލޮލުގައި ހުރީ ވެސް ސާޔާގެ ލޮލާއި އިސްތަށިގަނޑުގެ ކުލައެވެ. ސިކުނޑި ހާސްވާން ފެށުމުން ނަވާރް ނުކުމެލީ ބެލްކަންޏަށެވެ. އޭރު ޖެހެމުން ދިޔަ ފިނި ވައިރޯޅިތަށް އެ ބުޅި އިސްތަށިގަނޑާއި ކުޅެލިއެވެ.

ފުން ނޭވާއެއް ދޫކޮށްލަމުން ނަވާރް ލޯ މަރާލީ ރަނގަޅަށް ވިސްނާލުމަށެވެ. ސާޔާ ފެނުނީއްސުރެ އެ ސިކުނޑިން ކޮންމެވެސް ވާހަކަތަކެއް ބުނެދޭން މަސައްކަތް ކުރާކަން ނަވާރްއަށް އެނގެއެވެ. އޭނާ އަށް ފާހަނގަ ކުރެވުނު ކަންކަން ނަވާރް ގުޅުވާލިއެވެ. ނަމަވެސް އެކަމުން ލިބުނު ޖަވާބެއް ނެތެވެ. އިތުރަށް ގިނަވީ ސުވާލުތަކެވެ. ސިކުނޑި ފަޅައިގެން ގޮސްދާނެހެން ހީވުމުން އޭނާ އިސްތަށިގަނޑުގައި އަތް ހިންގާލުމަށްފަހު ނިތްކުރީގައި ފިރުމާލިއެވެ.

ނަވާރް ފޯނުން ގަޑިއަށް ބަލާލިއެވެ. އަދި އެހާ ލަސްނުވާތީ ބޭރަށް ނުކުމެލަށް އޭނާ ގަސްތުކުރިއެވެ. ލިބިފައިވާ  ނުތަނަވަސްކަން ފިލުވާލުމަށެވެ. ނަވާރް އޭނާގެ ކޮޓަރިއަށް ގޮސް ލައިގެން ހުރި ޓީޝާޓު ބޭލުމަށްފަހު އަތް ދިގު ކުރުތާއެއް ގަޔަށް ހެޔޮވަރު ކޮށްލިއެވެ. އަދި ސްކްނީ ޖީންސްގެ ފައިކުރި ކުޑަކޮށް އޮޅާލުމަށްފަހު އިސްތަށިގަނޑުގައި ރީތިކޮށް ފުނާ އަޅާލަމުން މޫނުގައި ކުޑަ ފުށްކޮޅެއް ހާކާލިއެވެ. އެއަށްފަހު ގަޔަށް ސެންޓު ބުރުވާލުމަށްފަހު ނަވާރް ކޮޓަރިން ނުކުތެވެ. އަދި ލިފްޓުން ދެވަނަ ފްލޯރ އަށް އެރީ މަލިކާ ކައިރީގައި ބޭރަށް ދާ ވާހަކަ ބުނެލުމަށެވެ. މިވަގުތު މަލިކާ އުޅޭނީ މަލާންގެ އެޕަރޓްމެންޓަގައި ކަން އޭނާއަށް އެނގެއެވެ.

" ހެލޯ ބްރޯ... ".. އެޕަރޓްމެންޓަށް ވަތްއިރު ސޯފާގައި އޮތް ސެހްރާން ފެނުމުން ނަވާރް އަތް ހިތްލާލިއެވެ. ނަމަވެސް ނަވާރް އައިކަން ސެހްރާން އަށް ނޭނގުނީ ޓީވީ އިން ދައްކަމުން ދިޔަ ޑޮކިއުމެންޓަރީއަށް ގެއްލިފައި އޮތް ވަރުންނެވެ.

ނަވާރް ދެފަރާތަށް ބޯ ހުރާލުމަށްފަހު މަލިކާ ކައިރިއަށް ގޮސް ކުޑައިރުކޮޅަކު ވާހަކަދައްކަން މަޑުކޮށްލިއެވެ.

" ދޮންތަ މި ދައްކަނީ ނަވާ މީހަކާ އިންނަން ނުވޭ ހެއްޔޭ؟.. މަންމަ މިހާރު އެންމެ ބޭނުންވާނީ އެދުވަސް ދެކެން..ދޯ މަލިކާ...".. މަލާންގެ މޫނުގައިވީ ލާނެތްކަމުން ނަވާރް އަށް ހެވުނެވެ. މަލާން އަބަދުވެސް އުޅޭނީ އެފަދަ ސަމާސާ ކުރުމުގައެވެ. ނަމަވެސް އެއީ ނުހަނު ޒިންމާދާރު މީހެކެވެ. ކުޅަދާނަ އަންހެނުންގެ ޚާއްސަ ޑޮކްޓަރެކެވެ.

" ތިވާހަކަ ދައްކަން ފަހުން ގުޅާނަން.. ކޮފީ އަކަށް ގޮއްސަ އެންނު ދޯ ދެން... "...ނަވާރް އެއް ލޯ މަރާލަމުން މަލާންގެ ސާމާސާގައި ބައިވެރިވިއެވެ. އެއާއެކު އެ ތިން އަންހެނުންގެ ހުނުމުގެ އަޑު ގުގުމައިގެން ދިޔައެވެ.

*******************

ލިފްޓު އަންނަންދެން ނަވާރް މަޑުކޮށްގެން ހުރިއިރު އޭނާގެ ހިތްވަނީ އަވަސްވެފައެވެ. ތިންވަނަ ފްލޯރއިން އިން އަންނާތީ ލިފްޓުގައި ލޫކަސް ހުރެދާނެއޭ އޭނާގެ ހިތަށް އެރިއެވެ. އެއް ގެއެއްގައި އުޅުނަސް ލޫކަސް ފެންނަނީ މަދު ފަހަރެއްގައެވެ. ގިނަ ދުވަސްދުވަހު ކެއުމުގެ ވަގުތުގައި ވެސް ލޫކަސް ނުފެނެއެވެ. ޔަލާ ބުނާގޮތުގައި ލޫކަސް އަބަދުވެސް އުޅެނީ ކޮންމެވެސް އޮފީސް މަސައްކަތެއްގައެވެ.

އެކަމުން ނަވާރްއަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބެއެވެ. ލޫކަސް ފެނުމަށްވުރެ ނުފެނުން އޭނާއަށް އެއްގޮތުން ރަނގަޅެވެ. އޭނާގެ ފަރާތުން ލިބުނު ހިތްދަތިކަން ހަނދާންވާން މަޖުބޫރު ނުވެއެވެ. ނަވާރް އަށް ޚިޔާލުތަކެއް ބޭރުވެވުނީ ލިފްޓު މަޑުކޮށްލުމުންނެވެ.

ދެފަރާތަށް ކެހިގެން ދިޔަ ދޮރާއެކު ލިފްޓު ތެރޭގައި ހުރި ލޫކަސްއާއި ނަވާރްގެ ނަޒަރު ބައްދަލުވިއެވެ. ނަމަވެސް ލޫކަސް އިސްޖަހާލިއެވެ. ނަވާރް ލިފްޓަށް އެރުމުން އޭނާ ފޯނާއި ކުޅެން ފެށީ ވެރިވެފައިވާ ނުތަނަވަސްކަން ނެތިކޮށްލުމަށެވެ. ނަމަވެސް ލޫކަސްގެ ސަމާލުކަން އެހެން ކަމަކަށް ދޭން މަޖުބޫރުވީ ކުއްލިއަކަށް ލިފްޓު ހުއްޓުމުންނެވެ. އެއާއެކު ވެރިވެގެންދިޔައީ ފުން އަނދިރި ކަމެކެވެ. އަވަސް ހަރަކާތަކާއެކު ލޫކަސް އަތުގައި އޮތް ފޯނުން ފްލޭޝް ލައިޓް ޖައްސާލިއެވެ.

" ވަޓް... ކިހިނެތް އެވީ... ލޫކް... ޑޫ ސަމްތިންގް......".... ލިފްޓު ހުއްޓުނީކަން ޔަޤީންވުމާއެކު ނަވާރް ހާސްވާން ފެށިއެވެ. އެއްފަހަރާ ލިފްޓުގެ ފިތްތަކަށް ފިތަން ފެށިއިރު އިސާހިތަކު އޭނާ ދާހިތްލާ ފޯވެއްޖެއެވެ. ނޭވާ ކުރުވާން ފެށުމުން ނަވާރްއަށް ރޮވެން ފެށުނެވެ.

" ނަވާ.. ބަލާބަލަ.. އަހަންނަށް ބަލާބަލަ.. "... ލޫކަސް ނަވާރްގެ އަތުގައި ހިފައި އޭނާއާއި ދިމާލަށް އަނބުރާލިއެވެ. ނަމަވެސް ނަވާރް އެގޮތް ބޭނުންނުވި ކަހަލައެވެ. އެއަށްވުރެ އޭނާ ހުރީ ހާސްވެ ބިރުގެންފައެވެ. ލޫކަސްގެ އަތް ފޮޅުވާލުމަށްފަހު ނަވާރް ދޮރުގައި ތަޅަން ފެށިއެވެ.

ފޯނަށް ރޭންޖް ލިބޭތޯ ލޫކަސް ބަލާލިއެވެ. ދެން އޭނާ ލިފްޓުގެ ދޮރުގައި ބާރަށް ފައިން ޖަހާލީ ބޭރުގައި ހުރި މީހަކަށް ނަމަވެސް އަޑު އިވޭތޯއެވެ. ނަވާރްގެ ހާލު ގޯސްވަމުން ދިޔަ ވަރަކަށް ލޫކަސްގެ ކަންބޮޑުވުންވީ އިތުރެވެ. އެއަށްވުރެ ބޮޑަށް އޭނާ ހުރީ އަޖައިބުވެފައެވެ. މިއީ ކުރީގެ ބިރުކުޑަ ނަވާރް ބާއޭ ތަކުރާރުކޮށް އަމިއްލަ ނަފްސާއި ސުވާލުކުރެވުނެވެ. މިއީ ހަމަގައިމުވެސް ނަވާރްއަށް އާ ކަމެއް ނޫނެވެ. އޭރު މިގޮތަށް ބިރުން ނޫޅެއެވެ. ލޫކަސްގެ ހިތުގައި ނަވާރްއާއި މެދު ހަމްދަރުދީ އުފެދުނެވެ. އޭނާގެ ނަފްސު ކުށްވެރި ކުރެވުނެވެ. އެފަދަ ހާލަތެއްގައި ނަވާރް ވީހިނދު އެ ނާޒުކު ކުއްޖާ ދޫކޮށްލެވުމުންނެވެ. އެހިތަށް އިތުރު އަނިޔާ ދެވުމުންނެވެ.

" ނަވާ.. އައިމް ސޯ ސޮރީ...".... ލޫކަސްގެ ނަޒަރު ހުއްޓުނީ ނަވާރްގެ ފުންކަނޑެއް ފަދަ ދެލޮލަށެވެ. ނަވާރް އެއްޗެކޭ ބުނަން އުޅުނުހެން ލޫކަސްއަށް ހީވިއެވެ. ނަމަވެސް އޭގެ ކުރިން އޭނާގެ ގައިން ހަކަތަ ހުސްވެ ލޫކަސްގެ ކޮނޑުމައްޗަށް ވެއްޓުނެވެ.

***************************

= 8 މަސް ކުރި =

" ލިއަމް... ލާރާ... ހަނީ މޫން ވެސް ނިމިއްޖެ.. ދެން ތި ތަނުން ނުކުންނަން އުޅޭ... ".... އެޕަރޓްމެންޓްގެ ދޮރުމަތީގައި ދެފަރާތަށް ހިނގާލަ ހިނގާލާ ނަވާރް ހުރީ ތުންކޮޅު ދިގުކޮށްލައިގެންނެވެ. ކައިވެނީގެ ފަހުން އެއް ހަފްތާ ފާއިތުވެދިޔަ އިރު ވެސް އަދި އަލަތު ދެމަފިރިން ލޮލަށް ފެނި ނުލައެވެ. ގޭގައި އެކަނި އިންނަން ޖެހުމުން ނަވާރް އަށް ދުވަސްތައް ވަނީ ދިގުވެފައެވެ. ނޯޔާ ވެސް ގިނަވަގުތު ކިޔެވުމަށް ހުސްކުރާތީ ނަވާރް އާއެކީ ހޭދަކުރާނެ ވަގުތެއް ނޯވެއެވެ.

" ހާއި ބޭބީ ސިސް.. ރުޅި އައީތަ؟...."..... ދޮރު ހުޅުވާލި ގޮތަށް ލިއަމް ނަވާރްގެ ކޮލުގައި ހިފާލީ ތަދުވާހާ ބާރަށެވެ. އެއާއެކު ނަވާރްގެ ކޯ އެކީ ރަތްވެ ދެލޮލުން ފެން އަންނަން ފެށިއެވެ. ލިއަމް އަށް މަޖާވެގެން ހޭން ފެށުމުން ނަވާރް އިތުރަށް ރުޅި ގަދަވިއެވެ.

" ރުޅި އަންނާނެ ދޯ.. ދުނިޔޭގަ މީހުން ކައިވެނި ކުރޭ.. އެކަމަކު ތިވަރެއް ނޫން.. ކޮބާ ލާރާ.... އައި މިސް ހަރ... އެންޑް އޯލްސް.. ލިއަމް ވިހެއީ 15 މިނިޓްސް ފަހުން.... އެހެންވީމާ ނަވާ އަކީ ބޭބީ ސިސް ނޫން.. ދޮންތި ކިޔާ.. ".. ލިއަމްގެ ކަންފަތުގައި ހިފާލަމުން ނަވާރް އެތެރެއަށް ވަނެވެ. އޭނާ އަށް ނޯށް ދަމާލެވުނީ ދުވަން ފެށި ވަހުންނެވެ. ނޭފަތުގައި ހިފާލަމުން ނަވާރް ބަލާލީ ލިއަމް އަށެވެ. އޭރު ބަދިގެއާވީ ފަރާތް ފުސް ވެފައި އޮތީ ދުމުންނެވެ.

" އޯހ ނޯ.. ޕޭންކޭކް..."..... ލިއަމް ދުއްވައިގަތީ ބަދިގެއާއި ދިމާލަށެވެ. ނަވާރް ވެސް ގޮސް ލިއަމް ފަހަތުން ބަދިގެއަށް ވަތްއިރު އަލާރާ އައިލެންޑް މައްޗަށް އަރައި އިނީ ދެފައި ވަށްކޮށްގެންނެވެ. އަތުގައި ހުރި އައިސްކްރީމްތަށިން ކަމުން ދިޔައިރު ބަދިގޭގައި ކަމެއް ވެގެން އުޅޭހެން ހިއެއް ނުވެއެވެ. ނަވާރް ފެނުމުން އަލާރާ އެއް ލޯ މަރާލަމުން ލިއަމް ބަލާލީ ހެވިފައެވެ.

ލިއަމް އަވަސް އަވަހަށް އުނދުން ނިއްވާލިއެވެ. އަދި ތަވާ ސިންކަން ލުމަށްފަހު އިސްކުރު ދޫކޮށްލިއެވެ. އޭގެ ފަހުގައި ބަދިގޭގެ ކުޑަދޮރުތައް ހުޅުވާލުމަށްފަހު އަލާރާ އަށް ބަލާލީ ލޯ ހަނިކޮށްލަމުންނެވެ.

" ކޮބާ.. އޭރު ވެސް ބުނިން ލިއަމް އަށް ނުވާނެއޭ... ވަރަށް ފޮނިވެފަ ބުނެފި މިއަދު ލިއަމް އޭ ސައި ތައްޔާރު ކުރާނީ.. ލާރާ އެއްވެސް ކަމެއްގަ ހެލްޕް ނުވާށޭ... "... އަލާރާ ބާރުބާރަށް ހޭން ފެށުމުން ލިއަމް އަތުގައި ހުރި ޕޭންކޭކް މިކްސް ތަށި އަޅާލީ އޭނާގެ ބޮލަށެވެ. ދެން އިވުނީ އަލާރާގެ ބާރު ހަޅޭކުގެ އަޑެވެ. އައިލެންޑް މަތިން ފުންމާލުމަށްފަހު އޭނާ ލިއަމްގެ ފަހަތުން ދުއްވައިގަތެވެ. އަދިވެސް ލިއަމް އާއި އަލާރާ ހީވަނީ ކުޑަކުދިން ހެންނެވެ.

" ބެސްޓީސް... ސްޓޮޕް... ނަވާ ހުރި ކަމެއް ވެސް ނޭނގެ ދޯ...".... ނަވާރް މޫނަށް ގޮތެއް ހަދާލީ އޭނާ ދެރަވެފައި ހުރިކަން އަންގާލުމަށެވެ. ލިއަމް ދެން އައީ ނަވާރް އާއި ދިމާލަށެވެ. އޭނާ އަށް ދުއްވައި ނުގަނެވެނީސް ލިއަމް އަތުގައި ހޭކިފައި ހުރި ޕޭންކޭކް މިކްސް ނަވާރްގެ މޫނުގައި އުނގުޅާލިއެވެ.

" ލިއަމްމްމްމްމް......"....... ނަވާރްގެ ހަޅޭކާއެކު އިވިގެން ދިޔައީ ލިއަމް އާއި އަލާރާގެ ހުނުމުގެ އަޑެވެ.

*************************

ދެފަރާތަށް ފުރޮޅެމުން ދިޔަ ނަވާރް ފެނުމާއެކު ރައުލް އަވަސް ވެގަތީ ޑޮކްޓަރަކަށް ގޮވުމަށެވެ. އެއަށްފަހު ރައުލް އައިސް ނަވާރް ހޭލެއްވޭތޯ ބެލިއެވެ. ދެތިންފަހަރަކު ކޮލުގައި މަޑުމަޑުން ޖަހާލުމަށްފަހު ގޮވާލުމުން ކުއްލިއަކަށް ނަވާރް ދެލޯ ހުޅުވާލިއެވެ. އޭރު އޭނާ ދިޔައީ ފުން ނޭވާތަކެއް ލަމުންނެވެ. މޫނުގައި ދާތިކިތައް ވިދަމުން ދިޔައިރު އިސާހިތަކު އެ ދެލޯ ފެންކަޅި ވެއްޖެއެވެ. ފެނުނީ މާޒީން ދުވަހެއްކަން އެނގުމުން މޭގައި ރިއްސަން ފެށީ ހިތަށް ކުރި އަސަރުންނެވެ. އޭރު ކިހާ އުފާވެރި ހެއްޔެވެ؟... އެ ދުވަސް އަނބުރާ އަންނާނެ ނަމައެވެ. ނޫނީ އެ ހުވަފެނުން ނުހޭލެވުނު ނަމައެވެ. ހަޤީޤަތާއި ކުރިމަތިލާން ޖެހުމުން ނަވާރް އަށް އިހްސާސް ކުރެވުނީ އެކަނިވެރިކަމެވެ. ހަޔާތަށް ވެރިވެފައިވާ ހުސްކަމެވެ.

" ރައުލް.. ޕްލީޒް ބްރިންގް ހިމް ބެކް... ލިއަމް... ލިއަ...".... ނަވާރް އަށް ގިސްލާ ރޮވެން ފެށުމާއެކު ރައުލް އޭނާ ކައިރި ކޮށްލިއެވެ. ލިއަމްގެ ނަން ނަވާރްގެ ދުލުން ބޭރުވުމުން ވީގޮތް ރައުލް އަށް ވިސްނައިގަނެވުނެވެ. އެ ހާދިސާ ހިނގި ދުވަސްކޮޅު ވެސް ނަވާރް އެގޮތަށް އުޅުނެވެ. ހަމަ ނިދި ނުލިބި ގިނަ ރޭރޭ ކޮޅަށް އިނދެ އޭނާ ކުރާ ކަމަކީ ހިތާމަ ކުރުމެވެ. އެންމެ ފަހުން ރާއްޖެއިން ނަވާރް ފުރީ އެ  މާހައުލާއި ދުރުގައި ހުރުމުން ވޭން ކުޑަވެދާނެ ކަމުގެ އުންމީދުގައެވެ.

ޑޮކްޓަރު އައިސް ނަވާރް ބެލުމަށްފަހު ނިދާ އިންޖެކްޝަން ޖެހުމުން އޭނާ އަށް އިރުކޮޅަކުން ނިދުނެވެ. ނަމަވެސް އޭރު ވެސް މަޑު މަޑުން ގިސްލެވެމުން ދިޔައެވެ. ނަވާރް އަށް ރަނގަޅަށް ނިދުނު ކަން ޔަޤީން ވުމުން ރައުލް ކޮޓަރިން ނުކުތެވެ.

" ނަވާ..."... ރައުލްގެ ލޮލުގައި އަޅައިގަތީ އެދިމާލަށް ދުވެފައި އައި މަލިކާ އެވެ. އޭނާގެ ފަހަތުން މަލާން އާއި ސާޔާ ވެސް އައެވެ. އެދެމީހުންގެ މޫނުމަތިން ވެސް ފެންނަނީ އިންތިހާއަށް ކަންބޮޑުވެފައިވާ ކަމުގެ އަސަރުތަކެވެ.

" ރައުލް.. ނަވާ ކޮބާ؟."... މަލިކާ އައި ގޮތަށް ރައުލްގެ އަތުގައި ހިފާލިއެވެ. އޭރު އެ ދެލޯ ވަނީ ފެންކަޅިވެފައެވެ. ލިއަމް ފަދައިން ނަވާރް ގެއްލޭކަން މަލިކާ ބޭނުމެއް ނޫނެވެ. އެފަދަ ދުވަހެއް އައުމުގެ ކުރިން އޭނާއަށް މަރުވުން ވެސް މާ ރަނގަޅެވެ.

" ކުޑަ މަންމާ.. ރިލެކްސް.. ނަވާ ރަނގަޅު.. މިހަރު ނިދާ އިންޖެކްޝަން ޖެހީމަ ނިދިފަ އޮތީ... ނަވާއަށް އެއްވެސް ގެއްލުމެއް ނުވޭ...". ރައުލް ނުހަނު ލޯބިން މަލިކާ އަށް ކިޔައިދިނެވެ. އެކަމުން މަލިކާއަށް ކުޑަ ހިތްހަމަޖެހުމެއް ލިބުނެވެ.

" ކިހިނެތް ލިފްޓް ތާށިވީ... "... ސާޔާ އަށް ވީގޮތް އޮޅުން ނުފިލާތީ އަހާލިއެވެ. މަލިކާގެ ހިތުގައި ވެސް ވީ އެ ސުވާލެވެ. ލިފްޓް ތާށިވާން ޖެހުނީ ކީއްވެތޯ އޭނާ އަށް ކުރިން ވިސްނާނުލެވުނީއެވެ.

" ލިފްޓުން ކަރަންޓް ކެނޑުނީ.. އަހަރެން ގެއަށް ވަންނަން ދިޔައިރު ލިފްޓު ހުރީ ހުއްޓިފަ.. ދެން ސިޑިން އަރައިގެން ދަނިކޮށް ލިފްޓުގަ ތަޅާ އަޑު އިވުނީމަ ގޮސް ދޮރު ހުޅުވި އިރު ނަވާ އެތެރޭގަ ހުރީ... ލިފްޓުން ނުކުތް ތަނާހެން ފެއިންޓް ވީ...".... ރައުލް ހަޤީޤަތް ހާމަނުކުރިއެވެ. ލޫކަސް ހުރި ވާހަކަ ބުނަން އޭނާ ބޭނުން ނުވީއެވެ. ލޫކަސް ވެސް އެވާހަކަ ނުދައްކާނެކަން ރައުލް އަށް ޔަޤީނެވެ.

ނަވާރް އާއި ލޫކަސް ލިފްޓުގައި ތާށިވީ އިއްތިފާޤަކުން ނޫންކަން އޭނާއަށް އެނގެއެވެ. އެކަން ކުރީ ކާކު ކީއްވެގެންކަން ރައުލް ބުނަން ބޭނުންވި ނަމަވެސް އެމީހަކު އަމިއްލައަށް ކުރެވުނު ކުށަށް އިއުތިރާފް ވޭތޯ ބަލަން އޭނާ ބޭނުމެވެ. އަދި އެއް ފުރުސަތު ދޭން ބޭނުންވިއެވެ. ރައުލްގެ އަތް މުށްކެވިގެން ދިޔައީ އެއީ އެއަށްވުރެ ހަރު ހިތެއްގެ ވެރިއެއްކަން ހަނދާންވުމުންނެވެ. އެކަން ރައުލް އަށް އޮޅިފައި ނެތެވެ. މިހުރިހާ ދުވަހު އޭނާ އަށް ވެސް ހުރެވުނީ ނޭނގުމެއްގެ ތެރޭގައެވެ.

ރައުލްގެ ސިކުނޑީގައި ގުގުމައިގެން ދިޔައީ މީގެ އިރުކޮޅެއް ކުރިން ރާސިލް ކިޔައިދިން ވާހަކަތެކެވެ. އަލާރާގެ މަރަކީ ވެސް އެކްސިޑެންޓެއް ނޫނެވެ. ރައުލް ހައިރާންވީ އަލާރާ މަރާލުމަށް އެމީހަކު އެވަރަށް ބޭނުންވި ސަބަބު ނޭނގުމުންނެވެ. ދެރައީ އެއީ ވެސް އާއިލާގެ މެންބަރަކަށް ވީތީއެވެ. ހުރިހާ ކަމެއްވެސް އާއިލާއާއި ގުޅިފައިވުމީ ރައުލް އަށް އޮތް އެންމެ ބޮޑު ހުރަހެވެ. ރާސިލް ދިން ހަބަރުން ކުރިއަށް ވުރެ ބޮޑަށް ރައުލް ފަރުވާތެރި ވާން ވެއްޖެކަން އޭނާގެ ހަވަނަ ހިއްސު އަންގައިދިނެވެ. އިންސާނުންގެ ތެރޭގައި ވެސް ޖިންނި ޝައިޠާނުން އުޅޭކަން އޭނައަށް ޤަބޫލު ކުރެވިއްޖެއެވެ. އެހެން ނޫން ނަމަ އެވަރުގެ ބޮޑު ފާފައަކަށް އަރައިގަންނަން ނުކެރުނީސްކަން ޔަޤީނެވެ.

މަލިކާ ހޮސްޕިޓަލުގައި މަޑުކުރުމުން މަލާން ގެއަށް ދިޔައީ ނަވާރްއަށް ބޭނުންވާނެ ބައެއް ސަމާނު ގެނައުމަށެވެ. އެކަނި ވުމުން ސާޔާ ހިނގައިގަތީ ލިއަމް ބާއްވާފައި އޮތް ކޮޓަރި އާއި ދިމާލަށެވެ. މިވަގުތު އެއްވެސް މީހަކު ނޫޅޭނެކަން އޭނާއަށް އެނގެއެވެ.

ކޮޓަރިއަށް ވަތްއިރު ނަރުސް ކުއްޖަކު ހަރަކާތްތެރި ވަމުން ދިޔައެވެ. އެ ކުއްޖާއަށް ހިނިތުންވުމެއް ހަދިޔާ ކުރުމަށްފަހު ސާޔާ އިށީނދެލީ އެނދު ކައިރީގައި ބަހައްޓާފައި ހުރި ގޮނޑީގައެވެ. ނަރުސް ކުއްޖާ އަތުގައި އޮތް ފައިލްގައި އެއްޗެހިތަކެއް ނޯޓު ކުރުމަށްފަހު ނުކުމެގެން ދިޔުމުން ސާޔާ ދެއަތް ޖޯޑު ކޮށްލަމުން ލިއަމް އަށް ނަޒަރު ހުއްޓާލިއެވެ. އަދި ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ނަފްސު ހަމައަކަށް އަޅުވާލިއެވެ. ދެން އޭނާ ޖީބުން ނެގި ގަނޑު ކޮޅު ހުޅުވާލިއެވެ.

" ކެން ޓޯކިންގް ހެލްޕްސް ޕީޕަލް އިން ކޯމާ؟...".. ސާޔާ މަތީގައި އޮތް ހެޑްލައިން ކިޔާލިއެވެ. އަދި އޭނާ ފާހަނގަ ކޮށްފައި ހުރި މުހިއްމު ނުކުތާތަކަށް ބަލާލީ ހަނދާން އާ ކޮށްލުމަށެވެ. ޔަލާ، ކިރާޒް ނިންދަވަން ގެންދިޔުމުން އޭނާ ކުރި މަސައްކަތަކީ އެއީ އެވެ. ކޯމާ ގައި އޮންނަ މީހަކާމެދު އަމަލުތައް ބަހައްޓަންވީ ގޮތް ބަލާ ހޯދިއެވެ. ނޯޔާ ގާތު އަހައިގެން ލިއަމް ކުޑައިރު ކޮށްފައިވާ މަޖާ ކަންތައްތައް އޮޅުން ފިލުވިއެވެ. ލިއަމް ދެކޭ ހުވަފެންތަކާއި ކުރާ ހިތްވާ ކަންތައްތައް ވެސް ހޯދިއެވެ. އޭނާ އެންމެ ހައިރާންވީ ލިއަމް ފަދަ ޒުވާނެއްގެ ހަޔާތުގައި ހާއްސަ ކުއްޖެއް ނެތްކަމުގައި ނޯޔާ ބުނުމުންނެވެ. ނަމަވެސް އެކަން ޤަބޫލުކުރަން ސާޔާއަށް އުނދަގޫވީ ސިކުނޑީގައި ހަރުލާފައިވާ ފޮޓޯގައިވާ އަންހެންކުއްޖާ ސިފަކުރެވުމުންނެވެ.

" ހާއި ލިއަމް... "... ސާޔާ އެނދުގައި އަތް ވިއްދާލަމުން އެނދާއި ކައިރިއަށް ގޮނޑި ޖައްސާލިއެވެ. އެވަގުތު އެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ  ނޯޔާ ކިޔައިދިން ބައެއް ވާހަކަތައް ހަނދާން ވުމުންނެވެ. ސާޔާގެ އަތް މަޑު މަޑުން ހަރަކާތް ކޮށްލީ ލިއަމްގެ އިސްތަށިގަނޑާއި ދިމާލަށެވެ. ދިގުވެފައިވާ ބައެއް އިސްތަށިތައް ލިއަމްގެ ނިތްކުރި މައްޗަށް އެޅިފައި އޮތް ގޮތުން އުނދަގޫ ވެދާނެއޭ ސާޔާގެ ހިތަށް އެރިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އަމިއްލަ މޮޔަކަން ހިތަށް އެރުމުން ސާޔާ އަތް ތިރިކޮށްލިއެވެ.

" ލިއަމް އަށް އިނގޭތަ.. މިއަދު ވަރަށް ވިއްސާރަ.. ނޯޔާ އާއި ނަވާ ދިޔަ ވާރެއާ ތެމެން ޓެރެސްއަށް... ހިޔާ ކޮށްފަ އޮންނަ ތަންކޮޅުގައި ތިބެ ސޮސްޖާއި ކުކުޅު ފިހެގެން ކެއީ.. ލިއަމް ނެތީމަ ނޯޔާ ބުނީ ލިއަމް އަށް ބަހައްޓާނެކަމެއް ނެތޯ.. ނަވާ ފޮރުވި ކުކުޅު ފައި ވެސް ނޯޔާ ކާލީ.. "... ސާޔާ އަނގަޔަށް ގޮތެއް ހަދާލަމުން ވާހަކަދައްކަން ފެށިއެވެ.

ނޯޔާ ކިޔައިދިން ގޮތުގައި ވާރެއާއި ތެމުމަކީ އެކުދިން ކުޑައިރު ނުހަނު ގިނައިން ކުރާ ކަމެކެވެ. ލިއަމް އަށް އަޑު އިވޭނެ ކަމުގެ ޔަޤީން ކަމެއް ނެތަސް ސާޔާ އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. ފޫހި ކަމެއްނެތި އެތަށް އިރެއް ވަންދެން އެގޮތުގައި އިނެވެ. މާދަމާ އަންނަ އިރު ލިއަމް އަށް ކަމުދާ ވާހަކަ ފޮތެއް ގެނެސްދޭނެ ކަމުގައި ސާޔާ ބުންޏެވެ. ލިއަމްގެ ފަރާތުން ޖަވާބެއް ނުލިބުނު ކަމުގައި ވިޔަސް އޭނާގެ ފަރުވާލެއް ނެތެވެ. ސާޔާ ވެސް ބޭނުންވަނީ ލިއަމް ވީހާވެސް އަވަހަކަށް އެނބުރި އައުމެވެ. ފަހަރެއްގައި އޭރުން އޭނާގެ އަމިއްލަ ދިރިއުޅުމެއް ފަށަން ރައުލް ސާޔާ ދޫކޮށްފާނެއެވެ.

ކުއްލިއަކަށް ސާޔާގެ ވާހަކަ މެދުކެނޑުނީ ފަހަތުން މީހެއްގެ ހިލަން ވުމުންނެވެ. އަވަސް އަވަހަށް އޭނާ ފަސްއެނބުރި ބަލާލީ އެކޮޓަރިއަށް އައީ ރައުލް ކަމުގައި ހީކުރެވުމުންނެވެ. ނަމަވެސް ދޮރު މަތީގައި ހުރި އިސްކޮޅުން ދިގު ބިޔަ ޒުވާނާ ފެނުމުން ސާޔާގެ ހަރަކާތްތަށް މަޑުޖެހުނެވެ.

= ނުނިމޭ =

 

 

Ads by Ooredoo
  1. ތޫހާ

    ވަރަށްރީތި