ވާހަކަ

ވެވުނީ ލޯތްބޭ ޔާރު ހުވާ (ނުވަވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ވެވުނީ ލޯތްބޭ ޔާރު ހުވާ (ޓްރެއިލާ) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފުރަތަމަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދެވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިންވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތަރުވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދިހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެގާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާދަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަނަރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސޯޅަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ނަވާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (20ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައްބީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނަވާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބައްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސްނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އޮނަފަންސާސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސާސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އެކާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ބާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ތޭވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސައުރަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ސަވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - ސަތުވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - އަށުވަންނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަހު ބައި)

މަޑު ބްރައުން ކުލައިގައި އޮތް އެ ސިޓީ އުރަ ސާޔާގެ ލޮލުގައި އަޅައިގަތީ ނަވާރް އާއެކީގަ އެތަނަށް އައި ގަޑީގައެވެ. ނަމަވެސް އެވަގުތު ނަވާރް ހުރުމުގެ ސަބަބުން އޭނާ އޭތި ނެގުމުގެ ޚިޔާލު ދޫކޮށްލީއެވެ.

Ads by STELCO

ސާޔާ ސިޓީއުރަ ނޭފަތާއި ކައިރިކޮށްލިއެވެ. އޭގައި ލުއި މީރުވަހެއް ހިފާފައިވާކަން އޭނާއަށް ފާހަނގަކުރެވުނެވެ. އެއީ ސިކުނޑި ތާޒާ ކުރުވާފަދަ ވަހެކެވެ.

" މައި އޯލްވޭސް އެންޑް ފޯރ އެވަރ..."..... ސާޔާ މަޑުމަޑުން ކިޔާލީ ސިޓީގެ ބޭރުގައި ލިޔެފައިވާ ލިޔުން ކޮޅެވެ. އެއާއެކު އޭގެ ތެރޭގައި އޮތް އެއްޗެއް ބަލާލުމުގެ ޝައުޤުވެރިކަން އެ ހިތުގައި ފުންވިއެވެ.

މަޑު މަޑުން ސިޓީއުރަ ކަނޑާލުމަށްފަހު ސާޔާ އޭގައި އޮތް ފޮޓޯއަށް ބަލާލިއެވެ. އޭނާ އަށް އެސްފިޔަ ޖަހާލަން ވެސް ނޭނގިފައި އެއަށް ބަލަން އިނދެވުނީ ލިބުނު ހައިރާންކަމުންނެވެ.

****************************

އެ ފޮޓޯގައި ތިބި ދެކުދިންނަށް ސާޔާ ވަކި ވަކިން ބަލާލިއެވެ. އަންހެން ކުއްޖާގެ މޫނުގެ ބޮޑު ބައެއް އޭނާގެ ކަޅު ކުލައިގެ ދިގު އިސްތަށިގަނޑުން ފޮރުވިފައިވުމުން ސިފަ ވަކި ކުރާކަށް ސާޔާ އަށް ނޭނގުނެވެ. ނަމަވެސް ބަލާބެލުމަށް އެކުއްޖާ އަކީ ނުހަނު ރީތި ކުއްޖަކަށް ވާނެއޭ ސާޔާއަށް ހިތާއި ހިތުން ބުނެލެވުނެވެ. އޭނާގެ ނަޒަރު ދެން ހުއްޓުނީ އަންހެންކުއްޖާގެ އަތުގައި ހިފަހައްޓައިގެން ހުރި ޒުވާން ފިރިހެން ކުއްޖާއަށެވެ. އެ ޒުވާނާގެ މޫނުން ނަވާރް އާއި ވައްތަރު ގޮތެއް ހުރިކަން ސާޔާއަށް ފާހަނގަ ކުރެވުނެވެ.

ހޭންޑްސަމް.. "... ސާޔާ އަށް އިޚްތިޔާރަކާއި ނުލައި އެ ޒުވާނާއަށް ތަޢުރީފް ކޮށްލެވުނެވެ. ނަމަވެސް ކުރެވުނީ ކީއްކަން އެނގުމާއެކުފޮޓޯ ސިޓީ އުރައަށް ލުމަށްފަހު އޭނާ ކޮޅަށް ތެދުވިއެވެ. އެ މޫނުން ލަދުވެތިކަން ފާޅުވީ ކުށެއް ކުރެވުނު ފަދަ އިހްސާސެއް ކުރެވުމުންނެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު އޭނާ އަވަސް އަވަހަށް ބޯ ހޫރާލިއެވެ.

" މި އަންހެން ކުއްޖާގެ ކޮޓަރިތަ މިއީ....؟..."... ސާޔާ ވަށައިގެން ހޯދާލަމުން އަހާލީ އަމިއްލަ ނަފްސާއި ސުވާލު ކުރާފަދަ ގޮތަކަށެވެ. އެ ފޮޓޯ އެތަނުގައި އޮންނަން ޖެހޭ ސަބަބެއް ކަމުގައި ސާޔާއަށް ވިސްނުނީ ހަމަ އެކަނި އެގޮތެވެ.

ކުރިން ވެސް ފޮޓޯ އޮތް ތަނުގައި ބޭއްވުމަށްފަހު އޭނާ ހަމަޖެހިލިއެވެ. އެވަގުތު މަޑު މަޑުން ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލި އަޑު އިވުނެވެ. ސާޔާ މައްޗަށް ކަޅި ހިންގާލީ އެއީ ރައުލް ކަމުގައި ޔަޤީން ކުރަމުންނެވެ. މުޅި ދުވަހު ލޮލަށްވެސް ނުފެނި އުޅުމަށްފަހު ރައުލް މިވަގުތު އަންނަންވީ ސަބަބާއި މެދު އެ ހިތުގައި ސުވާލު އުފެދުނެވެ.

އަވަސް ފިޔަވަޅު ތަކެއްގައި ގޮސް އޭނާ ދޮރު ހުޅުވާލިއެވެ. އަދި އެ އަވަސް މިނުގައި ދޮރުގެ ފަހަތަށް ވަނެވެ. ނަމަވެސް އެހެން ހުންނަތާ އިރުކޮޅެއް ވި އިރުވެސް ރައުލް ނުވަނުމުން ސާޔާ ތުންފިއްތާލިއެވެ.

" ރައުލް.. ސަމާސާ ކުރަން ނޫޅެ ވަންނަންޏާ ވަދޭ.. "... ނުރުހެންވެފައި ސާޔާ ކުޑަކޮށް ބޭރަށް ބޯ ދިގު ކޮށްލިއެވެ. ނަމަވެސް އެ ހަށިގަނޑު ސީދާ ކުރަން މަޖުބޫރުވީ ކުރިމަތީގައި ތިބި ދެ ޒުވާނުން ފެނުމުންނެވެ.

" އާރ ޔޫ ރިއަލް.....؟...."..... އެތަނުން ފިރިހެން ކުއްޖާ ކުރިޔަށް ޖެހިލުމަށްފަހު އަހާލިއިރު އެ މޫނުން ފެންނަނީ ހައިރާންކަމެވެ. އެ ކުއްޖާ ސާޔާ އާއި ދިމާލަށް ބަލަން ހުރި ގޮތުން ހީވަނީ އޭނާއަކީ އަސްލެއް ކަމާއި މެދު ޝައްކު އުފެދިފައި ވާހެންނެވެ.

" ސެހެރް.. ކޮން މޮޔަ ސުވާލެއް ތި ކުރީ......."... ނޯޔާ އަށް މަޑު މަޑުން ނިތުގައި އަތް ޖައްސާ ލެވުނީ ސެހްރާންއަށް ވެފައި ހުރި ގޮތް ފެނުމުންނެވެ. އޭނާ އަށް ވެސް ސާޔާ ފެނުމުން ކުޑަކޮށް ހުއްޓުން އެރިއެވެ. ނަމަވެސް ނުހަނު އަވަހަށް ނޯޔާ އޭނާގެ ނަފްސު ހަމައަކަށް އަޅުވާލިއެވެ. އެހެންކަމުން އެމޫނުން ފެންނަނީ ހަމަޖެހިފައި ހުރި އަސަރެކެވެ.

" ނޯ... ޝީ އިޒް ރިއަލް...".. ސެހްރާން ޝަހާދަތް އިނގިލިން ސާޔާގެ ކޮލުގައި ޖައްސާލިއެވެ. އަލާރާއި ވައްތަރު ވާނޭކަމަށް ނަވާރް ތަކުރާރުކޮށް ބުނި ނަމަވެސް ސެހްރާން އެކަން ޤަބޫލު ނުކުރީ އެހެން ނުވާނޭކަން ޔަޤީންކޮށްގެން ހުރެއެވެ.

ސެހްރާން އަތް ލުމާއެކު ސާޔާއަށް ފިޔަވަޅެއް ފަހަތަށް އަޅާލެވުނެވެ. ނުވިސްނާ ހުއްޓާ އެ ނުދަންނަ ފިރިހެން ކުއްޖާ އެފަދަ ކަމެއް ކުރުމުން ސާޔާގެ ހިތަށް ބިރުވެރިކަން ވަނެވެ. އެ މޫނުން ކުއްލިއަކަށް ހާސްކަން ފާޅުވާން ފެށިއެވެ.

" ހޭއި ރިލެކްސް.. އައިމް ނޯޔާ.. ނަވާރްގެ ކޮއްކޮ.. މިއީ ސެހެރާން.. އަވރ ކަޒިން... ސެހެރް އުޅޭނީ އެހެން އަބަދުވެސް.. ހީ ވޯންޓް ހަރޓް ޔޫ.. މިއީ ވެސް ފެމިލީ ކަމަށް ދެކިލާ.. ދޮންތަ ބުނެގެން މިއައީ .. ސާޔާ ފޫހިވާނެތީ ކުޑަކޮށް އެންޖޯއި ކޮށްލަން.. "...... ސާޔާ އަށް އައި ކުއްލި ބަދަލު ނޯޔާއަށް ނުހަނު ރީއްޗަށް ފާހަނގަ ކުރެވުނެވެ. އެކުޑަ ވަގުތުކޮޅު ތެރޭގައި ވެސް އެ ސިކުނޑިން އެތަށް ކަމެއް ދެނެގަތެވެ. ސާޔާ އަށް އައި ބަދަލުގެ އަސްލަކީ ސެހްރާންކަން އެނގުމުން ނޯޔާގެ ހިތުގައި ޝައްކު އުފެދުނެވެ. ނަމަވެސް ސާޔާ އާއި ސުވާލެއް ނުކުރުމަށް ނަވާރް ވަނީ އޭނާއަށް ހަނދާން ކޮށްދީފައެވެ. އެކަމުން ރައުލް ރުޅި އަންނާނެކަން ނަވާރް ބުނެދިނެވެ.

ނޯޔާ އެހާ ރީތިކޮށް ވާހަކަ ދެއްކުމުން ސާޔާ ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ. ފުރަތަމަ ބައްދަލުވުމުން ވެސް ނޯޔާގެ މިޒާޖު ސާޔާ ދެނެގަތެވެ. ނޯޔާ އާއެކީ އުޅުން އުނދަގޫ ނުވާނެކަން އޭނާއަށް އެނގުނެވެ. އެވަގުތު ސާޔާގެ ހިތަށް ވެރިވީ އައިރާއެވެ. އައިރާ ކައިރީގައި ނުބުނެ އާދެވުމުން ސާޔާއަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. ހުރިހާ ވެސް މައްސަލައަކީ ރައުލް އެވެ. ރައުލްގެ ބޯހަރުކަމާއި ގޮތް ދޫނުކުރުމުގެ ސިފައެވެ.

" ޔޫ ލުކް ލައިކް އެ ޑޯލް.. ނޯ.. ޔޫ ލުކް ލައިކް ރެޕަންޒެލް.. އަދި އިސްތަށިގަނޑު ކުޑަކޮށް ދިގު ނަމަ..  އޯކޭ ތަ އަހަރެން ރެޕަންޒެލް ކިޔަސް... "... ސެހްރާން ގޮސް ވެއްޓިގަތީ ސޯފާއަށެވެ. ސާޔާ ހިނިއައިސްފައި ހުރެ ބޯ ޖަހާލިއެވެ. ނޯޔާ ބުނިފަދައިން ސެހްރާންގެ ފަރާތުން އޭނާއަށް ނުރައްކަލެއް ނެތެވެ. އެއީ އެއަށްވުރެ ޅަ ސިކުނޑިއެއްގެ ވެރި ކުއްޖެކެވެ. މީހުންގެ ލޯބި ހޯދަން އެބަ އެނގެއެވެ.

" ކޮބާ ނަވާ.."... ސާޔާ ދޮރު ލައްޕާލަމުން އަހާލިއެވެ. އޭނާ ހުރީ ކުޑަކޮށް ނުތަނަވަސް ވެފައެވެ.

" ދޮންތި ގޭގަ .. ސާޔާ މިރޭ ގެއަށް ދާނެ ވާހަކަ ރައުލް ދޮންބެ ބުނި.. އާރ ޔޫ ރެޑީ؟.."... ނޯޔާ އަހާލީ ސާޔާ އާއި އެކުވެރިކަން ބަދަހި ކުރުމުގެ ނިޔަތުގައެވެ. އޭނާ އަށް އެހެން އިން އިރުވެސް އިރު އިރުކޮޅާ ސާޔާގެ މޫނަށް ބަލާލެވެއެވެ. އަލާރާއަށް ވުރެ ސާޔާ ރީތިކަން ނޯޔާއަށް ވެސް ޤަބޫލުކުރެވުނެވެ. އެ އަންހެން ކުއްޖާއަށް ލިބިފައި އެވަނީ އާދައިގެ ރީތި ކަމެއް ނޫނެވެ. ފިރިހެނަކު އެއްފަހަރު ބަލައިފިއްޔާ ދެވަނަ ފަހަރަށްވެސް ބަލާ ހިތްވާނޭކަން ގައިމެވެ. މާތް ﷲގެ ކުޅަދުންވަންތަ ކަމާއެވެ. ރީތިކަމުގެ ލާމަސީލު ނަމޫނާއެކެވެ.

"މިރޭ؟... ރައުލް ބުނީ މާދަމާ ދާނެ ވާހަކަ ...".. ސާޔާ ދެއަތް ދެއަތާ މޮޑެލަމުން އައިސް ސޯފާގެ އެއް ކޮޅުގައި އިށީނެވެ. މާދަމާ ދާން ކިޔާފައި އޮތުމުން އޭނާ ހުރީ ކުޑަކޮށް ހަމަޖެހިފައެވެ. ނަމަވެސް ނޯޔާ މިރޭ ދާން ޖެހޭ ވާހަކަ ބުނުމުން ސާޔާގެ މެޔަށް ފިނިވެގެން ދިޔައެވެ.

" ރައުލް ދޮންބެ ބުނީ މިރޭ ސާޔާ ގެންދާ ވާހަކަ.. އިޓްސް އޯކޭ.. އެހާ ނާރވަސް ނުވޭ.. ހުރިހާ ކަމެއް ވެސް ދާނީ ރަނގަޅަށް.. ރައުލް ދޮންބެއަށް އިތުބާރު ކުރޭ..."..... ރައުލް އެގޮތަށް ކަންތައް ކުރުމުން ނޯޔާ ކުޑަކޮށް ހިތްހަމަ ނުޖެހުނެވެ. މިހާރުވެސް އެކުއްޖާ އިން ހާލު އޭނާއަށް އެބަ ފެނޭ ވިއްޔާއެވެ.

" އަސްލު ވަރަށް ބިރު ގަނޭ.. ކުއްލިއަކަށް ކައިވެނި ހަމަޖެހި ކައިވެނީގެ ކުރިން ރައުލްގެ ފެމިލީ އާއި މީޓް ކުރަންވީމަ ... މިހާ އަވަސް އަވަހަށް ހުރިހާ ކަމެއް ވާތީ.. "... ސާޔާ ނިތްކުރި މައްޗަށް ވެއްޓުނު ކުރު އިސްތަށިކޮޅު ކަންފަތް ކައިރިއަށް ލައްވާލަމުން ފުން ނޭވާ އެއް ދޫކޮށްލީ އަވަސް ވެފައިވާ ނޭވާ ހަމައަކަށް އެޅުވުމަށެވެ.

" ވަޓް؟.. މެރީ އޭ؟.. ކާކު މެރީ ކުރުމުގެ ކުރިން؟... ރެޕްނަޒެލް މެރީ ކުރަންތަ ތިއައީ؟..."... ސެހްރާން ފުންމައިގެން ތެދުވިއިރު ހީވަނީ އޭނާގެ ގަޔަށް އެއްޗެއް ކަށި ޖެހީ ހެންނެވެ. އޭނާ ނޯޔާ އާއި ދިމާލަށް ބަލާލަމުން ދެލޯ ބޮޑު ކޮށްލީ މިވަނީ ކީއް ހެއްޔޭ އަހާފަދަ ގޮތަކަށެވެ.

" ރައުލް ނުބުނޭތަ؟... ރައުލް ބޭނުންވަނީ މެރީ ކުރަން.. ރައުލްގެ މަޖުބޫރުން... މިއިން އެއްވެސް ކަމެއް މިވަނީ ސާޔާގެ އެދުމުގެ މަތިން ނޫން.. އެއްވެސް ހާލެއްގަ ސާޔާ މިގޮތް ބޭނުމެއް ނޫން. .".... ސާޔާ ބުރަކަށި ގުދުކޮށްލަމުން ކަކުލުގައި ޖައްސާފައިވާ ކަނާއަތް މައްޗަށް ބުރަވެ އިށީނެވެ. ސެހްރާން އާއި ނޯޔާގެ މޫނުން ފެންނަން ހުރި ކުލަވަރުން މިއީ އެކުދިންނަށް އެނގޭ ކަމެއް ނޫންކަން ސާޔާ އަށް ޔަޤީންވިއެވެ.

" ސާޔާ އަށް ޔަޤީންތަ ރައުލް ދޮންބެ ތިހެން ބުނިކަން؟.. ކީކޭތަ ރައުލް ދޮންބެ ބުނީ ސާޔާ ގެންނަން؟...".... ނޯޔާގެ އަޑުގައި ވެސް ވަނީ ހައިރާންކަމެވެ. އޭރު ސެހްރާން އިނީ ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިކޮށްގެންނެވެ. މިއީ ރައުލްގެ ލާނެތް ސަމާސާއެއްކަން އޭނާ އަށް ޔަޤީނެވެ. މައުސޫމު ކުއްޖެއްގެ ސިކުނޑިއާއި ރައުލް ކުޅެލުމުން ސެހްރާން ކުޑަކޮށް ހައިރާންވިއެވެ. ރައުލް އަކީ އެފަދަ ޒުވާނެއް ނޫނެވެ. ސާޔާ ގެނައުމުގައި ސިއްރެއް ވެޔޭ ފުރަތަމަ ފަހަރަށް އެ ހިތް ބުނެލިއެވެ. ނަމަވެސް ރައުލް ކުރާ ކަމެއްގެ އަޑި ހޯދަން ފީނުމަކީ ބޭކާރު ކަމެއްކަން ސެހްރާންއަށް އެނގެއެވެ. އެފަދަ ޚިޔާލެއް ސިކުނޑިއަށް ވެރިވުމަކީ ވެސް އޭނާގެ މޮޔަކަމެވެ.

" ވަރަށް ޔަޤީން.. ރައުލް ބޭނުންވެގެން ބައްޕަ ކައިރީގައި ބުނީ.. އައި ހެޑް ނޯ ޗޮއިސް...".... ސާޔާގެ މޫނު މިލައިގެން ދިޔައީ އެހަނދާން އާ ވުމުންނެވެ. އަނެއްކާ ރައުލް ނުބައި ސަމާސާއެއް ކުރީ ހެއްޔެވެ؟.. އޭނާ އަށް އޮޅުވާލައިގެން ރައުލް ދޮގުހެދީ ހެއްޔެވެ؟..

" ރައުލް އޮޅު ވާލީތަ؟؟.. ".... ކުއްލިއަކަށް ސާޔާ އެއްޗެއް ދޭހަވާ ފަދައަކުން އަމިއްލަ ނަފްސާއި ސުވާލު ކޮށްލިއެވެ. އެއާއެކު އެ ސިކުނޑީގެ ކަނަކުން ރައުލް ބުނި ބަސްތަށް ހަނދާންކޮށްދިނެވެ.

" އަހަންނަށްވުރެ ބޮޑާ އިންސާނަކާ ދިމާވާން ސާޔާ ތިއައީ..."..... ކޮޅަށް ތެދުވުމާއެކު ސާޔާ އިސްތަށިގަނޑުގައި އަތް ހިންގާލީ ހާސްވެފައި ހުރެއެވެ. ދެފަރާތަށް ހިނގަން ފެށި ގޮތުން އޭނާ އެއްޗެއް ވިސްނަނީކަން ދޭހަވެއެވެ.

" ސާޔާ.. ކާމް ޑައުން.. ރައުލް ދޮންބެ ސަމާސާ އެއް ކުރީ ކަމަށް ވާނީ.. އެހެން ކިޔާ އެއްޗެހި މާ ސީރިޔަސް ކޮށް ނުނަގައްޗޭ.. އެކަމަކު ރައުލް ދޮންބެ ސާޔާ ގެނައި ހަޤީޤީ ސަބަބު ބުނެދޭނެ.. " ނޯޔާގެ ގާތަށް ވެސް ހިނިއައީ ރައުލްގެ ލާނެތްކަން ހިތަށް އެރުމުންނެވެ. ސާޔާ އަށް އެހާ ބޮޑު ލަނޑެއް ދޭން ރައުލް ވިސްނުމަށް އައީ ކިހިނެތް ބާއެވެ؟..

ދަތްކުނޑި ވިކާލުމަށްފަހު ސާޔާ އަނެއްކާވެސް ސޯފާގެ ކޮޅުގައި އިށީނެވެ. އޭރު އެ މޫނަށް ފަނޑު ރަތްކަމެއް ފާއްދާފައިވެއެވެ. އެހާ ފަސޭހައިން އޭނާ ރައުލް އަށް އިތުބާރު ކުރީ ޚުދު ކިހިނެތް ކަމެއް ބުނެދޭން ސާޔާ އަށް ނޭނގުނެވެ. ރައުލް އާއި އޭނާއާއި ދިމާވީ އަލަށް ކަމުގައި ވިޔަސް ސާޔާއަށް ކުރިން ވެސް ރައުލް އެނގޭ ކަމުގެ އިހްސާސް ކުރެވުނީ ކީއްވެ ހެއްޔެވެ؟.. ރައުލް އޭނާއަށް ސިއްރު ކުރަނީ ކޮން ކަމެއް ހެއްޔެވެ؟..

ސާޔާގެ ސިކުނޑިއަށް ވެރިވާން ވެށީ އަސަދު ބަދަލުވާން ވެށި ހިސާބެވެ. ރައުލްގެ އަތެއް އެކަމުގައި ވެދާނެއޭ އެ ހިތް ބުނެލިއެވެ. ނަމަވެސް އަސަދުއާއި ރައުލް ދިމާވާންވީ ކިހިނެއް ހެއްޔެވެ؟

ހައްތަހާ ވެސް ޖަވާބު ނޭނގޭ ސުވާލުތަކެވެ. ސާޔާ މަޑު މަޑުން ނިތްކުރީގައި ފިރުމާލީ މީހާ ހަމައަކަށް އަޅުވާލުމުގެ ގޮތުންނެވެ.

އިރުކޮޅަކުން ސެހްރާންގެ ވާހަތަކުގެ އަވައިގާ ޖެހި ސާޔާ އަށް ރައުލްގެ ޚިޔާލުތަކާއި ދުރުވެވުނެވެ. ހީހީފައި އެކުދިން ވާހަކައިގާ ތިބިއިރު ވަގުތު ފާއިތުވަމުން ދިޔަ ގޮތް ވެސް ނޭނގޭ ކަހަލައެވެ. ސާޔާ ބަނޑުހައި ވާ ވާހަކަ ބުނުމުން ޕިއްޒާއަށް އޯޑަރު ކުރީ ސެހްރާން އެވެ. އެވަގުތު ވެސް އޭނާ ރައުލް އާއި ދިމާލަށް އެއްޗެކޭ ބުނެލިއެވެ. ސާޔާ އާއި އެކި އެކި ވާހަކަ ހިއްސާ ކުރަމުން ދިޔައިރު އެ ތިން ކުދިންގެ މެދުގައި ގާތް ގުޅުމެއް އުފެދުނެވެ. ސެހްރާންގެ މަޖާ މިޒާޖުގެ ސަބަބުން ސާޔާގެ ހިތަށް ބަޔާން ކުރަންދަތި ފިނިކަމެއް ލިބުނެވެ. އޭނާއަށް ސެހްރާން އާއި ނޯޔާއާއި މެދު ދެކެވުނީ ކޮއްކޮ އެއް ފަދައިންނެވެ. ކިތަންމެ ގިނަ ވާހަކަ ހިއްސާ ކުރެވުނު ކަމުގައި ވިޔަސް ނޯޔާއާއި ސެހްރާން އެއްކަމަކަށް ނުހަނު ސަމާލުވިއެވެ. އޮޅިގެން ވެސް ލިއަމް އާއި އަލާރާގެ ނަން އެކުދިންގެ ދުލުން ބޭރު ނުވިއެވެ.

***********************************

 

" ރައުލް... ހުއްޓާލާ.......".... އަފްރާހް ނުރުހުންވެފައި ތަންކޮޅެއް ބާރަށް ބުނެލިއެވެ. ރައުލް ދައްކަމުން ދިޔަ ވާހަކަތަކުން އޭނާގެ ސިކުނޑި ހާސްވުން ނޫން ކަމެއް ނުވިއެވެ.

" އަފްރާހު ރުޅި މަޑުކޮށްބަލަ... ރައުލް އެ ދައްކަނީ މުޅިއަކުން ދޮގު ވާހަކައެއް ވެސް ނޫން.. އަފްރާހު ބޭނުން ނުވިޔަސް އަހަރެން ލިއަމް ބޭނުން.. އެ ދަރިފުޅު ހެޔޮ ހާލުގައި އުޅޭތަން ދެކެން ބޭނުން..."... މަލިކާގެ އަޑުގައިވީ ހިތްދަތި ކަމެވެ. ލިއަމް އަނބުރާ ހޯދުމަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް ވެސް ކުރަން އޭނާ ތައްޔާރަށް ހުރި ކަހަލައެވެ.

" އަހަރެންގެ ނިންމުން ވަރަށް ސާފު... ތި އަންހެންކުއްޖާ އައި ތަނަކަށް ފޮނުވާ.. އަލާރާގެ ބަދަލަށް ރައުލް ނުޖެހޭ މީހުން ހޯދަން... ގެއްލި ދިޔައީ ރައުލްގެ ކޮއްކޮ... ކުށް ކުރެވުނީ ނަވާރް އަށް.. ލިއަމް އަކީ އަހަރެންގެ ދަރިފުޅު.. އެ ދަރިފުޅު ހެޔޮ ހާލުގަ އެނބުރި އަންނަން އަހަރެން ވެސް ބޭނުން. އެކަމަކު ރައުލް ކޮންމެހެން މިކަމުގެ ތެރެއަށް ވަންނަން އުޅޭނެ ކަމެއް ނެތް.. އެ ހާދިސާ ހިނގިތާ މިހާރު އަށް މަސް ވެއްޖެ.. މި ހުރިހާ ދުވަހު ރައުލް އުޅުނިންތަ ލިއަމް އާދޭތޯ؟... މި އާއިލާގެ ހާލު ބެލިންތަ؟.. މެލެކް ދިޔަފަހުން ތި އެންމެން އަހަރެންގެ މައްޗަށް މަރުވެއްޖެ.. ފަހަރެއްގައި ވެސް ރައުލް މިގޭގައި ހުންނަން އަހަރެން ހިތްހަމަ ޖެހެނީ އެއް ނޫން.. ތި ގެންނަން އުޅޭ އަންހެން ކުއްޖާއަށް ވެސް އަހރެންގެ ރުހުމެއް ނުލިބޭނެ..."..... މުޅި ގޭތެރޭގައި ގުގުމާފައިވަނީ އަފްރާހުގެ އަޑެވެ. އަފްރާހުގެ ގޮތް ދޫކުނުކުރުމުގެ ސިފައަކީ އެއިން އެކަކަށްވެސް އާ ކަމެއް ނޫނެވެ. ގިނަ ފަހަރަށް ދަރިންގެ އުފަލަށް ވުރެން އޭނާއަށް މުހިއްމު ވަނީ އަމިއްލަ ޤަދަރާއި އިއްޒަތެވެ. ނަމަވެސް މަލިކާގެ އެތަށް އާދޭހަކާއެކު ކޮންމެ ފަހަރަކުވެސް އަފްރާހު ހަތިޔާރު ބަހައްޓަނީއެވެ.

ކުއްލިއަކަށް ސޯފާއިން ތެދުވެ ނަވާރް އަވަސް ފިޔަވަޅު ތަކެއްގައި ސިޓިންގް ރޫމުން ނުކުމެއްޖެއެވެ. ދުވެފައި ދިޔަ ގޮތަށް ގޮސް ނަވާރް ވަނީ އޭނާގެ ކޮޓަރިއަށެވެ. އަފްރާހުގެ ދުލުން ނުކުތް ވިހަގަދަ ބަސްތަކުން އެހިތް ތޮރުފާލި ކަހަލައެވެ. އަށް މަސް ދުވަސް ވަންދެން ނަފްސު ހިފަހައްޓަމުން އައިސް ކުއްލިއަކަށް އޭގެ ލަގަން އަތުން ދޫވީ އެ ހާދިސާގެ ޒިންމާ އަފްރާހު އޭނާގެ ބޮލުގައި އެޅުވުމުންނެވެ. ރުޅި އާއި ހިތާމއިގެ މައްޗަށް އަފްރާހު އެހެން އިހްސާސެއް އިސް ކުރުމުން ނަވާރް އަށް ކެތް ނުކުރެވުނީއެވެ. ބައްޕަގެ ހިތުގައި އޭނާއާއި މެދު ޝަކުވާ އުފެދިފައިވާކަން އެނގުމުން ނަވާރްގެ ދެލޯ ފެންކަޅި ވިއެވެ.

" އަފްރާހު ގޮތް ދޫކުރާނީ ކޮން ދުވަހަކުން.. ދަރިން ދެކެ އަފްރާހު ލޯބި ތިވަނީ އެހެން ގޮތަކަށް.. އެކުދިންގެ އިހްސާސްތަކެއް ވާކަން ވެސް ދަންނަން ޖެހޭނެ... ތިހެން ނުވިސްނާ ހުރެ ބުނެލާ ބަސްތަކުން ކުރާ އަސަރު މައިންބަފައިންނަށް ނޭނގިދާނެ.. އަބދު ވެސް ދަރިން ދުރުން އުޅޭ ވާހަކަ އަފްރާހު ދައްކަނީ.. އެކަމަކު ބައްޕަ އެދަރިންނާއި ބާއްވާ ގުޅުން ބަލާބަލަ..."... ނަވާރް އަށް ވީގޮތް އެނގޭތީ މަލިކާ ނުރުހުންވިއެވެ. އާއިލާ އެންމެން ކުރިމަތީގައި އެފަދައިން ފިރިމީހާއާއި މުހާތަބު ކުރަން ބޭނުން ނުވިޔަސް އޭނާގެ ކެތްތެރިކަން ކޮޅުން ލީއެވެ.

" ރައުލް.. އާދޭ ސާޔާ ގޮވައިގެން.. މަންމަ ރައުލްގެ އެދުމަށް ދެކޮޅު ނުހަދާނަން.. ރައުލްގެ ދުރު ވިސްނުމަށް މަންމަ އިތުބާރު ކުރަން.. ދޭ ދަރިފުޅާ...".... މަލިކާ ތެދުވެގެން އައިސް ރައުލްގެ ބުރަކަށީގައި ފިރުމާލިއެވެ. އަފްރާހު އާއި ދެކޮޅަށް ނަމަވެސް ލިއަމްގެ ހައްޤުގައި އޭނާ ތެދުވަން ބޭނުންވިއެވެ. އަފްރާހު ވެސް ގޮތް ދޫކުރާނެ ނަމައެވެ.

މަލިކާއާއި ދިމާލަށް ރައުލް ބަލާލީ ޝުކުރުން ފުރިގެންވީ ނަޒަރަކުންނެވެ. އެ ހިތުގައި މަލިކާއަށް ދެވިފައިވަނީ މައެއްގެ ދަރަޖައެވެ. ރައުލް މަޑުމަޑުން ބޯ ޖަހާލުމަށްފަހު އަފްރާހު އަށް ބަލާލިއެވެ. އޭރު އޭނާގެ ރުޅިވެރި ނަޒަރު ވަނީ ސީދާ ރައުލްއަށް ހުއްޓިފައެވެ. އެކަމަށް ފަރުވާލެއް ނުބަހައްޓާ ރައުލް ފަސްއެނބުރި ހިނގައިގަތެވެ. ދުރަށް ދިޔަ ވަރަކަށް ރައުލް ހީވަނީ ވައިގެ ތެރެއަށް އައިބު ވެދާނެހެންނެވެ.

ރައުލް ދިޔުމުން އެ މާހައުލަށް ވެރިވީ ހަމަހިމޭންކަމެވެ. މަލިކާ ވަކިވަކިން އެންމެންގެ މޫނުތަކަށް ނަޒަރު ހުއްޓާލިއެވެ. އަފަރާހު ފިޔަވާ އޭނާއާއި ދެބަސްވާނެ މީހަކު ނުހުންނާނެކަން މަލިކާ އަށް ޔަޤީނެވެ.

" ރައުލް އެ ގެންނަ ކުއްޖާއަށް މިގެއިން އަލާރާއަށް ވެސް ދިން ލޯތްބާއި އަޅާލުން ދޭނެ ކަމަށް އަހަރެން އުއްމީދު ކުރަން.. ލިއަމް އަކީ މިގޭގެ ދިރުން. އެ ދިރުން އަނބުރާ ގެންނަން ވެވެން އޮތް އެހީ އެންމެންވެސް ދޭން ވާނެ... މި ނިންމުމާއި ދެކޮޅު މީހެއް ހުރި ނަމަވެސް އަހަރެންގެ މައްސަލައެއް ނެތް.. ...."..... މަލިކާގެ ވާހަކަ ނުނިމެނީސް އަފްރާހު ބާރު ހިނގުމެއްގައި ގެއިން ނިކުމެއްޖެއެވެ.

" އަދި އަފްރާހު އަށް ވިސްނޭނެ.. ހިތްވަރު ދޫނުކުރާތި... ހުރިހާ ކަމެއްވެސް ރަނގަޅު ވާނެ.. "... އަފްރާހު ދިޔުމާއެކު މަލާން އައިސް ކޮއްކޮ މަލިކާގެ ގައިގާ ބައްދާލީ ހިތްވަރު ދިނުމުގެ ގޮތުންނެވެ. ފިރިމީހާ އާއި ދެކޮޅަށް މަލިކާ އެވަރުގެ ނިންމުމެއް ނިންމީ ދަރިންގެ ހައްޤުގައިކަން އޭނާއަށް ވިސްނެއެވެ. ޚުދު އޭނާ ވެސް ދަނީ އެ ޤުރުބާނީ ވަމުންނެވެ. އެހެންކަމުން މަލިކާގެ ހާލު އެންމެ ރަނގަޅަށް އެނގޭނީވެސް އޭނާ އަށެވެ. މަލިކާއާއި މަލާންއަށް ވަގުތުކޮޅެއް ދިނުމަށްފަހު ޔަލާ ހިނގައިގަތީ ނަވާރްގެ ކޮޓަރި އާއި ދިމާލަށެވެ. ނަވާރް އަށް މިވަގުތު މީހެއްގެ އެހީ ބޭނުންވާނެކަން އޭނާއަށް އެނގެއެވެ.

********************************

 

ކުޑަ ކޮޓަރީގެ ދެފަރާތަށް ހިނގާލަ ހިނގާލާ ސާޔާ ހުރި އިރު ހާސްވެފައިވާ ވަރު އަންގައިދެނީ ނިޔަފަތިތައް ހަފަމުން ދިޔަ ގޮތުންނެވެ. އެހެން ހުރުމަށްފަހު އިރު އިރުކޮޅާ އޭނާގެ ނަޒަރު އަތުގައި އޮތް ގަޑިއަށް ދަތުރު ކޮށްލައެވެ. އުދާސްވާން ފެށުމުން ސާޔާ އޭނާގެ ދިގު އިސްތަށިގަނޑު މައްޗަށް އައްސާލިއެވެ. އެވަގުތު ސާޔާގެ ލޮލުގައި އަޅައިގަތީ ލޯގަނޑުން ފެންނަން ހުރި އޭނާގެ ސޫރައެވެ. މަޑު މަޑުން ސާޔާ ކަރުދޮށުގައި އަތް ހިންގާލިއެވެ. އިސްތަށިގަނޑު އަބަދުވެސް ފަހަތަށް ދޫކޮށްފައި އޮތުމުގެ ސިއްރަކީ އެއީ އެވެ. ކަރުގެ ފަހަތުގައިވާ އަނިޔާގެ ނިޝާން ފޮރުވުމެވެ. އޭނާ ހަނދާން ހުންނަން ފެށީއްސުރެ ވެސް އެ ނިޝާން ހުރެއެވެ. ހީވާ ގޮތުން އެއީ ކަތުރެއް ކަހަލަ އެއްޗަކުން ކަފައިގެން ގޮސްފައިވާ ތަނެކެވެ. ސާޔާއަށް ޤަބޫލު ކުރެވެނީ އެއީ ވެސް ކޮންމެވެސް ސިފައެއްގައި އަސަދުގެ ފަރާތުން ލިބިފައިވާ އަނިޔާއެއް ކަމެވެ. އެހެންކަމުން އެކަމާއި ގުޅޭ ގޮތުން މީހަކު ސުވާލު އުފެދޭނެ ޖާގައެއް ދޭން އޭނާ ބޭނުމެއް ނޫނެވެ. ކިތަންމެ ހޫނު ވިޔަސް މީހުން ތިބި ތަނެއްގައި އިސްތަށިގަނޑު މައްޗަށް އައްސަން ސާޔާ އުޒުރު ވެރިވަނީ އެ ސަބަބާއި ހުރެއެވެ.

މާޒީގެ ތެރެއަށް ޣަރަޤު ވެދާނެހެން ހީވުމުން ސާޔާ އިހު ހުރިގޮތަށް އިސްތަށިގަނޑު ދޫކޮށްލިއެވެ. އޭނާ ޖެހިލީ އަލަމާރިތަކާއި ދިމާލަށެވެ. އެތަނުން ހެދުންތައް ބަލަމުން ދިޔައިރު ކަމުދާ ކަހަލަ ހެދުމަކާއި ދިމާވާ ގޮތެއް ނުވިއެވެ. ސާޔާ ދެން ބަލާލީ ވަކިން ހުރި ސުއިޓް ކޭހަށެވެ. އޭގައި ވެސް ހެދުން ހުރެދާނެކަމަށް އޭނާ ލަފާ ކުރިއެވެ. ފުދޭ ވަރަކަށް ބަރު ނަމަވެސް އޭނާ އަށް ނުއުފުއްލޭހާ ބަރުނުވުމުން ސާޔާ ތިރީ ކާޕެޓް މަތީގައި ސުއިޓް ކޭސް ބޭއްވިއެވެ. އަދި އޭގެ ކައިރީގައި އިށީނދެ ހަމަޖެހިލުމަށްފަހު ޒިބު ދަމާލުމަށްފަހު ހުޅުވާލިއެވެ.

" ފައިނަލީ..."..... އެ މޫނަށް ރީތި ހިނިތުންވުމެއް ވެރިވީ އޭގައި ހުރި ހެދުންތައް ފެނުމުންނެވެ. ފޮށީގައި ހުރުމުން ވަސް ދުވާނެހެން ހީވި ނަމަވެސް އެ ހެދުންތަކުގައި ވަނީ ލުއި މީރު ވަހެކެވެ. ސާޔާ އަށް އެތަނުން އެންމެ ކަމުދިޔަ ހެދުން ނެގުމަށްފަހު ފޮށި ހުރިތަނުގައި ބެހެއްޓިއެވެ.

ހިތް އަވަސްވެފައި ވިޔެއްކަމަކު ސާޔާ އިސްތިރި ކުރުމަށްފަހު ފެންވަރައިގެން ރީތި ވިއެވެ. ރައުލް ވެސް މިހާރު އޭނާގެ އިންތިޒާރުގައި ބޭރުގައި ހުންނާނެއޭ ހިތަށް އެރުމުން ސާޔާގެ މޫނަށް ވެރިވީ ފޫހިކަމެވެ. އޭނާއަށް މި ޖައްސާ ހާލު ކޮންމެވެސް ސިފައެއްގައި ރައުލް ވެސް ތަހައްމަލު ކުރޭތޯ ސާޔާ އަށް ދުޢާ ކުރެވުނީ ބޭއިޚްތިޔާރުގައެވެ. އެ ނުބައި ޚިޔާލު ސިކުނޑިން ފޮހެލުމަށް ސާޔާ ދެފަރާތަށް ބޯ ހޫރާލިއެވެ. ބައެއްފަހަރު ޝައިޠާނާގެ ނުބައި ވަސްވާހުގައި ޖެހި އެފަދަ ފާފަތަކަށް އަރައި ގަނެވުނަސް އެކަމުން ސަލާމަތްވާން ސާޔާ އިސްކަންދެއެވެ.

ހީކުރި ގޮތަށް ބޭރުގައި ރައުލް ހުއްޓެވެ. ސާޔާ ނުކުތުމާއެކު ނޯޔާ އާއި ސެހްރާން ދައްކަމުން ދިޔަ ވާހަކަ މެދުކަނޑާލިއެވެ. ސާޔާ އަށް އެކަން ފާހަނގަ ކުރެވުނު ނަމަވެސް ރައުލް ހުރުމުން އަނގައިން ބަހެއް ބުނެލަން ވެސް ބޭނުން ނުވިއެވެ. ރައުލް އޭނާއަށް އޮޅުވާލިނަން އެނގުމުން އެ ހިތުގައި އޮތް ނަފްރަތުގެ ހުޅުކޮޅު ބޮޑުވިއެވެ. ނަމަވެސް ރައުލްގެ ހަޤީޤީ މަޤްސަދު އެނގެންދެން އޭނާ ކެތްކުރާނެއެވެ.

" އާދޭ ދާން.. މިހާރު ވެސް ކުޑަކޮށް ލަސްވެއްޖެ....".... ރައުލް ހަށިގަނޑު ސީދާ ކޮށްލަމުން ސާޔާއާއި ނަޒަރު އަމާޒުކޮށްލިއެވެ. އެ ލޮލުގައިވީ ދަމާ ބާރުން ސާޔާއަށް އުނދަގޫވި ނަމަވެސް އެކަމުގެ މައްޗަށް ކުރި ހޯދިއެވެ. އެއްޗެކޭ ނުބުނެ ރައުލްގެ ފަހަތުން އޭނާ ހިނގައިގަތީ ބޭކާރު ގޮތުގައި ޒުވާބު ކުރަން ޖެހިދާނެތީއެވެ.

ހޮޓެލް ބޭރުގައި އޮތް ކާރާއި ހަމައަށް ދެވުމުން ރައުލް ޖީބުން ތަޅުދަނޑި ނެގިއެވެ. އޭނާ ގޮސް އެރީ ޑްރައިވަރު ސީޓަށެވެ. ފޮނި ބޮޑު ފިރިހެނަކީ ތާއޭ ސާޔާގެ ހިތަށް އެރިއެވެ. ރައުލް އެ ހުރިހާ ކަމެއް ކުރަނީ ސާޔާ ރުއްސުމަށް ކަމަށް އޭނާއަށް ހީކުރެވުނެވެ. ރައުލް އާއި ޖެހިގެން އިން ސީޓަށް ސެހްރާން އެރުމުން ދެ އަންހެންކުދިން އިށީނީ ފަހަތު ސީޓުގައެވެ.

ކާރުގައި އިން އިރު ސާޔާގެ އަތްފައި ފިނިވަމުންދާކަން އިހްސާސް ވިއެވެ. ނޭވާ ހާސްވާ ހެން ހީވުމުން އޭނާ ކާރުގެ ބިއްލޫރިގަނޑު ތިރިކޮށްލިއެވެ. ކާރު ދުއްވަމުން ދިޔަ ވަރަކަށް ޖެހެމުން ދިޔަ ފިނި ވައިރޯޅިން ހަލަބޮލިވެފައިވާ ނަފްސު ހަމައަކަށް އެޅުނެވެ. ނަމަވެސް އޭނާއަށް ވިސްނެމުން ދިޔައީ ދެންވާނެ ގޮތަކާއި މެދުގައެވެ. ރައުލްގެ އާއިލާއިން އޭނާ ފަދަ ކުއްޖަކު ބަލައިގަންނާނެތޯ ހިތުގައި ސުވާލު އުފެދުނެވެ.

ޚިޔާލުތަކަށް ގެއްލިފައި އިން ސާޔާ ސިހުނީ ކުއްލިއަކަށް ކާރު މަޑުކޮށްލުމުންނެވެ. ހައިބަތު ހުރި " ބޮލްސަމް"ގެ ފެނުމުން އޭނާ ޖެހިލުންވިއެވެ. އެއީ މުޅި ރާއްޖެއަށް ވެސް މަޝްހޫރު ނަމެކެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެތަށް ވިޔަފާރިތަކެއް ހިންގާ ނަން ހިނގާ ބްރޭންޑެކެވެ. މާލޭގެ އެންމެ ފެންވަރު ރަނގަޅު އެއް ހޮސްޕިޓަލަކީ ވެސް ބޮލްސަމް ގޭގެ ވެރިމީހާގެ ތަނެކޭ ކިޔާ އަޑު އޭނާ އަށް އިވިފައިވެއެވެ. ބޭރުން އެކަނި ވެސް ގޭގެ ރީތިކަން ފާހަނގަ ކުރެވެއެވެ. ބޭނުން ނުވިޔަސް މިލިޔަނަރެއްގެ ގަނޑުވަރަކަށް އާދެވިއްޖެއެވެ. އެ ޝާހީ ކަމުގެ ތެރެއަށް ވަންނަން މަޖުބޫރު ވެއްޖެއެވެ.

މިއީ އޭނާގެ ފެނަވަރު ހެއްޔެވެ؟. މި މުއްސަނދި ކަމުގައި އުޅެން އެނގޭނެ ހެއްޔެވެ؟... ސާޔާ ވިސްނާލިއެވެ. އޭނާ ފަދަ ކުއްޖަކަށް މި ވަރު އެކަށީގެންވޭ ހެއްޔެވެ؟.. ފޮނި ގޮތެއް ނެތް ނަމަވެސް ނޯޔާއާއި ސެހްރާން އަދި ނަވާރްގެ ކިބައިން ވެސް ޝާހީ ގޮތްގަނޑު ސާޔާ ދުށްތެވެ. ތަފާތަކީ އެކުދިންގެ ހިތް ހެޔޮ ކަމެވެ. އޯގާތެރިކަމެވެ. ނަމަވެސް މި މުއްސަނދި ކަމަކަށް އޭނާ ނުހެއްލޭނެއެވެ. ރައުލްގެ ޖާދޫގައި އޭނާ ނުޖެހޭނެއެވެ.

" ސާޔާ... "... ރައުލް ސާޔާގެ ކޮލުގައި މަޑުމަޑުން ޖަހާލީ އޭނާ ގެއްލިފައި އިނުމުންނެވެ. އެއާއެކު ސިހިފައި ސާޔާ ބަލައިލިއެވެ. އޭނާ އަށް ހަމަބިމަށް އާދެވުނު ކަހަލައެވެ. ރައުލް އާއި ދިމާލަށް ސާޔާ ބަލާލީ އަލިފާނުގެ ބެލުމަކުންނެވެ. އެ ނަޒަރުން އެކަނިވެސް ރައުލް އަންދާ އަޅިއަށް ހަދަން އޭނާ ބޭނުންވި ކަހަލައެވެ. ރައުލްގެ ތުންފަތަށް ވެރިވި ލާނެތް ހިނިތުންވުން ފޮރުވާލަމުން ހަރުކަށިކަން އެ މޫނަށް ވެރިކޮށްލިއެވެ.

ނިކަން ހާސްވެފައި ހުރެ ސާޔާ ނޯޔާއާއި އެއްވަރަކަށް ހިނގައިގަތެވެ. އޭގެ ކުރީގައި ތިބެ ރައުލްއާއި ސެހްރާން ދިޔައީ އަމިއްލަ ވާހަކައެއް ދައްކަމުންނެވެ. ގޭގެ ގޭޓުން ވަދެވުމާއެކު ސާޔާ އަށް ވަށައިގެން ބަލާލެވުނެވެ. މާމެލީގެ ބަގީޗާއެއް ފަދައެވެ. މިތަން ބަލަހައްޓަނީ ކާކު ހެއްޔެވެ؟... އެއްފަރާތުގައި ހުރި ފެންއަރުވާ ވަޑާމުގެ ހިތްގައިމު މަންޒަރު ފެނި  އަދިވެސް އެއްފަހަރު އެ ދިމާލަށް އޭނާއަށް ބަލާލެވުނެވެ. މިގޭގެ ފުރިހަމަކަމަށް އެ ޅަ ހިތް ހާސްފަހަރު ތަޢުރީފު ކުރިއެވެ. ގެއަށް ވަދެވެން ހުރި ބިއްލޫރި ހަރުފަތްތަކާއި ހަމައަށް ދެވެން އޮތް ވޯރކް ވޭ ހުރަސް ކުރުމަށްފަހު ސާޔާ ގޭތެރެއަށް ފިޔަވަޅެއް އަޅާލިއެވެ. ކުރިމަތިން ފެންނަން އޮތް ބޮޑު ހޯލެއްފަދަ ސިޓިންގްރޫމެކެވެ. މުޅި ތަނުގައި ހިފާފައިވާ އޭސީގެ ފިނިކަމާއި ލެވެންޑާ އުއްބަތީގެ މީރުވަހުން ސާޔާގެ ސިކުނޑި ތާޒާ ވެގެން ދިޔައެވެ. ހުވަފެނީ ތަނެކެވެ. ހިތްގައިމު އައްޔެކެވެ. އެ ތަނުގައިވާ އަގުބޮޑު ފަރުނީޗަރު ތަކުގެ ސަބަބުން ޝާހީ ގެއެއް ފަދައެވެ. ނުހަނު ފުރިހަމަ އެވެ.

" މަންމާ.. މިއީ ސާޔާ... "... ސާޔާގެ ނަޒަރު ހުއްޓުނީ ނޯޔާ އޭނާ ތަޢާރަފް ކޮށްދިން އަންހެން މީހާއަށެވެ. އޭރު އޭނާ އާއި ފަސް ވަރަކަށް ފޫޓު ދުރުގައި ހުއްޓިގެން ހުރި އެ އަންހެންމީހާގެ ދެލޯ ފެންކަޅި ވެއްޖެއެވެ.

 

= ނުނިމޭ =

Ads by Ooredoo
  1. .........

    ވަރަށް ރީތި