ވާހަކަ

ވެވުނީ ލޯތްބޭ ޔާރު ހުވާ (20ވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ވެވުނީ ލޯތްބޭ ޔާރު ހުވާ (ޓްރެއިލާ) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފުރަތަމަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދެވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިންވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތަރުވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދިހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެގާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާދަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަނަރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސޯޅަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ނަވާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (20ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައްބީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނަވާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބައްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސްނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އޮނަފަންސާސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސާސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އެކާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ބާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ތޭވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސައުރަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ސަވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - ސަތުވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - އަށުވަންނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަހު ބައި)

ކަންބޮޑުވެފައި ހުރެ ސާޔާ މަޑުމަޑުން އޭނާގެ އަތަށް ދަމާލިއެވެ. އެއާއެކު ލިއަމް ކުއްލިއަކަށް ސާޔާގެ އަތުން ދޫކޮށްލިއެވެ. އަދި އަވަސް ހިނގުމެއްގައި ގޮސް ގޮނޑީގައި އިިށީނެވެ. ނަމަވެސް އެ މޫނުން އެއްވެސް ތަފާތުކަމެއް ފެންނާކަށް ނެތެވެ.

Ads by Sosun Fihaara

" މިހާރުވެސް ބަނޑު ފުރިއްޖެ.."... މަލިކާ ތަށިތަކުގެ މަތި ނަގަން ފެށުމުން ލިއަމް ބުނެލިއެވެ. އެއާއެކު މަލިކާ ހީލަމުން ލިއަމްގެ ތަށްޓަށް ސްޕެގެޓީ އަޅަން ފެށިއެވެ. އެއީ ލިއަމްއަށް އެންމެ ކަމުދާ ކެއުންކަން އެކަކަށް ވެސް އޮޅިފައި ނެތެވެ.

ލިއަމްގެ މޫނަށް ނަޒަރު ހުއްޓައިގެން ރައުލް އިނީ ހައިރާންވެފައެވެ. މިހާ ބޮޑު ބަދަލެއް މީހަކަށް އައިސްދާނެ ހެއްޔެވެ؟.. އެހާ ލޯބިވި އަނބިމީހާގެ މަތިން ހަނދާން ނެތިދާނެ ހެއްޔެވެ؟.. ރައުލް ހީކުރީ ސާޔާ ފެނުމުން ލިއަމްގެ ހަނދާންތައް އެނބުރި އައިސްދާނެކަމަށެވެ. ނަމަވެސް ލިއަމް ސާޔާގެ އަތުން ދޫކޮށްލީ އެއްވެސް އަސަރެއް ނެތް މީހެއް ފަދައިންނެވެ. ހިނދުކޮޅަކަށް އެ ލޮލުން ވާހަކަތަކެއް ބުނެދޭން އުޅުނުހެން ހީވި ނަމަވެސް އެއީ ކުށް ހީއެއް ކަަމަށް ރައުލް ނިންމިއެވެ.

" ދޮންބެ ހީވަނީ ކާޑު ބަލި ޖެހިފަ އިން މީހެއް ހެން...".. ނޯޔާ އަނގަމަތީ އަތް އަޅާލީ ހެވިދާނެތީއެވެ. އެވަގުތު މަލިކާ ދެލޯ ބޮޑުކޮށްލަމުން ނޯޔާ އަށް ބަލާލިއެވެ. ނޯޔާ އަވަހަށް މާފަށް އެދިފައި ލިއަމް އަށް ބަލާލިއެވެ. އޭރު ލިއަމް ނުލަފާ ގޮތަކަށް ހީލައިގެން އިނެވެ.

" ނޯޔީ އަށް ތިިހެން ނުބުނެވޭނެ ދެތިން މަސް ފަހުން.. ޔޯރ ހެންޑްސަމް ބްރަދަރ ވިލް ބީ ބެކް..."... ކައިރީގައި ހުރި ޖޫސްތަށިން ބޯލަމުން ލިއަމް ބުނެލިއެވެ.

" ނަވާ ހާދަ ސައިލެންޓޭ މަންމާ.. ހީވަނީ އަހަރެން އައީމަ ދެރަވެފަ ހުންނަހެން..."... ލިއަމް ސިއްރު ނަޒަރެއް ނަވާރް އަށް ދެމުން ދެރަވާކަަމަށް ހެދުނެވެ. އެވަގުތު މަލިކާ ދެފަރާތަށް ބޯހޫރާލީ ލިއަމްގެ އެ އާދަ ނުހުއްޓޭނެކަން އެނގުމުންނެވެ.

" ކޮން އިރަކު ޔަލް މެލޭ އަށް ފުރަނީ..؟..".. ކުއްލިއަކަށް ލިއަމް ކޮށްލި ސުވާލުން އެންމެންގެ ހަރަކާތް ލަސްވިއެވެ. ނަވާރް އަށް ބަލާލެވުނީ ޤަބޫލު ނުކުރެވިފައެވެ. އޭނާ ރައުލް އަށް ބަލާލިއިރު ރައުލްގެ މޫނުން ވެސް ފެނުނީ އެފަދަ ކުލަވަރެކެވެ.

" ލިއަމް... "... މަލިކާ މަޑުމަޑުން ގޮވާލިއެވެ. ނަމަވެސް އިތުރަށް އެންމެ ލަފްޒެއް ވެސް އޭނާ އަށް ނުބުނެވުނެވެ. ދެލޮލަށް ޖަމާވަމުން ދިޔަ ކަރުނަށް ފޮރުވުމަށް މަލިކާ އަވަސް އަވަހަށް ތެދުވެ ކާ ކޮޓަރިން ނުކުމެއްޖެއެވެ. އޭނާގެ ފަހަތުން މަލާން ވެސް ނުކުތެވެ.

މަލިކާ ދިޔުމުން އެތަނަށް ވެރިވީ ހިމޭން ކަމެވެ. ނޯޔާ ވެސް ސަމްސަލާއި ކުޅެލަ ކުޅެލާ އިނީ ރައުލް ނޫނީ ނަވާރް ވިޔަސް އެއްޗެކޭ ބުނޭތޯއެވެ.

" ކިހިނެތްވީ މަންމަ އަށް؟.. ވަޓް އިޒް ރޯންގް..."... ލިއަމް ވަކިވަކިން އެންމެންގެ މޫނުތަކަށް ބަލާލަމުން އަހާލިއެވެ.

" އަމް.. އެއީ މީގެ އެއް އަހަރު ކުރިން..."... މަޑު މަޑުން ޔަލާ ބުނެލީ އިސްޖަހާލަމުންނެވެ. އޭނާ އަށް އިންތިޒާރު ކުރެވެމުން ދިޔައީ ލިއަމްގެ ޖަވާބަކަށެވެ.

" އޯހް..".. ލިއަމް އަށް އިހްތިޔާރަކާ ނުލާ ބުނެވުނެވެ. ދެން އިވުނީ އޭނާގެ ލުއި ހުނުމުގެ އަޑެވެ.

" އެއް އަހަރު ދޯ.. ސީމްސް ލައިކް އައި ލޮސްޓް މައި މެމޮރީ.. "... ލިއަމް ފަނޑު ހިނިތުންވުމަކާއެކު ބުނެލިއެވެ. މަލިކާއަށް އެ އައި ބަދަލުގެ ސިއްރަކީ އެއީކަން ލިއަމް އަށް ނަގައިގަނެވުނެވެ.

އިތުރު އެއްޗެކޭ ނުބުނެ ލިއަމް ހިނގައިގަތީ ބޭރަށެވެ. އިތުރަށް އެވާހަކަ ދައްކާނެ ހިތްވަރެއް އޭނާގެ ނެތެވެ. ދިރިއުޅުމުން އެއް އަހަރު އެކީ ހަނދާން ނެތިގެން ދިޔުންވީ ލިއަމްއަށް ޤަބޫލުކުރަން ދަތި ކަމަކަށެވެ.

************

" ކިހިނެތް އެހެން ވާންވީ؟..."... ނަވާރް އަށް އިސްތަށިގަނޑުގައި އަތް ހިންގާލެވުނެވެ. ކުރިއަށްވުރެ ބޮޑަށް ނަވާރް އަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. އެދުވަހު ލިއަމް ނުދާން އުޅުމުން ވެސް ނަވާރް ގޮތްދޫނުކުރީއެވެ. އެހެން ނޫން ނަމަ މިއަދު ހުރިހާ ކަމެއްވެސް ރަނގަޅަށް އޮތީހެވެ.

" ދޮންތި... ރިލެކްސް.. ނޯޔާ އަށް އެނގޭ ދޮންތި އަށް ފަސޭހަ ނުވާނެކަން.. އެކަމަކު ދޮންބެއަށްޓަކާ ވެސް ދޮންތި ހަމަޖެހިބަލަ.. އޭރުން ދޮންބެ ވެސް ރަނގަޅު ވާނީ.... ".. ނަވާރް އިން ގޮތް ފެނުމުން ނޯޔާ ބުނެލިއެވެ. މަޑު މަޑުން ނަވާރް ބޯ ޖަހާލުން ފިޔަވާ އިތުރު ކަމެއް ނުކުރެއެވެ.

ރައުލް ވެސް އިނީ ފުން ވިސްނުމެއްގައެވެ. އޭނާ ބަލާލީ ރާސިލް އަށެވެ. މިހާރު އެ ދެ ޒުވާނުންނަށްވެސް ކުރެވޭނެ މާބޮޑު ކަމެއް ނެތެވެ. ކުރިން އުޅެވުނު ގޮތަށް މިހާރު ނޫޅެވޭނެކަން ރައުލް އަށް އެނގެއެވެ. އަދި ތަންކޮޅެއް ހަނގު ނަމައޭ އެތަށް ފަހަރެއްގެ މަތިން އޭނާ ހިތަށް އަރައެވެ.

*****************

ކާ ކޮޓަރިން ނިކުމެވުމާއެކު ލިއަމް ފިޔަވަޅުތައް ލަސްވިއެވެ. ދެން އޭނާ ފުން ނޭވާއެއް ދޫކޮށްލަމުން މޫނުގައި އަތް ހިންގާލިއެވެ.

" ޑޭމް.. އެއް އަހަރު..."... އަދިވެސް ލިއަމް އަށް އެކަން ޤަބޫލުކުރަން އުނދަގޫވިއެވެ. އެއް އަހަރޭ ބުންޏަސް އެއީ ހާދަ ގިނަ ދުވަހެކެެވެ. ހާދަ ގިނަ ހަނދާންތަކެކެވެ. ހަޔާތުން ގެއްލި އެދިޔަ ދުވަސްތަށް ލިއަމް އަނބުރާ ބޭނުމެވެ.

" ލިއަމް..."... ދާދި ގާތުން މީހަކު ގޮވާލުމުން ލިއަމް އިސްއުފުލާ ބަލާލިއެވެ. އޭރު ތުއްތު ކުއްޖެއް އުރާލައިގެން ހުރި ލޫކަސް ލިއަމްގެ ލޮލުގައި އަޅައިގެވެ.

" އަމް.. ލޫކަސް ދޯ.."... ލިއަމް އަހާލީ ޝައްކެއްގެ މަތީގައި ހުރެއެވެ. ސިޓިންގްރޫމުން ލޫކަސް ފެނުނު ހަނދާން އޭނާ ވިއެވެ. ޔަލާ އާއި ދެމީހުން ކަިއރީގައި ހުރުމުން އެއީ ޔަލާގެ ފިރިމީހާކަން ލިއަމް އަށް އެނގުނެވެ.
" ޔަލްގެ ތަ؟...".. ލިއަމް އިޝާރާތް ކުރީ ކިރާޒް އަށެވެ. އޭރު ކިރާޒް ވެސް ހުރީ ލިއަމް އަށް ބަލަހައްޓައިގެންނެވެ. އެއް އިނގިލި އަނގަޔަށް ލައިގެން ހުރި އިރު ކިރާޒް ހުރީ ލަދުންކަން ލޫކަސް އަށް އެނގުނެވެ.

ލޫކަސް ބޯ ޖަހާލަމުން ކިރާޒްގެ ނަން ލިއަމް އަށް ބުނެދިނެެވެ.

" ހާއި ކިރާޒް.. ލިއަމް ލޯބި ގޮތަކަށް ބުނެލުމުން ކިރާޒް ރަކިވެގެން ލޫކަސްގެ ކޮނޑުގައި ބޯ އަޅާލިއެވެ. ކިރާޒްގެ މޫނު ކޮޅު ފެނުމުން ލިއަމްގެ ސިކުނޑިއަށް އައީ ސާޔާ އެވެ. ކިރާޒް އާއި ސާޔާ ވައްތަރު ގޮތެއް ހުރިކަން ލިއަމް އަށް ވެސް ފާހަނގަ ކުރެވުނެވެ.

ލިއަމް ވަށައިގެން ހޯދާލީ ސާޔާ ފެންނަން ހުރިތޯއެވެ. އޭރު ދިޔަގޮތަށް ސާޔާ އަދި ނުފެނެއެވެ. އަނެއްކާ ގޭގައި ކުރަން ހުރި މަސައްކަތްތަށް ނިންމާލާފައި ސާޔާ ދިޔައީ ބާއެވެ؟..

ކިރާޒްގެ ކޮލުގައި މަޑުމަޑުން ހިފާލަމުން ލިއަމް ހިނގައިގަތީ މަލިކާގެ ކޮޓަރިއާއި ދިމާލަށެވެ. މިވަގުތު މަލިކާއަށް ކޮށްފައި ވާނޭ އަސަރު އޭނާ އަށް އަނދާޒާ ކޮށްލެވުނެވެ.

ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލަމުން ލިއަމް އެތެރެއަށް ވަނެވެ. އޭރު ނަމާދު ކުރަން އިން މަލިކާ ފެނުމުން ލިއަމް ގޮސް އިށީނީ ސޯފާގައެވެ. އޭނާގެ ލޮލުގައި އަޅައިގަތީ ސޯފާ ކައިރީގައި ބަހައްޓާފައި ހުރި ކުޑަ މޭޒުމަތީގައި އިން ފްރޭމެވެ. ލިއަމް ކޯޓު ފަޓުލޫނެއްގައި ހުރީ ނުހަނު ހެވިފައެވެ. އެ ފޮޓޯ އަތަށް ނަގަމުން ލިއަމް އެއަށް ފުންކޮށް ބަލާލިއެވެ. އެއީ ކޮން ދުވަހެއްކަން ބުނަން އޭނާ އަށް ނޭނގުނެވެ. އިތުރަށް ވިސްނާ ސިކުނޑިއަށް އުނދަގޫ ކުރުމުގެ ބަދަލުގައި ލިއަމް އެ ފްރޭމް ކުރިން ވެސް ހުރި ގޮތަށް ބެހެއްޓިއެވެ. މިފަދަ އެތަށް ކަމަކާ އަދި ކުރިމަތިލާން ޖެހޭނެކަން އޭނާއަށް އެނގެއެވެ. ޖެހޭނީ ކެތްތެރިވާށެވެ.

" މަންމާ..".. މަލިކާ މުސައްލަ ނެގުމަށްފަހު ތެދުވުމުން ލިއަމް ގޮވާލީ ނުހަނު ލޯބިންނެވެ. ލިއަމްއަށް ބަލާލަމުން މަލިކާ ފަނޑު ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ.

" ދަރިފުޅާ.. މަންމަ ކައިރީގަ ބުނެބަލަ.. ދަރިފުޅު ރަނގަޅުތަ؟.. ހަމަ އެއްވެސް ވަރަކަށް ދަރިފުޅު ހަނދާން ނެތީތަ؟... ".. މަލިކާ އަހާލީ ދެރަވެފައެވެ. އެކަން އޭނާގެ މޫނުމަތިން ވެސް ހާމަވަމުން ދިޔައެވެ. ލިއަމް މަޑުމަޑުން ބޯ ޖަހާލިއެވެ. އެކަމުން މަލިކާއަށް ލިބުނީ އިތުރު މާޔޫސް ކަމެކެވެ.

" މަންމަ ދެރަނުވޭ.. ހުރިހާ ކަމެއްވެސް ވާނީ ރަނގަޅަށް.. ފަހަަރެއްގައި ހަނދާން ނެތުމަކީ ނަސީބަކަށް ވެސް ވެދާނެ.. އަޅުގަނޑަށް ނޭނގެ ފާއިތުވެ އެއް އަހަރުގައި އަޅުގަނޑުގެ ދިރިއުޅުމުގައި ހިނގާފައިވަނީ ކޮންކޮން ކަންތަކެއްކަން... ފަހަރެއްގަ އަޅުގަނޑު ވަރަށް ދެރަވާނެ ފަދަ ކަމެއް ނުވަތަ އެކަމަކާ ނުހަނު ހިތާމަ ކުރާ ކަމެއްވެސް ހިނގާފަ އޮވެދާނެ... މަަންމަ ބުނަމެންނު އަބަދުވެސް.. ހުރިހާ ކަމެއްވެސް ވާނީ އޭގެ ފަހަތުގަ ހިކުމްތެއް އޮތީމައޭ..."... މަލިކާގެ އަތުގައި ހިފާލަމުން ލިއަމް ބުނެލިއެވެ. ކިތަންމެ ހަމަޖެހިގެން އިންނަން އުޅުނަސް ލިއަމްގެ މޫނުން ވެސް ހިތާމައިގެ އަސަރު ފެންނަން ހުއްޓެވެ. މަލިކާގެ ހައްޤުގައި ލިއަމް ހިތްވަރު ކުރަނީ ކަން މަލިކާއަށް ވިސްނުނެވެ.

" އަޅުގަނޑު ސުވާލެއް ކޮށްލަންތަ؟..."... ލިއަމްގެ އަޑުން މިފަހަރު ކޮންމެވެސް ވަރަކަށް ޖެހިލުންވުމުގެ އަސަރު ފާޅުވިއެވެ. މަލިކާ ބޯ ޖަހާލުމުން ލިއަމް ފާޑަކަށް ހީލިއެވެ.

" މަންމަ ކީއްވެ އެ އަންހެންކުއްޖާ މިގެއަށް ގެނައީ؟.. އަޅުގަނޑު ހަނދާންވާ ގޮތުން ގޭގަ އެގޮތަށް މަސައްކަތް ކުރަން ކުދިން ގެންގުޅުމަކީ މަންމަ ރުހޭ ކަމެއް ނޫން...".. ލިއަމް އޭނާގެ ހިތުގައި އުފެދިފައިވީ ސުވާލު ކޮށްލިއެވެ.

" ސާޔާތަ؟.. ކާކު ބުނީ އެއީ މަސައްކަތް ކުރާ ކުއްޖެކޭ؟.. ރައުލް އަށް ނޫނީ ނުވާނެ ޔަޤީން.. އަސްލު އެއީ މަންމަ ގެނައި ކުއްޖެއް... ސާޔާގެ އާއިލާ އެއް ނެތް.. އެފަދަ ކުއްޖަކަށް އަޅާލުމަކީ ގޯހެއް ނޫނެންނު..."... މަލިކާ ލުއި ހުނުމަކާއެކު ބުނެލިއެވެ. ރައުލްގެ ސަބަބުން މިފަދަ ކިތަށް ދޮގު އަދި ހަދަން ޖެހޭނެބާއޭ އޭނާ ހިތަށް އެރިއެވެ.

ލިއަމް އެކަމާއި ގުޅޭ ގޮތުން އިތުރު ސުވާލެއް ނުުކުރިއެވެ. ދެން އޭނާ ދެއްކީ ބްލޮސޮމްގެ ވިޔަފާރިތަކުގެ ވާހަކައެވެ. މެލެކްގެ އާ ބެހޭގޮތުން ވެސް ލިއަމް ސުވާލު ކުރިއެވެ. މަލިކާ ބުނީ ޗުއްޓީ ހޭދަކޮށްލުމަށް މެލެކް ސްވިޒްލޭންޑަށް ފުރި ވާހަކައެވެ.

***************

ކޮޓަރީގައި ސާޔާ އިނީ ހިމޭންވެފައެވެ. އިރު އިރުކޮޅާ އޭނާ އަށް އަތުގައި ފިރުމާލެވެއެވެ. އެއިން ކޮންމެ ފަހަރެއްގައި ވެސް އެ ތުންފަތަށް ވެރިވަނީ ރަކި ހިނިތުންވުމެކެވެ. ލިއަމްގެ ފުރިހަމަ ކަމަށް ސާޔާއަށް ހިތާއި ހިތުން އެތަށް ފަހަރެއްގެ މަތިން ތައުރީފް ކުރެވުނެވެ. ކުރިން ދިގުކޮށް ހުރި އިސްތަށިގަނޑު ވެސް އޮތީ ތުނިކޮށްފައެވެ. ދިގު ވެފައިވާ ތުނބުޅި މަތިމަސް ވެސް ރީތިކޮށް ޓްރިމް ކޮށްލާފައެވެ. ހަށިގަނޑު އަނަރޫފު ވިޔަސް ލިއަމްގެ ރީތިކަން އެކަމުން ފަނޑެއް ނުވެއެވެ. އަދި ޖިމަށް ދާން ފެށުމުން ކިހާ ރީތިވާނެ ހެއްޔެވެ؟.. ހިޔާލުތަކުގައި ހުރެ ސާޔާގެ ތުންފަތުގައި އިރުއިރުކޮޅާ ރީތި ހިނިތުންވުމެއް ކުޅެލައެވެ.

ނުކައި ހުރުމުން ސާޔާ ބަނޑުހައިވިއެވެ. ނަވާރް ގުޅުމުން ވެސް ފަހުން ކާނަން ކަމުގައި ބުނެ ދާން ސާޔާ ދެކޮޅު ހެދީ ލިއަމް ހުންނާނެކަން އެނގޭތީއެވެ. އަބަދު ލިއަމް ފެންނަން ވެއްޖެނަމަ އޭނާގެ އިހްސާސްތައް ހިފަހައްޓަން އުނދަގޫވެދާނެއެވެ. އެ ހިތް ބޭޒާރު ވެދާނެއެވެ. އެހެން ވާން ސާޔާ ނޭދެއެވެ. ހަފްތާއެއް ފަހުން ކިޔެވުން ފެށޭތީ ދެން މި ހިޔާލުތަކުން ދުރުވެދާނެކަމަށް ސާޔާ ޤަބޫލު ކުރިއެވެ.

އެންމެ ފަހުން ކެތް ނުކުރެވުމުން ސާޔާ ތެދުވެ ކޮޓަރިން ނުކުތެވެ. ބަދިގެއަށް ވަދެ އޭނާ ވަތްގަނޑުތައް ބަލަން ފެށީ ނޫޑުލްސް ޕެކެޓެއް އޮތްތޯއެވެ. އޭނާ އަށް ހަމައެކަނި ކައްކަން އެނގޭ އެއްޗަކީ އެއީއެވެ. ނަވާރް ކައިރިން އަހައިގެން މިހާރު ސާޔާ މަޑު މަޑުން ދަސްކުރަން ފަށައިފިއެވެ. ނަަމަވެސް އަދިވެސް ރަހަތައް އެއްވަރު ކުރުމުގައި އޭނާ މޮޅެއް ނޫނެވެ.

ފުން ނޭވާ އެއް ދޫކޮށްލަމުން ސާޔާ އައިލެންޑްގެ އެއް ފަރާތުގައި ލެނގިލިއެވެ. ދެން އިތުރު ގޮތެއް ނެތެވެ. ދެއަށް ޖޯޑު ކޮށްލަމުން ސާޔާ ތިރިއަށް ދާން ހިނގައިގަތެވެ. އޭގެ ކުރިން ކޮޓަރިއަށް ވަދެ ކަކުލާ ހަަމައަށް އަންނަ ކުރުތާއެއް ލިއެވެ. ލިއަމް އަށް ފެންނަ އިރު ޓީޝާޓެއްގައި ހުންނަން އޭނާ ބޭނުމެއް ނޫނެވެ.

ލިފްޓުގެ ބަދަލުގައި ސާޔާ ހިޔާރު ކުރީ ސިޑިއެވެ. ލިފްޓުން ލިއަމް އާއި ދިމާވެދާނެހެން އޭނާ އަށް ހީވިއެވެ. އާންމުކޮށް ބޭނުން ނުުކުރާތީ ސިޑި ވަނީ އަނދިރިކޮށްފައެވެ. ފޯނުން ފްލޭޝް ޖައްސާލަމުން ސާޔާ ފިޔަވަޅު އަޅަން ފެށީ ނުހަނު ބަލައިގެންނެވެ.

ކުއްލިއަކަށް އޭނާގެ ފިޔަވަޅުތައް ހުއްޓުނީ މަޑު ގިސްލުމެއްގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. ފްލޭޝް ނިއްވާލުމަށްފަހު ކުރިއަށްވުރެ ވެސް މަޑުން ސާޔާ ފިޔަވަޅު އަޅަން ފެށިއެވެ. އޭނާ ހައިރާންވީ ސިޑި މަތީގައި އިން ލިއަމް ފެނުމުންނެވެ. ފަހަތުގައި ސާޔާ ހުރިކަމެއް ލިއަމްއަށް ނޭނގޭ ކަހަލައެވެ. އަތުގައި އޮތް ފޯނުން ލިއަމް ބަލަން އިން ފޮޓޯ ފެނޭތޯ ސާޔާ ކުޑަކޮށް ކޮރާލިއެވެ. ނަމަވެސް ފައި އެޅުނު ގޮތަކުން އޭނާ އަށް ހަޅޭއްލަވައިގަނެވުނެވެ.

ދާދި ކައިރިން އިވުނު ހަޅޭކުގެ އަޑާއެކު ލިއަމް ސިހުނެވެ. ނަމަވެސް އަވަސް އަވަހަށް މޫނު ފޮހެލަމުން އޭނާ ބަލާލިއިރު ވެއްޓެން ދިޔަ ސާޔާ ލޮލުގައި އަޅައިގަތެވެ. ކުރިން ފަހަރު ގޮތަށް މިފަހަރު އެ އަންހެންކުއްޖާ ވެއްޓެންދެން ހުންނަންް ލިއަމް އަށް ނުކެރުނެވެ. ހުށިޔާރު ކަމާއެކު ލިއަމް ސާޔާ ހިފެހެއްޓިއެވެ. ނަަމަވެސް ހަމަ އެ ސިކުންތުގައި ސާޔާގެ ގައިން ލިއަމް އަތް ދޫކޮށްލަމުން މޫނަށް ސީރިޔަސްކަން ގެނުވިއެވެ. ލިއަމް އަށް ބަލައިފި މީހަކަށް ހީވާނީ އޭނާ ކަމަކާއި ހިތްހަމަނުޖެހިފައި ހުރިހެންނެވެ.

" ތަންކޮޅެއް ބަލައިގެން އުޅެބަލަ... ކޮންމެ ފަހަރަކު ސަލާމަތްކޮށްދޭނެ މީހެއް ނުހުންނާނެ...". ލިއަމްގެ އަޑުގައިވީ އިންތިހާ ދަރަޖައިގެ ސީރިޔަސް ކަމެކެވެ. އެ އަޑުގައި ކޮންމެވެސް ވަރެއްގެ ނުރުހުންވުމެއް ވެސް އެކުލެވިފައިވާކަން ސާޔާ އަށް އިހްސާސް ކުރެވުނެވެ. އޭނާ ވަގުތުން ލިއަމްގެ ދެކެ ޖެހިލުންވިއެވެ. ބަލައިލަން ރީތި ޒުވާނެއް ނަމަވެސް ރުޅި ގަދަ މީހެއްތާއެވެ. އޭނާގެ ކުށެއް ނެތި ވެސް ލިއަމް އެ ހުރީ ރުޅި އައިއްސައެވެ.

ލިއަމްގެ ފަރާތުން އިވުނު ހަރުކަށި ބަސްތަކުން ސާޔާގެ މެޔަށް ފިނިވެގެން ދިޔައެވެ. ދެލޯ ބޮޑުވެފައި ހުރެ އޭނާ އަވަސް އަވަހަށް ސިޑިން ފޭބީ ލިއަމް އަށް ބެލުމެއް ނެތިއެވެ.

" ސްޓުޕިޑް ގަރލް... ".. ސާާޔާ ދިޔަ ދިމާލަށް ބަލަން ހުރެފައި ލިއަމް ދަތްކުނޑި ވިކާލިއެވެ. އަނެއްކާވެސް ލިއަމްގެ ނަޒަރު ހުއްޓުނީ އަތުގައި އޮތް ފޯނަށެވެ. ކުރިން ހުރި ހަރުކަށިކަން ފިލައި އެ މޫނުން މާޔޫސްކަން ފާޅުވާން ފެށިއެވެ. ފަނޑު ހިނިތުންވުމެއް ވެރިކޮށްލަމުން ފޯނު ގެނެސް ލިއަމް ބޮސްދިނެވެ. އަދި ފޯނުގެ ސްކްރީނުގައި ނުހަނު ލޯބިން ފިރުމާލަމުން ކޮންމެވެސް އެއްޗެކޭ ބުނެލިއެވެ.

********************

ދުވެފައި އައިސް ގެއަށް ވަތް ސާޔާ ފެނުމުން ނަވާރް އާއި ނޯޔާ ބަލާލީ ހައިރާންވެފައެވެ. ތިރީ ކާޕެޓް މަތީގައި ފޮތެއް ނަގައިގެން އިން ކިރާޒް ވެސް ދެލޯ ބޮޑުކޮށްގެން ބަލަން އިނެވެ.

" ކުރަތްޕެއް... އެހެންވެ...".... ނޭވާ ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން ސާޔާ ބުނެލީ އެވަރަށެވެ. ތެދަށް ވީގޮތް ކިޔައިދޭނެ ހިތްވަރެއް އޭނާގެ ކިބަޔަކު ނެތެވެ. ސާޔާގެ ދުލުގައި ތަޅެއް ލެވުނީ ގެއަށް ވަތް ލިއަމް ފެނުމުންނެވެ. އޭނާ ބުނި ޖުމްލަތައް ނުހަނު ރީއްޗަށް ލިއަމް އަށް އިވޭނެއޭ ހިތަށް އެރުމުން ސާޔާގެ މޫނަށް ރަތްކުލަ ފާއްދާލިއެވެ. ނަަމަވެސް އަވަހަށް އިސްޖަހާލަމުން ގޮސް އޭނާ ވަނީ ބަދިގެއަށެވެ. އޭރު ލިއަމްގެ ނުހަނު ހަމަޖެހިފައި ހުރި މޫނު ފެނުމުން ސާޔާގެ ހިތުގައި ސުވާލު އުފެދުނެވެ. ހަމަގައިމު ވެސް ސިޑިމަތިން ގިސްލުމުގެ އަޑު އޭނާއަށް އިވުނެވެ.

ސާޔާ އަށް ވީގޮތް ފެނިފައި ނަވާރް އަށް ސިއްރުން ހީލެވުނެވެ. އިހްސާސްތައް ސިއްރުކުރަން ސާޔާ ކުޅަދާނަ ނޫނޭ ނަވާރްގެ ހިތަށް އެރިއެވެ. ދެން އޭނާ ބަލާލީ ލިއަމް އަށެވެ. އޭރު ލިއަމް އައިސް ސޯފާގައި އިށީންނަނީއެވެ. ނަވާރް ބަލަން އިނުމުން ކިހިނެތްވީ ހެއްޔޭ އަހާލިއެވެ. ނަމަވެސް ނަވާރް އެއްޗެކޭ ނުބުނެ ދެފަރާތަށް ބޯހޫރާލީއެވެ.

****************

ސާޔާ ކާން އިންދާ ލިއަމް އައިސް ކާ ކޮޓަރިއަށް ވަނެވެ. އިސްޖަހައިގެން އިނދެ ކަމުން ދިޔަ ނަމަވެސް ސާޔާ އިނީ ލިއަމްގެ ހަރަކާތްތަކަށް ފާރަވެރި ވެގެންނެވެ. އެ ހިތްގައިމު އަދާތަކަށް ސިއްރު ސިއްރުން ބަލަހައްޓައިގެންނެވެ.

" ފެން ތަށްޓެއް ލިބިދާނެތަ؟...".. ލިއަމް އަހާލީ ވަރަށް އާދައިގެ ގޮތަކަށެވެ. އޭނާ ހީވަނީ ސާޔާ އާއި ދިމާލަށް ނުބަލަން އުޅޭ ހެންނެވެ. ލިއަމް އައިސް އިށީނީ ސާޔާގެ ކުރިމައްޗަށް ވާގޮތަށް ހުރި ގޮނޑީގައެވެ.

އެއްވެސް އެއްޗެކޭ ނުބުނެ ސާޔާ ތެދުވެ ލިއަމް އަށް ފެންތަށްޓެއް އަޅައިގެން އައިސް ކައިރީގައި ބެހެއްޓިއެވެ. އަދި ގޮސް ކުރިންވެސް އިށީނދެގެން އިން ގޮނޑީގައި އިނދެ ކެއުމާއިގެން ކުރިއަށް ދިޔައެވެ. ލިއަމްގެ ތޫނު ބެލުން ހުރީ އޭނާ އައި އަމާޒުވެފައިކަން އެނގުމުން ސާޔާގެ އަތުގައި މަޑު ތުރުތުރުލުމެއް އުފެދުނެވެ. އެފަދަ ގޮތަކަށް އެއްވެސް މީހަކު އޭނާ އާއި ދިމާލަށް ބަލަން ސާޔާ ނުރުހެއެވެ. ލިއަމް އަށްޓަކައި އިހްސާސްތަކެއް އެ ހިތުގައި ވީ ނަމަވެސް އަދި ލިއަމް އަށް އިތުބާރެއް ނުކުރެވޭނެއެވެ. އަމިއްލަ ބައްޕަގެ ހިތުގައި ވެސް އޭނާ އަށްޓަަކަިއ ނެތް ރަހުމަކާއި ކުލުނެތް ލިއަމްގެ ހިތުގައި ވެސް އޮވެދާނެކަމާއި މެދު އޭނާ އަށް ޝައްކެވެ. ހާއްސަކޮށް ލިއަމްގެ ފަރާތުން ފެނުނު ނުރުހުންވެމުގެ ސަބަބުން އޭނާ ލިއަމްދެކެ ޖެހިލުންވެއެވެ.

ލިއަމް ފެންތަށި ބޮމުން ދިޔައީ ލަސްލަހުންނެެވެ. ކުރިމަތީގައި އިން ސާޔާ އަށް ބަލަމުން ދިޔަ އިރު ހީވަނީ އެ މޫނުން ކަމެއް ދޭހަ ކުރަން އުޅޭހެންނެވެ. އެތަށް ފަހަރެއްގެ މަތިން ލިއަމްގެ ތުންފަތް ހަރަކާތް ކޮށްފިއެވެ. ހީވަނީ އެއްޗެއް ނުބުނެވިގެން އުޅޭހެންނެވެ.

" ކީއްކުރަން ލޮލަށް ލެންސް ލައްވައިގެން.. އައިނު އެޅީމަ މާ ރަނގަޅު ވާނެ.. އިސްތަށިގަނޑު ވެސް އަސްލު ކުލައިގެ ނުބަހައްޓަނީ ކީއްވެ؟.. އެހާ ވެސް ޔޫރަޕް ކުއްޖަކަށް ވާ ހިތްވަނީތަ؟.. ނޫނީ މޮޑެލް އަކާ ވައްތަރުވޭތޯ ތަ؟.. ތިހެން ހުއްޓަސް އެއްވެސް ރީއްޗެއް ނޫން..."... ލިއަމް ބުނެލީ އެއްވެސް އަސަރެއް ނެތް ގޮތަކަށެވެ. ލިއަމްގެ ވާހަކަ ހުރި ގޮތުން ސާޔާ ހައިރާންވިއެވެ. މިއީ ކޮންކަހަަލަ މީހެއް ހެއްޔެވެ؟.. ލިއަމްގެ ހިތުގައި ސާޔާއަށްޓަަކައި އޮތީ ކޮން ރުޅިވެރި ކަމެއް ހެއްޔެވެ؟...

" ވާހަކަ ނުދެއްކެނީތަ؟.. މަންމަން ކުއްޖެއް ދޯ.. "... އަނެއްކާ ވެސް ލިއަމް އަހާލިއެވެ. މިފަހަރު އެ އަޑުގައި ވީ މަލާމާތެވެ. މޫނުގައި ވެސް ފޫހި ކަމެވެ. ސާޔާ އަށް ކެތްކުރެވުނީ އެވަރަށެވެ. ކިތަންމެ ހިތްވަރު ކުރިޔަސް އޭނާގެ ލޮލުން ކަރުނަ ނީރާލިއެވެ. އެފަދަ ރަހުމް ކުޑަ ބަސްތަކެއް ބުނުމުގެ ހައްޤު ލިއަމް އަށް ނޯންނާއޭ ބުނަން ސާޔާ ބޭނުންވިއެވެ. ތުން ފިއްތާލަމުން ސާޔާ ލިއަމް އާއި ހަތަރުކަޅި ހަމަކޮށްލިއެވެ. ލިއަމް އަށް ޖަވާބެއްދޭން އުޅެފައި ވެސް އޭނާ ހިމޭންވިއެވެ. ކާން އިންތަށި ހިފައިގެން ގޮސް ބާކީ ހުރި ސްޕެގެޓީކޮޅު ޑަސްބިނަށް އަޅާލުމަށްފަހު ސާޔާ ތަށިދޮންނަން ފެށިއެވެ. ލިއަމްގެ ސަބަބުން އެ ހިތުގައި ނޭނގޭ ރިހުމެއް އުފެދުނެވެ. ލިއަމްގެ ފަރާތުން އޭނާ އަށް އުންމީދު ކުރެވުނީ މިފަދަ ކަމަކަށް ނޫނެވެ.

" އަހަރެން ކުރި ސުވާލުގެ ޖަވާބު ނުދޭން ތި އުޅެނީ ކީއްވެ؟.. ކަންފަތަށް އަޑު ނީވެނީތަ؟..".. މިފަހަރު ލިއަމްގެ އަޑު ކުޑަކޮށް ބާރުވިއެވެ. އެއްވެސް ކަމަކާ ނުލައި ލިއަމް އެހާ ބޮޑަށް ނުރުހިފައި ހުރުމުން ސާޔާ ބިރުގަތެވެ. އޭނާ ފަސްއެނބުރިލި އިރު ނުހަނު ކައިރީގައި ލިއަމް ހުރުމުން އަތުން ތަށި ދޫވެގެން ވެއްޓުނެވެ.

އެއާއެކު ތަށި ތަޅައިގެން ދިޔަ ބާރުގަދަ އަޑުފަށްގަނޑު މުޅި ކާ ކޮޓަރީގައި ގުގުމައިގެން ދިޔައެވެ. ސާޔާ އަވަހަށް ތިރިވެ ތަޅައިގެން ދިޔަ ތަށީގެ އެތިކޮޅުތައް ނަގަން އުޅުނެވެ. ނަަމަވެސް އަވަސް ކުރަން ހަދައިގެން ބިއްލޫރި ކޮޅަކުން އޭނާގެ އަތް ނުހަނު ބޮޑުކޮށް ކަފައިގެން ދިޔައެވެ. އެވަގުތު ސާޔާ އަށް ލޯ މަރާލެވުނީ ވީ ތަދުންނެވެ. ހޯސްލާފައި ފައިބަން ފެށި ލޭތަށް ފެނިފަައި އޭނާ މޭނުބައި ކުރިއެވެ. އަނގަޔަށް ގޮތެއް ހަދާލަމުން ސާޔާ އަނެއް އަތުން ލޭއަންނަމުން ދިޔަ ތަނުގައި އަޅާ ބާރުކޮށްލިއެވެ. ލިއަމްގެ ފަރާތުން އެހީއަކަށް އެދެން އޭނާ ބޭނުމެއް ނޫނެވެ.

ނަމަވެސް ކުއްލިއަކަށް ސާޔާގެ ކޮނޑުގައި ހިފައި ލިއަމް ތެދުކުރުވިއެވެ. އަދި އަވަސް ހަރަކާތަކާއެކު ސިންކުގެ އިސްކުރު ދޫކޮށްލުމަށްފަހު ސާޔާގެ އަތް އިސްކުރު ދަށަށް ލިއެވެ.

" ސާޔޫ.. ކިހިނެތްވީ؟؟. ކޮން އަޑެއް އެއީ...؟.. "... ދުވެފައި އައި ނަވާރް އަހާލީ ހާސްވެފައެވެ. އެއަށްވުރެ ބޮޑަށް އޭނާ ހައިރާންވީ ސާޔާ ކައިރީގައި ހުރި ލިއަމް ފެނުމުންނެވެ. ވެއްޓި ތަޅައިގެން ގޮސްފައި އޮތް ތަށްޓާއި ސާޔާގެ އަތުން އަންނަމުން ދިޔަ ލޭތަށް ފެނުމުން ވީގޮތް ނަވާރް އަށް ވިސްނުނެވެ. އޭނާ ގޮސް ކަބަޑު މަތީގައި ހުރި ފަސްޓް އެއިޑް ފޮށި ނަގައިގެން އައިސް މޭޒުމަތީގައި ބެހެއްޓިއެވެ. ދެން ނަވާރް އަވަސްވެގަތީ އެތަން ސާފު ކުރުމަށެވެ. ނުހަނު ބަަލައިގެން ނަވާރް ބިއްލޫރިކޮޅުތައް ނެގުމަށްފަހު ކުނި ކަހާލިއެވެ. އޭރު ވެސް ލިއަމް އެ ހުރި ގޮތަށް ސާޔާގެ އަތުގައި ހިފަހައްޓައިގެން ހުއްޓެވެ.

" ލިއަމް.. ދެން ތިވަރު ނުކުރިޔަސް ރަނގަޅު ވާނެއޭ.. އާދޭ ބޭސް އަޅަން..."... ނަވާރް އައިސް ސިންކުގެ އިސްކުރު ބާރުކޮށްލިއެވެ. އެއާއެކު ލިއަމް ވެސް ސާޔާގެ އަތުން ދޫކޮށްލިއެވެ. އަދި ކައިރީގައި އޮތް ޓިޝޫ ޕެކެޓުން ދެތިން ޓިޝޫ ނަގައިގެން އަތް ފޮހެލިއެވެ.

" ނަވާ ބޭސް އަޅާނެ ކަމެއް ނެތް.. ގެނޭ އަހަރެން އަތަށް... ".. ނަވާރްގެ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި ލިއަމް އައިސް ފަސްޓް އެއިޑް ބޮކްސް ނެގިއެވެ. ދެން އޭނާ ސާޔާ އަށް އަމުރުކޮށްލީ ކައިރީގައި ހުރި ގޮނޑީގައި އިށީނުމަށެވެ. ބަސްއަހާ ކުޑަކުއްޖެއް ފަދައިން އައިސް ސާޔާ މަޑުމަޑުން ގޮނޑީގައި އިށީނެވެ. އޭރު އޭނާ އިނީ ނުހަނު ހާސްވެ ނުތަނަވަސްވެފައެވެ.

" ކިހިނެތް ތަށި ތެޅުނީ...؟...".. ނަވާރް މޭޒުގައި ލެނގިލަމުން އަހާލިއެވެ. ލިއަމްގެ ހަރަކާތްތަށް ހުރިގޮތުން ނަވާރްވެސް ހުރީ ހިސާބަކަށް ހައިރާންވެފައެވެ.

" ކުރަތްޕެއް ފެނުނީ..".. ލިއަމް ނަވާރް އަށް ބަލާލަމުން ބުނެލީ ލާނެތް ހިނިތުންވުމަކާ އެކުގައެވެ. އެއާއެކު ނަވާރް އަށް ހެވުނީ ލިއަމް އެ އިޝާރާތް ކުރީ ކޮން ކަމަކަށްކަން އެނގުމުންނެވެ. ސާޔާ އިނީ ލަދުން އިސްއުފުލާ ބަލާލަން ވެސް ނުކެރިފައެވެ. ލިއަމް އެހާ ފާޅުގައި އެހެން ބުނެފާނެކަމަށް އޭނާ ހިއެއް ނުކުރެއެވެ.

ހަރުކަށި ކަމާއެކު ވެސް އެ ހިތުގައި ހަމްދަރުދީ ވޭތާއެވެ. ނަމަވެސް މައްސަލައަކީ ލިއަމް ރުޅި އަންނަވަރުގެ ކަމަކަށް ސާޔާ ކުރީ ކޮން ކަމެއްކަން ނޭނގޭތީއެވެ. ލިއަމްގެ ފަރާތުން މިހާ ރުޅިވެރިކަން ފެންނައިރު ސާޔާގެ ހިތުގައި ލިއަމްއަށް އުފެދިފައިވާ އިހްސާސްތަކާއި މެދު ވިސްނުން ރަނގަޅުތޯ ސާޔާ އަށް ވިސްނާލެވުނެވެ. އެވަގުތު އޭނާ ދެފަރާތަށް ބޯ ހޫރުވާލީ ނޫނެކޭ ހިތަށް އެރުމުންނެވެ. އެއާއެކު ކަންފަތް ކައިރިއަށް ލައްވާފައި ހުރި ބައެއް އިސްތަށިތައް ނިތްކުރި މައްޗަށް އެޅުނެވެ.

މިނިވަންކަމާއެކު އޮތް އަތުން ސާޔާ އިސްތަށިތައް ރަނގަޅު ކުރަން އުޅުނެވެ. ނަމަވެސް އެއަށްވުރެ ކުރިން ލިއަމް އަތް ހިތްލާލިއެވެ. އަދި މަޑު މަޑުން ސާޔާގެ ކޯތާފަތް ކައިރިން އަތް ގެންގޮސް އިސްތަށިތައް އެއްފަރާތުން ކަަންފަތް ކައިރިއަށް ލައްވައިދިނެވެ. ލިއަމްގެ އެ ހަރަކާތުން ސާޔާ އަށް އިސްއުފުލާ ބަލާލެވުނެވެ. އޭރު އެ މޫނުން ފެންނަނީ އިންތިހާ ދަރަޖައިގެ ހައިރާން ކަމެވެ.

ސާޔާގެ ފެހި ކުލަިއގެ ކަޅި އެހާ ގާތުން ފެނުމުން ލިއަމް އަށް ބަލަހައްޓައިގެން ހުރެވުނެވެ. މަޑު މަޑުން އޭނާގެ ނަޒަރު ހުއްޓުނީ ސާޔާގެ ބުމައަށެވެ. ހީވަނީ މޫނު އެކީ އެކައްޗަކަށް ސްކޭން ކޮށްލަން އުޅުނު ހެންނެވެ.

ނަމަވެސް ކުއްލިއަކަށް ލިއަމް ދުރަށް ޖެހިލިއެވެ. ދެއަތް މުށްކަވާލަމުން ލިއަމް ދެން ބަލާލީ ރުޅިވެރި ނަޒަރަކުންނެވެ. އެ ލޮލުން އެކަނި ވެސް ސާޔާ ފިއްސަން އުޅުނު ކަހަލައެވެ.

" އަހަރެން ކުރިމަތިން ދުރަށްދޭ.. ހަމަ މިހާރު ދޭ..."... ގުގުމައިގެން ދިޔައީ ލިއަމްގެ ބާރު އަޑެވެ. ސިހުނުވަރުން ސާޔާ އަށް ފަހަތަށް ޖެހެވުނެވެ. ނަވާރްއަށް ވެސް ހަށިގަނޑު ސީދާ ކޮށްލެވުނީ ލިއަމްގެ އެ ސިފަ ފެނުމުންނެވެ.

ގެންފައި ހުރި ބިރާއެކު ސާޔާ ތެދުވެ އަވަސް ފިޔަވަޅުތަކެއްގައި ގޮސް ކާ ކޮޓަރިން ނުކުތެވެ. އޭރު އޭނާ ހިފަހައްޓައިގެން ހުރި ކަރުނަތައް އޭގެ މަގާމުން ދޫވެއްޖެއެވެ.

ސާޔާ ދިޔުމާއެކު ލިއަމް މޭޒުމަތީގައި ގޮށްމުށުން ޖަހާލީ އައިސްފައި ހުރި ރުޅިގަނޑު ފިނި ކުރެވޭތޯއެވެ. އޭރު ދެލޯ ބޮޑުކޮށްގެން ނަވާރް ބަލަން ހުރީ ފެންނަމުން ދިޔަ މަންޒަރު ޤަބޫލު ނުކުރެވިފައެވެ.

= ނުނިމޭ =

 

 

Ads by Allied Insurance
  1. ހަސަނު

    ހާދަހާ ހާދަހާ ރީއްޗޭ ވާހަކަ ޝުކުރިއްޔާ މާސާ

  2. އާމިނަތު

    ވ ރީތި …