ވެވުނީ ލޯތްބޭ ޔާރު ހުވާ (ފުރަތަމަ ބައި)
▾ މި ވާހަކައިގެ ޢަދަދުތައް
މާހައުލަށް ވެރިވެފައިވަނީ އަނދިރިކަމެވެ. މަގުމަތީގައި ހަރުކޮށްފައިވާ ބޮކިތަކުން ކޮންމެވެސް ވަރެއްގެ އަލިކަމެއް ފެންނަން ހުރި ނަމަވެސް އުޑުމަތި ބައްދާފައިވާ ކަޅު ވިލާތަކުން އެ އަލިކަން ވެސް ފަނޑުކޮށްލާފައި ވެއެވެ. ތެތްކަމެއް އެކުލެވިގެންވާ ފިނި ވައިރޯޅި ޖެހެމުން ދިޔައިރު ގަސްތައް އެއާ އެއްވަރަށް ނަށަމުން ދިޔައެވެ.
ވިއްސާރައިގެ ކުލަތައް މުޅި އުދަރެހުން ފެންނަމުން ދިޔަ ނަމަވެސް ރަށުގެ ސަހަރާ ވަނީ ތޮއްޖެހިފައެވެ. އިރު އިރުކޮޅާ ގިސްލުމާއި ރުއިމުގެ އަޑު ފަޒާގައި ގުގުމައިގެން ދާއިރު އެ އަޑު އިވޭ ކޮންމެ މީހެއްގެ ހިތަށް ފުން އަސަރުތަކެއް ކުރުވާނެކަން ގައިމެވެ.
ޖަނާޒާގެ ކަންތައް ނިމި ސަހަރާއިން މީހުންތައް ނުކުންނަން ފެށިއެވެ. އަޒާން ވެސް އޭނާގެ އަނބިމީހާގެ ކޮނޑުގައި ހިފާ ގާތް ކޮށްލައިގެން ހުރެ ނުކުންނަން ހިނގައިގަތެވެ. އެތަނުން ދާން ބޭނުން ނުވި ނަމަވެސް މަންމައާއި ބައްޕަގެ ފަހަތުން އައިރާ ވެސް ހިނގައިގަތެވެ. ނަމަވެސް ނުކުންނަމުން އައިރާ އަނެއްކާވެސް ފަސް އެނބުރި ބަލާލިއެވެ. އެންމެ ގާތް އެކުވެރިޔާ ދެކިލަން ބޭނުންވީއެވެ.
ފެންކަޅި ވެފައިވާ ދެލޮލުން މަހާނަތަކާ ދިމާލަށް ބަލަހައްޓައިގެން ސާޔާ ހުރި ގޮތަށް ހުރީއެވެ. ސާޔާގެ ގާތުގައި ހުރުމަށް ކިތަންމެ ބޭނުންވި ނަމަވެސް އައިރާ އަށް އޮތް ގޮތަކީ ދުރުގައި ހުރުމެވެ. ސާޔާގެ ހައްޤުގައެވެ. އޭނާގެ ގާތަށް ދާން އުޅެފައި ވެސް އައިރާ ފިޔަވަޅުތައް މަޑުޖައްސާލީ ސާޔާގެ ގާތަށް އަސަދު ހިނގައިގަތް ތަން ފެނުމުންނެވެ. އައިރާގެ މޫނުން ކޮންމެވެސް ވަރެއްގެ ނުރުހުންވުމެއް ފާޅުވި ނަމަވެސް ބައްޕަ އަޒާން އާއި މަންމަ ޝެހެނާޒްގެ ފަހަތުން ނުކުންނަން ދިޔައެވެ.
" ސާޔާ..."... އަސަދު އޭނާގެ ހުރި ހަމައެކަނި ދަރިފުޅަށް ގޮވާލިއެވެ. ނަމަވެސް އެ އަޑުގައި އޯގާތެރިކަމުގެ ކުޑަ ނަމަވެސް މިންވަރެއް ނެތެވެ. މޫނުމަތިން ހިތާމައިގެ އަސަރެއް ވެސް ފެންނާކަށް ނެތެވެ.
" ކަލޭ ބޭނުންވި ގޮތް މި ވީ އެންނު؟.. އަހަރެން ވެސް މަރާލި ނަމަ... ".. ސާޔާ ބަލާނުލުމުން އަސަދު އޭނާގެ ކޮނޑުގައި އަތް ޖައްސާލުމުން ސާޔާ ބާރަށް ބުނެލިއެވެ. ވަށައިގެން ވީ މާހައުލަށް ބަލާލަމުން އަސަދު ފުން ނޭވާއެއް ދޫކޮށްލިއެވެ. އެކަމަށް ފަރުވާލެއް ބަހައްޓާނެ މީހަކު އެތަނުގައި ނުހުންނާނެކަން އޭނާއަށް މާކުރިން ވެސް އެނގެއެވެ. ސާޔާއާއ ހަތަރުކަޅި ހަމަވި އިރު އެ މޫނުން ފެންނަނީ ރުޅިވެރިކަމެވެ. ދެ ބުމަ ގާތް ވެފައި ހުރިގޮތުން ދެންމެ ދެންމެ ގޯހެއް ހަދައިފާނެހެން ހީވެއެވެ.
" ބުނަން ރަނގަޅު ވާހަކައެއް.. ކަލޭގެ މަންމަ ކައިރިއަށް ދާން ބޭނުން ނަމަ މިހާރު ވެސް ދިރިހުއްޓާ ވަޅުލެވިދާނެ.. ތި އަނގައިން އެންމެ ލަފްޒެއް ވެސް އިތުރަށް ބުނެފިއްޔާ ކަލޭގެ ތި ދޫ ބުރިކޮށްލާނަން.. ކިތަންމެ ބާރަށް ހަޅޭއްލެވިޔަސް މި ތަނުން ތެދުވެގެން ކަލޭގެ މަންމަ ނާންނާނެ ސަލާމަތް ކޮށްދޭން.. ދެން ވެސް އަހަރެން ބުނާގޮތް ހަދައިގެން ގެއަށް ދާން ހިނގާ..."..... ސާޔާގެ ކޮލުގައި ދެފަރާތުން ހިފާ ބާރުކޮށްލަމުން އަސަދު އޭނާގެ ނިންމުން އިއްވާލިއެވެ. އަސަދުގެ ދިގު ވެފައިވާ ނިޔަފަތިތައް ސާޔާގެ ކޮލަށް ހެރި ލޭ ކުލަ ފެންނަން ފެށުމުން ވެސް އޭނާގެ ހިތަށް ކުޑަވެސް ރަހުމެއް ވެރިވިހެންނެއް ހިއެއް ނުވެއެވެ.
އަސަދުގެ މޫނަށް ބަލަހައްޓައިގެން ހުރިއިރު ސާޔާ ހުރީ ގޮތް ހުސްވެފައެވެ. ރުޅިއާއި ހިތާމައިން އެ ދޮން މޫނު ރަތްވަމުން ދިޔަ އިރު ވެސް ލޮލުން ކަރުނައިގެ އަސަރު ފާޅެއް ނުވެއެވެ. އަސަދުއާ ދިމާލަށް ބުނަން ބޭނުންވާ ކިތަންމެ ގިނަ ވާހަކަތަކެއް ހުއްޓަސް ސަޔާގެ ދުލުގައި ވަނީ ތަޅެއް ލެވިފައެވެ. ނަފްސު އަތުން ދޫވެދާނެ ކަމުގެ ބިރު ހީވުމުން އޭނާ ތުން ފިއްތާލިއެވެ. އަސަދުގެ ނަޒަރު ހުއްޓުނީ ސާޔާގެ ތުންފަތަށެވެ. އެއާ އެކު އެ މޫނަށް ވެރިވީ ވިހަ ހިނިތުންވުމެކެވެ.
އަސަދުގެ ސިކުނޑީގައި ވަނީ ކީކޭކަން ރަނގަޅަށް އެނގުނު ނަމަވެސް ސާޔާއަށް އެކަމުން ސަލާމަތް ވެވޭނެ ގޮތެއް ނެތެވެ. ފާއިތުވެ ދިޔަ ދެ އަހަރު އޭނާއަށް ސަލާމަތް ނުވެވުނު އަނދިރިކަމަކުން ދެން އަމުދުން ސަލާމަތް ވެވޭނެއޭ ސާޔާގެ ހިތެއް ނުބުނެއެވެ.
އަސަދުގެ އަނިޔާވެރިކަމާ ކުރިމަތިލާން ޖެހުނަސް އެކަމުން ސާޔާ ސަލާމަތް ކޮށްދެވޭތޯ މަސައްކަތް ކުރި ލޯބިވާ މަންމަގެ ވަކިވުމަށްފަހު ސާޔާގެ ހިތަށް ފުން އަސަރުތަކެއް ކުރުވިއެވެ. އޭނާގެ ނަޒަރުގައި މަންމަ އަޔާނާ ވަކިވެދިޔައީ ވެސް އަސަދުގެ ސަބަބުންނެވެ.
އަޔާނާގެ މަހާނައަށް ނަޒަރު ހުއްޓާލަމުން ސާޔާ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިކޮށްލިއެވެ. މަންމަގެ ނަފްސަށް ހަމަޖެހުން މިންވަރުކުރައްވާތޯ ހިތާއި ހިތުން ދުޢާ ކޮށްލަމުން އޭނާ ސަހަރާއިން ނުކުންނަން ހިނގައިގަތެވެ. ދެން ހަމަ ގައިމު ވެސް އަޔާނާ ހިތާމައެއް ނުކުރާނެއެވެ. އެކަމުން ސާޔާގެ ހިތަށް ކޮންމެވެސް ވަރެއްގެ ލުއިކަމެއް ލިބުނެވެ.
*****
ގެއަށް ވަދެވުމާއެކު އައިރާ ފުން ނޭވާއެއް ދޫކޮށްލިއެވެ. ސާޔާއާ މެދު ވިސްނޭ ވަރަކަށް އެ ހިތް ނުތަނަވަސް ވަމުން ދިޔައެވެ.
" އައިރާ.. ތިވަރަށް ނުވިސްނާ.. ކޮންމެ ކަމެއް ވެސް ވާނީ ރަނގަޅަކަށް.. ދަރިފުޅު ކަންބޮޑުވާނެ މިންވަރު މަންމައަށް އެނގޭ.. އެކަމަކު ސާޔާ އާއި ދަރިފުޅު ދެން ބައްދަލުވާނެއޭ މަންމަގެ ހިތެއް ނުބުނޭ.. "... ޝެހެނާޒް އައިރާގެ ބޮލުގައި މަޑުމަޑުން ފިރުމާލިއެވެ.
" އައި ހޭވް ޓު ހެލްޕް ހަރ މަމް... ސާޔާ އެހާލުގަ އުޅޭތަން ބަލަން ކެތް ނުވާނެ.. ދެން އެފަކީރަށް ވާނެ ގޮތް ހިތަށް އެރިޔަސް ބިރުގަނޭ.. އަޔާނާ އާންޓީ ހުރި އިރު ކޮންމެވެސް ގޮތަކުން ސާޔާ ސަލާމަތް ކުރިޔަސް ދެން ކާކު އެކަން ކުރާނީ.. ޝީ އިޒް ވިތް އެ މޯންސްޓަރ.. އެ އަސަދު ކޮންމެ ކަމެއް ކުރިޔަސް ސާޔާ އަށް ޖެހޭނީ އެކަމަކަށް ތަބާވާން ...."...... އައިރާގެ ކޯތާފަތް މަތިން ރޮނގަކަށް ކަރުނަ ފައިބަން ފެށިއެވެ. އަސަދުއާ ދެކޮޅަށް ތެދުވާނެ ހިތްވަރު އެއިން އެކެއްގެ ކިބައިގައި ވެސް ނެތެވެ. މީގެ ކުރިން އަސަދުއާ ދެކޮޅަށް މައްސަލަ ހުށަހެޅިއެވެ. ނަމަވެސް އެކަށީގެންވާ ވަރުގެ ހެއްކެތް ނެތް ކަމަށް ބުނެ އެފަހަރު ވެސް މައްސަލަ އޮއްބާލީއެވެ.
*****
ފުޅާކޮށް އޮތް މަގުގެ އެއް ފަރާތުން ސާޔާ ހިނގާފައި ދިޔައިރު އޭގެ ތަންކޮޅެއް ފަހަތުގައި ހުރެ އަސަދު ހިނގަމުން ދިޔައެވެ. ސާޔާއަށް ނަޒަރު ހުއްޓާލައިގެން ހުރި އިރު އޭނާގެ ކޮންމެ ހަރަކާތަކަށް ފާރަވެރިވެގެން ހުރި ކަހަލައެވެ. އެއީ މީހުން ދިރިއުޅޭ ހިސާބާ ފުދޭވަރަކަށް ދުރު ސަރަހައްދެއް ކަމުން މަގުގެ ދެ ފަރާތުގައި ގަސްތައް އޮތީ ބޯވެފައެވެ. އަނދިރީގެ ތެރެއިން އެ މާހައުލު ފެންނަމުން ދިޔައީ ނާމާންކޮށެވެ. އަސަދު، ސާޔާއަށް ނަޒަރު ހުއްޓާލައިގެން ހުރި އިރު އޭނާގެ ކޮންމެ ހަރަކާތަކަށް ފާރަވެރިވެގެން ހުރި ކަހަލައެވެ.
" ސާޔާ...."....... ސާޔާ އިސްއުފުލާ ވަށައިގެން ނަޒަރު ހިންގާލީ އޭނާގެ ނަމުން މީހަކު ގޮވާލިހެން ހީވުމުންނެވެ. ނަމަވެސް އެ މާހައުލުން އެ ދެމީހުން ފިޔަވާ އިތުރު ދިރޭ މަޚުލޫޤެއްގެ ނިޝާނެއް ވެސް ފެންނާކަށް ނެތެވެ. އެ ހިތުގައި ބިރުވެރިކަމުގެ ރާޅު ބާންޏެއް ދަތުރުކޮށްލީ މާހައުލަށް ވެރިވި ކުއްލި ހަމަހިމޭން ކަމުންނެވެ. ޖެހެމުން ދިޔަ ވައިރޯޅި ވެސް މަޑުވެލިއެވެ. ގަސްތަކުގެ ފަތްތައް ވެސް ހެލިލާތަނެއް ނުފެނެއެވެ. ފަނި ފަކުސާގެ އަޑުވެސް އެއްކޮށް މަޑުވެލިއެވެ.
ސާޔާ ފަސްއެނބުރި ބަލާލިއެވެ. އަސަދު އަށް އެއްވެސް ކަމެއް ނޭނގޭ ފަދައެވެ. އޭނާ ހުރީ ނުހަނު ހަމަޖެހިފައެވެ. އެކަމުން ވެސް ސާޔާގެ ހިތް، ނުބައި ވަސްވާސްތަކުން ފުރާލިއެވެ. ނަމަވެސް އެއީ ހިނދުކޮޅަކަށެވެ. ޖެހިލި ފިނި ވައިރޯޅިއާއެކު ސާޔާގެ ފަން އިސްތަށިގަނޑުން ބައެއް އެ މޫނު ފޮރުވާލިއެވެ. އެއާއެކު ފަޒާގައި ލުއި މީރުވަހެއް ހިފާލިއެވެ. އެއް އަތުން އިސްތަށިގަނޑު ރަނގަޅުކޮށްލަމުން ސާޔާ މޭގައި ފިރުމާލިއެވެ. އޭނާއަށް މީހެއްގެ އިހްސާސް ކުރެވެނީއެވެ. ކުރިން އެހިތް ފުރާލި ބިރުވެރިކަން މިހާރު ފިލައިފިއެވެ. އެއީ ހިތަށް ހަމަޖެހުން ގެނުވައިދޭ އިހްސާސެއްކަން ބުނަން ސާޔާއަށް ޔަގީނެވެ. އޭނާއަށް ރައްކާތެރިކަން ލިބިގެންވާ ކަހަލައެވެ.
******
ހ. ބްލޮސަމް ގޭގެ ދޮރުމައްޗަށް އެރި ޒުވާން އަންހެން ކުއްޖާ ހައިބަތު ހުރި އެ ގެއަށް ނަޒަރު ހުއްޓާލިއެވެ. ގޭޓު ކައިރީގައި ހުރި ސެކިއުރިޓީ ގާޑަށް އޭނާ ހަދިޔާ ކޮށްލީ ރީތި ހިނިތުންވުމެކެވެ.
" އަމްރު މަޑުކޮށްލާ.. އައި ކޭން ޓޭކް ކެއަރ އޮފް ދިސް..."....... އެ އަންހެންކުއްޖާއާ ދިމާލަށް އައި ޔުނިފޯރމުގައި ހުރި މީހާ ފެނުމުން ލުއި ހިނިތުންވުމަކާއި ބުނެލަމުން ކައިރީގައި ހުރި ލަގެޖުގައި އެއް އަތުން ހިފާލިއެވެ. އަދި އަނެއް އަތުގައި އޮތް ކުޑަ ފެންފުޅިން ފެންފޮދެއް ބޯލިއެވެ. ފުން ނޭވާތަކެއް ލަމުން ދިޔައިރު އެ ކުއްޖާގެ މޫނުމަތިން ވަރުބަލިކަމުގެ އިހްސާސް ކޮންމެވެސް ވަރަކަށް ފެންނަން ހުއްޓެވެ.
" ކޮއްކޮ ތިއައީ ވަރަށް ރަނގަޅު ވަގުތެއްގަ.. އާއިލާ އެންމެން ވެސް މިވަގުތު ގޭގަ އެބައުޅޭ... "... އަމްރުގެ މޫނުން އޭނާ ހުރީ ނުހަނު އުފަލުންކަން ދޭހަވެއެވެ.
ފަނޑު ހިނިތުންވުމެއް ހަދިޔާ ކޮށްލަމުން އެ ކުއްޖާ ކުރިމަތިން ފެންނަން އޮތް ވޯކް ވޭ އިން ކުރިއަށް ދާން ފެށިއެވެ.
ކުރިއަށް ދިޔަ ވަރަކަށް އޭނާގެ މޫނުގައި ވީ ހިނިތުންވުން ދިޔައީ ފަނޑުވަމުންނެވެ. ވަށައިގެން ހޯދަމުން ދިޔައިރު ހީވަނީ މީހަކަށް އިންތިޒާރު ކުރާހެންނެވެ. އެ ކުއްޖާ އިސްއުފުލާ މައްޗަށް ބަލާލިއެވެ. އޭނާގެ ނަޒަރު ހުއްޓުނީ ދެވަނަ ފަންގިފިލާގެ ބެލްކަންޏަށެވެ. އެވަގުތު ކުށްވެރިއަކު ފަދައިން އަނެއްކާވެސް އިސްޖަހާލިއެވެ. ފަސް އެނބުރި ދާން ހިތަށް އެރި ނަމަވެސް މިއަދު ދެވޭކަށް ނެތެވެ. ކުރިއަށް އަޅަމުން ދިޔަ ކޮންމެ ފިޔަވަޅެއްވެސް އަޅަމުން ދިޔައީ މަޖުބޫރީ އާއެކު ގައެވެ. އޭނާގެ ފިޔަވަޅުތަކުގައި ވަނީ ލަސްކަމެވެ.
" ރައުލް..."... ފަޒާގައި ހިފާލި ލުއި މީރު ވަހާއެކު އެ ކުއްޖާގެ ފިޔަވަޅުތަކަށް މަޑުޖެހުމެއް އައެވެ. އެވަގުތު ފިނި ވައިރޯޅިއެއް ޖެހިލިއެވެ.
" ހެލޯ ނަވާ.. ލުކިންގް ފޯރ މީ.؟.."..... ފަސްއެނބުރި ބަލާލުމާއެކު ނަވާރްގެ ލޮލުގައި އަޅައިގަތީ ގޭޓުގައި ލެނގިލައިގެން ހިނއައިސްފައި ހުރި ރައުލް އެވެ. އެ މޫނުގައި ވަނީ ލާނެތް ކަމެވެ.
ނަވާރް ތުން ފިއްތާލަމުން ރައުލްއަށް ލޯ އަޅާލިއެވެ. ނަމަވެސް އެހެން ހުރެވުނީ އިރުކޮޅަކަށެވެ. އެ ތުންފަތަށް ވެރިވީ ހިތްތައް ކަތިލާފަދަ ރީތި ހިނިތުންވުމެކެވެ. ކަނާތު ކޮލަށް އެޅުނު އަޑިކޮޅާއެކު އެ ލޮލުގެ ވިދުން ގަދަވިއެވެ. ލައިގެން ހުރި ހޫޑީގެ ޖީބަށް އަތް ޖަހާލަމުން ނަވާރް ރައުލްއަށް ފުންކޮށް ބަލާލިއެވެ. ކުރިއަށް ވުރެ ވެސް ދިގުވެފައި ވާއިރު ރައުލްގެ އިސްކޮޅުގައި ހަ ފޫޓު ހުންނާނެއެވެ. ލިބިފައިވަނީ އާދަޔާޚިލާފު ހުދު ދޮންކަމެކެވެ. ދެލި ކޮޅެއްހެން ހީވާ ބޯ އިސްތަށިގަނޑު އޮތީ ރީތިކޮށް ސްޓައިލް ކުރެވިފައެވެ. ކަޅުކުލައިގެ ވަރުގަދަ ބުމައިގެ ތިރިން ފެންނަން ހުރި ހޭޒެލް ކުލައިގެ ލޮލުން އަންހެން ކުދިންގެ ހިތްތައް ކަތިލާނެކަން ގައިމެވެ. އެ ރީތި ލޮލުގެ ވަށައިގެންވީ އެސްފިޔަތަށް ވެސް އެހާމެ ދިގެވެ. ރަތްކުލަ އަރައިފައިވާ ތުންފަތް ހީވަނީ ލޭކޮޅެއް ހެންނެވެ. ހުރިހާ ރީތިކަމެއް ހުސްކޮށްލައިގެން ހުރި ޒުވާނެކެވެ.
" އަދިވެސް އަހަރެންގެ ރީތި ކަމަށް ތަޢުރީފް ކޮށްކޮށް ނުނިމޭތަ.. އައި ނޯ... އައިމް ހޭންޑްސަމް.. ހޮޓް.."... ރައުލް ހީވީ ނަވާރްގެ ސިކުނޑީގައި ވާ ހުރިހާ އެއްޗެއް ކިޔާލި ހެންނެވެ.
" އެއްވެސް ރީއްޗެއް ނޫން.. ކޮންތާކު މި ހުރިހާ ދުވަހު އުޅުނީ.. ކީއްވެ ދޮންތަ ކައިރިއަށް ނައީ؟... ރައުލް އަށް ނޭނގޭތަ ރައުލްގެ ހެލްޕް ދޮންތަ ބޭނުންވާނެ ވަރު؟... އެންމެ ފަހުން މާލެއަށް އަންނަން މިޖެހުނީ ވެސް ރައުލްގެ ބޯ ހަރު ކަމުން..."..... ނަވާރް ޝަކުވާ ކޮށްލިއެވެ. ނަމަވެސް ރައުލްއަށް އެ އަޑު ނީވޭ ކަހަލައެވެ. ނޫނީ ނަވާރްގެ ސުވާލަށް ރައުލް ޖަވާބު ދޭން ބޭނުން ނުވީއެވެ.
ފިރިހެންވަންތަ ހިނގުމެއްގައި ރައުލް އަންނާނެ ކަމަށް ނަވާރް ލަފާކުރިޔަސް އެސްފިޔަ ޖަހާލާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ރައުލް ހުރީ އޭނާ އާއި ދާތި ގާތުގައެވެ.
" އައި ނޯ ވަޓް ޔޫ އަރ ތިންކިންގް ... އަހަރެން ނޫޅެން ނަވާ އިމްޕްރެސް ކުރަން.. ރީތި ކުއްޖެއް ނަމަ ދޯ މޮޑެލް އަކަށް ދޫ ނުކުރާ ވަރަށް ހިނގާފަ އަންނާނީ....".... ރައުލްގެ ލާނެތް ކަން އެއީ ނަވާރް އަށް އޮޅޭނެ އެއްޗެއް ނޫނެވެ. ކޮންމެވެސް ގޮތަކުން އޭނާއާއި ދިމާކުރުމުގައި ރައުލް އަބަދުވެސް ކުރި ހޯދާނެއެވެ.
ރައުލްއާ ކުރަން ބޭނުންވާ ކިތަންމެ ސުވާލެއް ހުރި ނަމަވެސް ނަވާރް އެކަން ފަސްކޮށްލިއެވެ.
******
ވަށައިގެން ބާރަ މީހުންނަށް އިނދެވޭ ގޮތަށް ހުރި ބިއްލޫރި މޭޒުދޮށަށް ފަހަރަކު މީހަކު އަންނަމުން އައިސް އެންމެން ހަމަ ވެއްޖެއެވެ. ހަތަރު ގޮނޑި ހުސްކޮށް ހުރި އިރު އެ ގޮނޑިތައް ވަނީ މޭޒާއި ކައިރި ކުރެވިފައެވެ. މޭޒުގެ އެއް ކޮޅުގައި އަފްރާހު އިން އިރު އޭނާގެ ކަނާތްފަރާތުން އެންމެ ކައިރީގައި ހުރި ގޮނޑީގައި އިނީ އަނބިމީހާ މަލިކާ އެވެ. އެއާ ޖެހިގެން އެ ދެމަފިރިންގެ ހަނގު ދަރިފުޅު ނޯޔާ އިން އިރު ނޯޔާއާއި ޖެހިގެން ހުރީ ހުސް ގޮނޑިއެކެވެ. އެ ގޮނޑިއާއި ޖެހިގެން ހުރި ގޮނޑީގައި އިނީ މަލިކާގެ ދައްތަ މަލާންގެ ދޮށީ ދަރިފުޅު ޔަލާ އެވެ. ޔަލާ އާއި ޖެހިގެން އޭނާގެ ފިރިމީހާ ލޫކަސް އިން އިރު މޭޒުގައި ކޮޅުގައި އިނީ މަލާންގެ ފިރިމީހާ އިޝާރް އެވެ. އިޝާރް އާއި ޖެހިގެން މަލާން އިން އިރު ދެން އިނީ އެ ދެމަފިރިންގެ ހަނގު ދަރިފުޅު ސެހްރާންއެވެ. ސެހްރާން އާއި ޖެހިގެން ދެން ހުރި ތިން ގޮނޑިވެސް ވަނީ މޭޒާއި ކައިރި ކުރެވިފައެވެ.
ބޮޑު އާއިލާ އެއް ނަމަވެސް މާހައުލުގައި ވަނީ ހިމޭން ކަމެވެ. އެއްވެސް މީހަކު އަނގައިން ނުބުނެއެވެ. ކޮންމެ މީހަކު ވެސް އެމީހެއްގެ އަމިއްލަ ދުނިޔެއެއްގައި ތިބެ މަޑު މަޑުން ކަމުން ދިޔައިރު އިވޭހާ ވެސް އަޑަކީ ތަށީގައި ސަމްސާ ޖެހޭ އަޑެވެ.
ކުއްލިއަކަށް އިވިގެން ދިޔައީ ނޯޔާގެ ތޫލި ހަޅޭކުގެ އަޑެވެ. އެއާއެކު ވައިރޯޅިއެއްހާ ބާރުމިނުގައި ގޮސް ނަވާރްގެ ގައިގައި އޭނާ ބައްދައިގަތެވެ. ދާދި ކުޑަ ހިނދުކޮޅެއްގައި ވެދިޔަ ކަންތަކުން އެންމެން ވެސް ތިބީ ސިހުމެއްގައެވެ.
" ސަޕްރައިޒް..."... ދެއަތް ފުޅާ ކޮށްލަމުން ނަވާރް ހީގަންނަމުން ބުނެލިއެވެ. އޭރު އެންމެންގެ މޫނު މަތިންވެސް ފެންނަނީ ހައިރާންކަމެވެ. ނަވާރް ވަކިވަކިން އެންމެނަށް ނަޒަރު ހުއްޓާލިއެވެ. އެ ތުންފަތުގައި ވީ ހިނިތުންވުން ފަނޑުވީ ޔަލާ އާއި ޖެހިގެން އިން ލޫކަސް ފެނުމުންނެވެ. ލޫކަސް އާއި ޔަލާގެ ގުޅާލެވިފައިވާ އަތް ފެނުމުން ނަވާރް އުނދަގޫ ގޮތަކަށް ފުން ނޭވާއެއް ދޫކޮށްލިއެވެ. ނަމަވެސް ތުންފަތަށް މަސްނޫއީ ހިނިތުންވުމެއް ވެރިކޮށްލަމުން އޭނާ ލޫކަސް އާއި ނަޒަރު ވަކި ކޮށްލިއެވެ.
މަޑު ހިނގުމެއްގައި އައިސް ނަވާރް މަލިކާގެ ގައިގައި ބައްދާލިއެވެ. ހިތަށް ކޮށްފައިވާ އަސަރުން އިސާހިތަކު އެ ދެލޯ ފެންކަޅި ވެއްޖެއެވެ.
"އަނހަ.. ދަރިފުޅު ރޮނީތަ؟..."...... އަފްރާހު ތެދުވެގެން އައިސް ނަވާރްގެ ބޮލުގައި ފިރުމާލިއެވެ. އެންމެން ވެސް ނިންމީ އެއީ ގިނަ ދުވަސްތަކަކަށްފަހު މަލިކާ އާއި ބައްދަލުވުމުން ނަވާރްއަށް އައި ބަދަލެއް ކަމުގައެވެ.
" ކޮންގްރެޖުލޭޝަންސް ޔަލް.. މެރީ ކުރިކަން އެނގުނީ ވެސް މަންމަ ބުނީމަ.. ހިއެއް ނުކުރަން އެހާ ސިއްރުން ޔަލް އެވަރުގެ ބޮޑު ނިންމުމެއް ނިންމާނެއޭ.... އެންމެ ފަހުން ޔަލްގެ ހަޒްބެންޑް ވެސް ފެނިއްޖެ.. ޔޫ ބޯތް ލުކް ޕާރފެކްޓް ޓު ގެދަރ...".... މަލިކާގެ ގައިން ދޫކޮށްލުމަށްފަހު ނަވާރް ޔަލާގެ އަތުގައި ހިފާލިއެވެ. އަދި ލޮލުގެ ހިމަކޮޅުން ލޫކަސް އަށް ބަލާލިއެވެ.
" ސޮރީ އެބައުޓް ދެޓް ނަވާ.. .. އެންމެން ވެސް ތި ޝަކުވާ ކުރަނީ އަބަދު... ދެން އެ ވާހަކަ ނުދައްކާ... ކިރާޒް ވަރަށް އުފާވާނެ ނަވާ އައިކަން އެނގުނީމަ...".. ޔަލާ ވާހަކައިގެ ތެރެއިން އޭނާގެ 7 މަހުގެ ދަރިފުޅު ކިރާޒްގެ ވާހަކަ ބުނެލިއެވެ.
ކައިވެނީގެ ވާހަކަ ދެއްކުމުން ޔަލާ ކުޑަކޮށް ހާސްވާ ގޮތްވިއެވެ. އެއީ އެއްވެސް ވަރަކަށް އޭނާ ދައްކަން ބޭނުންވާ ވާހަކައެއް ނޫނެވެ.
އިތުރު އެއްޗެކޭ ނުބުނެ ނަވާރް ހިނިތުންވުމެއް ހަދިޔާ ކޮށްލަމުން ވަކިވަކިން އެންމެންގެ ހާލު އޮޅުންފިލުވިއެވެ.
ނޯޔާ އާއި ޖެހިގެން އިށީންއިރު އޭނާގެ ނަޒަރު ހުއްޓުނީ ކުރިމަތީގައި ހުސްކޮށްހުރި ގޮނޑިއަށެވެ. މަލިކާއާ ސުވާލު ކުރަން އުޅެފައިވެސް ނަވާރް ހުއްޓާލީ ކުއްލިއަކަށް ރައުލް މަތިން ހަނދާން ވުމުންނެވެ. ނުވަތަ އޭނާ ކުރަން އުޅުނު ސުވާލު ކުރުން އެންމެ އެކަށީގެންވާ ތަނަށް އެ މާހައުލު ނުވީއެވެ.
ނަވާރް އާއެކީ ރައުލް ގައިމުވެސް ގެއަށް ވަނެވެ. ނަމަވެސް މިހާރު އެގޭތެރެއިން ރައުލްގެ ނިޝާނެއް ވެސް ފެންނާކަށް ނެތެވެ.
" ސީރިއަސްލީ ރައުލް؟ ވެއަރ އާރ ޔޫ ؟...."..... ފޯނުން މެސެޖެއް ކޮށްލަމުން ނަވާރް ވެސް ކެއުމުގައި ބައިވެރިވިއެވެ. އޭރު ނޯޔާ އާއި ސެހްރާން އޭނާއާއި ތަފާތު ސުވާލުތަށް ކުރަން ފަށައިފިއެވެ. އެކަމުން ހިމޭންވެފައިވާ އެ މާހައުލަށް ކޮންމެވެސް ވަރެއްގެ ދިރުމެއް ވެރިވިއެވެ.
******
ވެހެމުން ދިޔަ ވާރޭގެ ތިކިތަކަށް ނަޒަރު ހުއްޓާލައިގެން ސާޔާ ހުރި އިރު އެ ދިގު އެސްފިޔަތައް ވަނީ ތެމިފައެވެ. އުނަގަނޑަށް ވުރެ ތިރިއަށް އޮތް މުށިކުލައިގެ ފަން އިސްތަށިގަނޑު ވަނީ ފަހަތަށް ދޫކޮށްލާފައެވެ. ހުޅުވާފައި ހުރި ކުޑަދޮރު ލައްޕާލުމަށްފަހު އަތުކުރީ އޮތް ގަޑިއަށް އޭނާ ބަލާލިއެވެ.
އަދި ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ނިތްކުރީގައި އަތް ހިންގާލިއެވެ. ދެން ސާޔާ ބަލާލީ މީގެ އިރުކޮޅެއް ކުރިން އަސަދު ގެނެސް އެނދުމަތީގައި ބޭއްވި ރަތް ކުލައިގެ ޖަރީކުރި ހެދުމަށެވެ.
ސާޔާ އަކީ އަސަދުގެ ރުފިޔާ މެޝިނޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. އޭނާއަކީ އާދަޔާ ޚިލާފަށް ރީތި ކުއްޖެކެވެ. އެކަމުގެ ނާޖާއިޒު ފައިދާ ނަގަން އަސަދު ފެށީ އޭނާގެ ރަޙުމަތްތެރިން ސާޔާގެ ރީތިކަމުގެ ވާހަކަ ދައްކަން ފެށުމުންނެވެ. ބުރަ މަސައްކަތެއް ނުކޮށް ފައިސާ ލިބޭނޭ މަގެއްގެ ގޮތުގައި އޭނާ ސާޔާ ދުއްޓެވެ. އަސަދު އަށް ނުވިސްނުނީ އެކަމުން ހަލާކު ވެގެން އެދަނީ ޅަ ފުރާ އަންހެން ކުއްޖެއްގެ ހަޔާތް ކަމެވެ.
ސާޔާގެ ކައިރިއަށް މިރޭ އަންނަން ހަމަޖެހިފައި އޮތް މެހެމާނުގެ އިންތިޒާރުގައި ސިޓިންގްރޫމުގައި އަސަދު އިނީ ކެތްތެރިކަން ކުޑަ ވެފައެވެ. އިރު އިރުކޮޅާ ފާރުގައި ހަރުކޮށްފައި ހުރި ގަޑިއަށް ބަލަމުން ދިޔައިރު އަތުގައި އޮތް ސިގިރޭޓް ދަމާލައެވެ.
އަސަދުގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ ގޭގެ ބެލް އަޅާލުމުންނެވެ. ދުވެފައި ކަހަލަ ގޮތަކަށް ގޮސް އަސަދު ދޮރު ހުޅުވާލިއެވެ. އެ މޫނުގައިވީ ހިނިތުންވުން ފަނޑުވެ ހައިރާންކަން ވެރިވީ ކުރިމަތީގައި ހުރި ޒުވާނާ ފެނުމުންނެވެ. ހާއްސަކޮށް އެ ޒުވާނާގެ ހޭޒެލް ކުލައިގެ ކަޅި ފެނުމުން އަސަދުގެ ހިތް އާދަޔާ ޚިލާފު ބާރުމިނެއްގައި ތެޅެން ފެށިއެވެ.
-- ނުނިމޭ --
އެޑިޓަރުގެ ނޯޓް: މިވާހަކަ ގެނެސްދޭނީ ކޮންމެ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހުއެވެ.
ވެރ ނައިސް. ތިވަރެއ ނެތް ހަމަ.