ވާހަކަ

ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާދަވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ވެވުނީ ލޯތްބޭ ޔާރު ހުވާ (ޓްރެއިލާ) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފުރަތަމަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދެވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިންވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތަރުވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދިހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެގާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާދަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަނަރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސޯޅަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ނަވާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (20ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައްބީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނަވާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބައްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސްނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އޮނަފަންސާސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސާސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އެކާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ބާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ތޭވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސައުރަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ސަވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - ސަތުވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - އަށުވަންނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަހު ބައި)

" އޭ... ރައުލް.. އާދޭ..."... ލިބިފައިވާ ޝޮކް ފިލައިގެން ދިޔުމުން ސެހްރާން ބާރަކަށް ގޮވާލިއެވެ. ނަމަވެސް އޭރު ރައުލްގެ ނިޝާނެއް ފެންނާކަށް ނެތެވެ. ..  ރައުލް އެބުނި ވާހަކައާއި މެދު ސެހްރާން އަށް ފުންކޮށް ވިސްނާލެވުނެވެ. އޭނާ އަށް ކުރިން އެކަން ނޭނގުނީ ކީއްވެ ހެއްޔެވެ. ފާހަނގަ ނުކުރެވުނީ ކީއްވެ ހެއްޔެވެ؟... ރައުލް އެ ދިޔައި ހިތް އަވަސް ކުރުވާފަދަ ހަބަރެއް ދީފައެވެ. ދެން އޭނާ ހޯދުމަކީ ފަސޭހައިން ކުރެވޭނެ ކަމެއް ނޫނެވެ. ފެނުނަސް އެވާހަކަ ރައުލް އިތުރަށް ނުދައްކާނެއެވެ. ސެހްރާން އަށް ޖެހޭނީ އަމިއްލަ އަށް އެ ވާހަކައިގެ ހަޤީޤަތް ހޯދާށެވެ.

Ads by MWSC

**************************

ދުވަސް ފެށިގެން ދިޔައީ ސާޔާ އަދި ނަވާރް އަށް ބުރަކޮށެވެ. އަފްރާހު ވިޔަފާރި ދަތުރެއްގައި ލަންކާއަށް ފުރުމުން ނަވާރް ބޭނުންވީ އެދުވަސްކޮޅު އެޕަރޓްމެންޓްގެ ކަންކަން ނިންމާލުމަށެވެ. ބައްޕަގެ ނުފޫޒު ނުފޯރާނީ އޭރުންނެވެ.

" ސާޔާ އަށް މި ރޫމް ދޭންވީނު... "... ފުރަތަމަ ވަދެވެން ހުރި ކޮޓަރީގެ ދޮރު ހުޅުވާލަމުން ސާޔާ ބުނެލިއެވެ. އެ ކޮޓަރީގައި ހުރި ބޮޑު ބެލްކަނި ފެނުމުން އޭނާ ހިތްހަމަޖެހުނެވެ. ގުދުރަތީ ވައި ކޮޓަރިއަށް ވަންނާނެ ގޮތެއް ހުރުމުންނެވެ. ނަވާރް އަށް ވެސް ރަނގަޅީ އެގޮތެވެ. އޭނާ ހުރީ ވެސް އެ ކޮޓަރި ސާޔާ އަށް ދޭން ނިންމައިގެންނެވެ. އެ ބެލްކަނި ފެނުމުން ވެސް ނަވާރްގެ ހިތް އާދަޔާ ޚިލާފު ބާރުމިނެއްގައި ތެޅިލިއެވެ. އަވަސް އަވަހަށް އެ ކޮޓަރިން ނިކުމެ ނަވާރް ސިޓިންގްރޫމްގެ ކުޑަދޮރުތައް ހުޅުވާލިއެވެ.

" ސާޔާ ބުނީމެންނު އިންޓީރިއާ ޑިޒައިނިންގް ކިޔަވާ ހިތްވާ ވާހަކަ.. މި ޗާންސްގެ ބޭނުން ހިފަން ނަވާއަށް ފެނޭ..".... ނަވާރް ސާޔާ އަށް ގޮވާލަމުން ބުނެލިއެވެ. ސާޔާއަށް ކަމުދާ ގޮތަކަށް އެ އެޕަރޓްމެންޓް ތައްޔާރުކުރަން ނަވާރް އެދުނެވެ.

އޭރު ރައުލް އާއި ރާސިލްގެ އިތުރުން ސެހްރާން ވެސް އައިއްސިއެވެ. ތިން ޒުވާނުންނާއި ހަވާލުކުރެވިފައި އޮތް މަސައްކަތަކީ ފަރުނީޗަރުތައް އެތުރުމެވެ. ސާޔާ އަށް ފާހަނގަ ކުރެވުނީ ރައުލް އާއި ރާސިލްގެ ހަރަކާތްތަށް އަވަސްކަމެވެ. އާދައިގެ މީހަކަށް ފަރުނީޗަރު އަތުރާލެވޭނެ ވަރަށް ވުރެ އަވަހަށް އެ ޒުވާނުންގެ މަސައްކަތް ނިމިއްޖެއެވެ. ސާޔާ ހައިރާންވެފައި ހުރުމުން ރައުލް ކޮންމެވެސް މޮޅު ވާހަކައެއް ބުނެ އެކަން ހަމަޖައްސާލިއެވެ.

" ރައުލްގެ އުފަން ދުވަސް އަންނަނީ ދޯ؟.. ކޮންކަމެއް މިފަހަރު އޮތީ؟.. ދަތުރު ދިޔުމެއްވެސް ނެތްތަ؟...."... ސޯފާގައި ރީތިކޮށް ކުޝަންތައް އަތުރާލަމުން ނަވާރް ރައުލް އަށް ބަލާލިއެވެ. ރައުލްގެ ފަރާތުން ފެންނަމުން ދިޔަ ދުރުކަމުން ނަވާރް އަށް އުނދަގޫވިއެވެ. ރައުލް ގަސްތުގައި ނަވާރް ދުރުކުރަނީ ހެއްޔެވެ؟.. އޭނާ އަށް ގޯސްކޮށް ކަމެއް ކުރެވުނި ހެއްޔެވެ؟... ނަވާރް އަނެއްކާ ވެސް ރައުލް އަށް ގޮވާލީ އޭނާގެ ފަރާތުން ޖަވާބެއް ނުލިބުމުންނެވެ.

" ދަތުރު ދެވިދާނެ.. އެކަމަކު ފަޅު ރަށަކަށް ދާން ވާނީ... ބިރުވެރި ރަށަކަށް... ގޯސްޓް އެޑްވެންޗަރ އެއް ކިހިނެތް ވާނެ.. ނަވާ އަށް ކަމުދާ ކަހަލަ ޖިންނި އަކާ ވެސް ދިމާވެދާނެ އެންނު... "... ރައުލް މަޖަލަކަށް ހަދައިގެން ދައްކަމުން ދިޔަ ވާހަކަތަކުން ސާޔާގެ ޅަ ހިތް ބިރުވެރިކަމުން ވަށާލިއެވެ. އެފަދަ ރަށަކަށް ދާން އޭނާ އަށް ލާހިކެއް ނޫނެވެ. ކުޑައިރު ބިރުވެރި ވާހަކަތައް ކިޔާފަ ވެސް ބިރުން އެކަނި ނިދަން ސާޔާ އަށް ނުކެރެއެވެ.

" ސާޔާ ހަމަޖެހިބަލަ.. ޖިންނިން ތެރޭގަ ވެސް އުޅޭނެ ދެ ވައްތަރެއް.. އިންސާނުންނަށް ގެއްލުން ނުދޭ މުސްލިމް ޖިންނިންނާ އުރެދިފައިވާ ޖިންނިން.. އެތަކެތީގެ ކިބައިން ސަލާމަތް ވެވޭނެ ގޮތްތަށް ވެސް އިންސާނުންނަށް އޮވޭ... "... ރައުލް ނުހަނު ހަމަޖެހިފައި ހުރެ ދައްކަމުން ދިޔަ ވާހަކަތަކުން ސާޔާ ދެލޯ ބޮޑުވިއެވެ.

ރައުލް އާއި ރާސިލް އަކީ ވެސް އިންސާނުން ކަމާއި މެދު އޭނާއަށް ޝައްކެވެ. އެހުންނަ ނުރައްކާތެރި ރީތިކަމާއި ހަރަކާތްތަކުގެ އަވަސްކަމުން އެ ޒުވާނުންނާއި މެދު ސާޔާގެ ހިތުގައި ޝައްކުތަކެއް އުފެދުނެވެ.

" ސާޔާ ހާދަ ވަރަކަށް ޝައްކު ކުރަނީ؟.. ރީތި އިންސާނުން ވެސް އުޅޭ.. ހަރަކާތް އަވަސްވުމަކީ އަދި ޖިންނިއަކަށް އަހަރެން ވާކަމެއް ނޫނެންނު..".... ރައުލް އައިސް އިށީނދެލީ ސާޔާ އާއި ނުހަނު ކައިރީގައެވެ. އެ ހަރަކާތުން ސާޔާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ރައުލް އަށް އޭނާގެ ސިކުނޑީގައި ދައުރުވަމުންދާ ޚިޔާލުތައް ވެސް އެނގެނީ ހެއްޔެވެ؟... ހާދަ ދެރައެވެ.

" ހެޔޮ ނުވާނެ ރައުލް.. ސާޔާ އަށް ޝައްކު ކުރުވަން ނޫޅޭ..."... ހެމުން ހެމުން ރާސިލް އަތް ވައްޓާލީ ރައުލްގެ ކޮނޑަށެވެ.

" " ޝައްކު ކުރަނީ އެއް ނޫން.. ކުޑަކޮށް ތަފާތު ވީމަ ވިސްނުނީ... ސާޔާ އަށް ވެސް އެނގޭ އިންސާނެއް ނޫން ނަމަ ރައުލް އަށް ތިހެން ނޫޅެވޭނެ ކަން.."..... ސާޔާ ކުޑަ ހުނުމަކާއެކު ބުނެލީ ނުތަނަވަސްކަން ފޮރުވާލުމަށެވެ. ނަމަވެސް އޭރުވެސް އެހިތް ނެގި ނެގިފައި ޖެހެމުން ދިޔައެވެ. ނަމަވެސް ރާސިލްގެ އެ ޖުމްލައިން އެ ޒުވާނުންގެ ސިއްރެއް ވާކަން ސާޔާ އަށް ޔަޤީންވިއެވެ. ނަވާރް އާއި ސެހްރާން ހެވިފައި އިން ގޮތުން އެއީ އާއިލީ ސިއްރެއް ކަމުގައި ސާޔާއަށް ހީކުރެވުނެވެ.

" އަހަރެން މިއީ އޭލިއަން އެކޭ ބުނެފިއްޔާ ސާޔާ ޤަބޫލު ކުރާނަންތަ؟.. ނޫނީ ވެމްޕަޔަރ އަކަށް ވެސް ވެދާނެއެއްނު.. ވެމްޕަޔަރ ޑައިރީސްގަ އުޅޭ ވެމްޕަޔަރ ވެސް އުޅެނީ އިންސާނުން ތެރޭގަ.. މިއޮތީ އެންނު އަނގޮޓި ވެސް.. ".. ރައުލް ދައްކާލީ އޭނާގެ ވައަތު ކަށި އިނގިލީގައި އަޅާފައި އޮތް އަނގޮށްޓެކެވެ. ސާޔާ ސިއްރު ނަޒަރަކުން ރާސިލްގެ އަތަށް ވެސް ބަލާލިއެވެ. ހަމަ އެ ޒާތުގެ އަނގޮޓިއެއް ރާސިލް އިނގިލީގައި ވެސް އޮތެވެ.

" ސާޔާ ނުބަލަން ވެމްޕަޔަރ ޑައިރީސް.. ".. އޭނާ އަޑު ނުކުތީ ކިރިޔަ ކިރިޔާއެވެ. އެކަމުން ސާޔާ ބިރުގެންފައި އިންވަރު ރާސިލް އަށް ވިސްނާލެވުނެވެ. ރައުލް ހާދަ ގޯހެވެ. އެއްވެސް ހަޤީޤަތެއް ނެތް ވާހަކަތަކެއް ދައްކައިގެން ރައުލް ސާޔާ ބިރުގަންނަވާލީއެވެ.

" ސާޔާ.. ރައުލް ދައްކާ ވާހަކަ ޤަބޫލު ކުރަން ނުވާނެ... ވަރަށް ލާނެތްވާނެ.. ވެމްޕަޔަރ އެއީ ޚިޔާލީ އެއްޗެއް.. އެކަހަލަ މަޚުލޫޤުން ނޫޅޭނެ... "... ރާސިލް ހެވިފައި އިނދެ ބުނެލިގޮތުން ސާޔާ ފާޑަކަށް ހީލިއެވެ. މި ޒުވާނުންނާއެކީ އުޅެންޏާ އޭނާ ވެސް ބިރުކުޑަ ވާން ޖެހޭނެއެވެ. ނަމަވެސް އެފަދަ ޚިޔާލެއް ކުރެވުނަސް އޭނާގެ ހިތް އަވަސްވެއެވެ. ބިރުގަނެއެވެ.

އިރުކޮޅަކަށް ވާހަކަ ދައްކަން އިނުމަށްފަހު ސާޔާ ނޯޔާ ކައިރިއަށް ދަނީ ކަމުގައި ބުނެ އެތަނުން ސަލާމަތްވިއެވެ. ހަޤީޤަތުގައި އޭނާ ބިރުގަތީއެވެ. އެކަން އެނގުމުން ނަވާރް އަށް ހެވުނެވެ. ސެހްރާން ވެސް އިނީ މަޖާވެފައެވެ. ނަމަވެސް އޭނާ އަށް ވެސް ރައުލްމެންގެ ހަޤީޤަތް ނޭނގެއެވެ. އެނގެނީ އާދައިގެ އިންސާނެއް ނޫން ކަމެވެ. ރައުލް އާއި ރާސިލްގެ ބައްޕަ ދުވަހަކުވެސް ފެނިފައި ނެތެވެ. އެ ހުރިހާ ދުވަހު މެލެކް އުޅުނު އިރު ވެސް ބީކާލް ނުފެނެއެވެ. އަލާރާގެ ކައިވެންޏަށް ވެސް ބީކާލް ނާދެއެވެ. އެއީ ކީއްވެތޯ އަހަން ސެހްރާން ބޭނުން ވިޔަސް އެ ސުވާލު ކުރަން ނުކެރުނިއެވެ. އަލާރާ ވެސް ދެއްކީ ބީކާލްގެ ފޮޓޯއެކެވެ. އެ ފޮޓޯއިން އެކަނި ވެސް އެއީ އާދައިގެ މީހެއް ނޫންކަން ސެހްރާން އަށް އެނގެއެވެ. ނުރައްކާތެރި ދަރަޖައަކަށް ރީއްޗެވެ. އޭނާ އަށް އެނގިފައިވާ ގޮތުން ބީކާލް އަކީ ސްވިޒްލޭންޑްގެ މުއްސަންޖެކެވެ.

" ސެހެރް ވެސް ފެށީ ދޯ... އަހަންނަށް ހީވަނީ ސެހެރް  ވާންވީ ޑިޓެކްޓިވް އަކަށްހެން.. ކަންކަން ހޯދާ ދިރާސާ ކުރަން ރަނގަޅު ވާނެ.. "... ރައުލް ލުއިކޮށް ހިނގާފައި ގޮސް ކުޑަ ދޮރުތައް ލައްޕާލުމަށްފަހު ސިޓިންގްރޫމްގެ އޭސީ ޖައްސާލިއެވެ. އޭރު އެތަނަށް ވެރިވައިފަނީ ފަނޑު އައްޔެކެވެ.

" ޑިޓެކްޓިވް އަކަށް ވާން ވެސް ރަނގަޅު... ރައުލް ދެނީ ހިތް ހުއްޓޭކަހަލަ ހަބަރުތައް..."... ސެހްރާން ނުސީދާކޮށް ބުނެލީ ރައުލް އޭނާ ކައިރީ ބުނި ވާހަކައެވެ. އެކަމުގެ ހަޤީޤަތް ހޯދޭނެ އިތުރު ގޮތެއް އޭނާއަށް ނޭނގުނެވެ. ރާސިލްގެ ފަރާތުން ވެސް ޖަވާބެއް ނުލިބުނެވެ.

ސެހްރާންގެ ޖުމްލައިން ނަވާރް ބަލާލީ ރައުލްއަށެވެ. ރައުލް އޭނާ އަށް ކަމެއް ސިއްރު ކުރަނީތާއެވެ. އެކަމަކު ކީއްވެ ހެއްޔެވެ؟.. ނަވާރް އަށް ޔަޤީންވަނީ އެންމެ ކަމެކެވެ. ރައުލްގެ ފަރާތުން ސެހްރާންއަށް އެނގިއްޖެ ވާހަކައެއް ނަވާރް އަށް ނޭނގޭނެ ކަމެވެ. އެހާ ވެސް ސެހްރާން ރައުލް އަށް ވަފާތެރިއެވެ. ނޫނީ ރައުލް ދެކެ ޖެހިލުންވަނީ އެވެ.

ނޯޔާ އާއެކީ އިރުއޮއްސެންދެން އުޅުމަށްފަހު ސާޔާ ހޮސްޕިޓަލަށް ދިޔައީ ލިއަމް އާއެކީ ވަގުތުކޮޅެއް ހޭދަކުރުމަށެވެ. އެކަމުން އޭނާ އަށް ވެސް ހިތްހަމަޖެހުން ލިބެއެވެ. އަދި މިވީ އެންމެ ދެތިން ދުވަސް ނަމަވެސް ސާޔާ އަށް އެ މަދު ވަގުތު ކޮޅުތައް ވެސް މުހިއްމެވެ. ސާޔާ އަށް ޤަބޫލު ކުރެވުނީ އެއީ އެހިތުގައި ލިއަމް އަށްޓަކައި އުފެދިފައިވީ ހަމްދަރުދީ ކަމުގައެވެ.

ހޮސްޕިޓަލަށް ދަމުން ބުކްޝޮޕަކަށް ވަދެ ސާޔާ ވާހަކަ ފޮތެއް ގަތެވެ. އަދި މާ ފިހާރައަކުން ދެތިން ވައްތަރުގެ ޓުލިޕް ވެސް ގަތެވެ. އެންމެ ފަހު އެއްޗެއް ގޮތުގައި އޭނާ ގަތީ މީރު ވަސް ދުވާ ސެންޓު ފުޅިއެކެވެ. އެ ސެންޓު ފުޅި ދަބަސްތެރެ އަށް ލުމަށްފަހު ސާޔާ ހިނގައިގަތީ ހޮސްޕިޓަލަށް ދިޔުމަށެވެ. މިހާރު ގެއިން ހޮސްޕިޓަލަށް ދިޔުމަކީ އުނދަގޫ ކަމެއް ނޫނެވެ. މާލޭގައި އުޅެންޏާ އެކަނި އުޅެން ވެސް ދަސްކުރަން ޖެހޭނެކަން ސާޔާ އަށް އެނގެއެވެ. ލިއަމް ރަނގަޅު ވުމުން އޭނާގެ ބޭނުން ކެނޑުނީއެވެ. އެނބުރި ދާން ޖެހޭނީ ކޮން ތާކަށް ކަމެއް ބުނަން ނޭނގުނަސް ސާޔާ އަށް ޔަޤީން ވަނީ އަސަދު ކައިރިއަށް ދާން ނުޖެހޭނެ ކަމެވެ. އެކަމަށް ރައުލް ވަނީ ވައުދު ވެފައެވެ. އެހެންކަމުން މިހާރުން ފެށިގެން ވެސް އަމިއްލަ އަށް އުޅެން ސާޔާ ބޭނުމެވެ.

ލިއަމް ބާއްވާފައި އޮތް ޕްރައިވެޓް ރޫމަށް ވަދެ ސާޔާ ގެނައި ޓުލިޕްތައް ކުޑަ ވާސްއަކަށް ފެން އަޅާލުމަށްފަހު އޭގެ ތެރެއަށް ޖަހާލިއެވެ. އަދި ގެނައި ސެންޓު ފުޅިން ކޮޓަރިތެރެ އެއް ވަސް ކޮށްލިއެވެ. އޭނާ އަށް އެތެރެއަށް ނޭފަތް ދަމާލެވުނީ އެ ހިތްގައިމު ވަހުންނެވެ.

" އަ ވޯކް ޓު ރިމެމްބަރ..."... ސާޔާ ހުޅުވާލީ އޭނާގެ އަތުގައި އޮތް ވާހަކަ ފޮތެވެ. ލިއަމް އަށް އެފޮތް ކަމުދާނެކަމެއް ސާޔާ އަށް ނޭނގެއެވެ. ނަމަވެސް އެއީ އޭނާ އަށް ނުހަނު ރީތި ވާހަކައެކެވެ. ވާހަކަ ކިޔަމުން ދިޔައިރު ސާޔާ އަށް އިރު އިރުކޮޅާ ލިއަމްގެ މޫނަށް ބަލާލެވެއެވެ. އިސްތަށިގަނޑުގައި އަތް ހިންގާލެވެއެވެ. ބައެއް ފަހަރު ލިއަމް އަތުގެ އިނގިލި ތަކާއި ކުޅެލައެވެ. ލިއަމް އަށް ނޭނގި އެފަދަ ކަމެއް ވިޔަސް އޭނާގެ ފަރުވާލެއް ނެތެވެ. ސާޔާގެ ހަމައެކަނި އެދުމަކީ ލިއަމް އަވަހަށް ރަނގަޅު ވުމެވެ.

******************************

" ސާޔާ ނެތީމަ ރައުލް ހާދަ ދެރަވެފަ އިންހެން ހީވެޔޭ..."... ނަވާރް ފްރިޖުން ނެގި ކެރެޓާއި ކެބެޖް ތައްޓަކަށް އަޅާލުމަށްފަހު ސިންކަން ލިއެވެ. އަދި އިސްކުރު ދޫކޮށްލުމަށްފަހު ރީއްޗަށް ދޮވެލިއެވެ. ސާޔާ ގެއަށް އަންނަންވާ އިރަށް ޕާސްތާ ކައްކަން ނަވާރްގެ ހިތުގައި އޮތެވެ. ރައުލްގެ މޫނުން ކޮންމެވެސް ވަރެއްގެ މާޔޫސްކަމެއް ފާޅުވަމުން ދިޔަކަން އޭނާއަށް ފާހަނގަ ކުރެވުނީއެވެ. ނަވާރް އަށް ހީކުރެވުނީ އެއީ ސާޔާ އާއި ގުޅިފައިވާ ބަދަލެއް ކަމަށެވެ.

" ރައުލް ލޯބި ވެޔޯ ސާޔާ ދެކެ.. ކައިވެނި ކުރަން އުޅުނީ އެހެންވެ އެންނު..."... ސެހްރާން ނުހަނު ހަމަޖެހިގެން އޮވެ ރައުލް އާއި ކޮށްލީ ނުބައި ސަމާސާއެކެވެ. އެކަމުން ރައުލް އަންނާނެ ރުޅި އޭނާއަށް އެނގެއެވެ. ނަމަވެސް ރައުލްގެ ދުލުން ހަޤީޤަތް ހާމަކުރޭތޯ ސެހްރާން ބަލަން ބޭނުންވީއެވެ.

ރައުލްގެ ނުރައްކާތެރި ނަޒަރު އަމާޒުވީ ސެހްރާންއަށެވެ. އޭނާ އައި ގޮތުން ހީވީ ސެހްރާންގެ މޫނަށް އެތިފަހަރެއް ވީއްލަން އުޅުނު ހެންނެވެ. ނަމަވެސް އެއަށްވުރެ ހުށިޔާރު ކަމާއެކު ރާސިލް ރައުލްގެ އަތުގައި ހިފެހެއްޓިއެވެ. އެއަތް ގުޑުވާލުމަކީ ނުވާނެ ކަމެއްކަން އެނގޭތީ ރައުލް ދޫކޮށްލިއެވެ. އޭނާ ގޮސް ހުއްޓިލީ ކުޑަދޮރު ކައިރީގައެވެ. ރައުލްގެ ތަބީއަތަށް އައި ކުއްލި ބަދަލުން ނަވާރް ހުރީ ހައިރާން ވެފައެވެ.

ރައުލް ހަޤީޤަތުގައި ވެސް ސާޔާ ދެކެ ލޯބިވަނީ ހެއްޔެވެ؟..

" ރައުލް ރުޅި މަޑުކޮށްބަލަ.. ހުރިހާ ވެސް މައްސަލައަކީ ތި ރުޅި.. ރައުލް އަމިއްލަ އަށް ކުރާ ކަންކަން މިއީ..".. ރާސިލް ހުރީ ރައުލް ކަންތައް ކުރަން އުޅުނު ގޮތުން ހިތްހަމަ ނުޖެހިފައެވެ.

" ވެގެން އުޅޭ ގޮތް ކިޔައިދީބަލަ...".... ނަވާރް އައިލެންޑް ކައިރީގައި ބަހައްޓާފައި ހުރި ސްޓޫލްގައި އިށީނދެ ހަމަޖެހިލަމުން އެދުނެވެ.

" ރައުލް ކިޔައިދޭންވީނު.. ސާޔާ އަކީ ކާކު ކަމާ... ރައުލް ސާޔާ ހޯދި ގޮތާ.. ރައުލް އާއި ސާޔާގެ އޮތް ގުޅުމާ... "... ރާސިލްގެ އަޑުންވެސް އޭނާ ނުރުހުންވެފައި ހުރި ވަރު ނަވާރްއަށް އަންދާޒާ ކޮށްލެވުނެވެ.

ރައުލް ސިހިފައި ރާސިލް އަށް ބަލާލިއެވެ. ރާސިލް އެފަދައިން ކަންތައް ކޮށްފާނެއޭ ރައުލްގެ ހިތަށް ނާރައެވެ. އޭނާ ރާސިލް އަށް އިތުބާރު ކުރިއެވެ. ނަމަވެސް ރާސިލް ވެސް އޭނާ އާއި ދެކޮޅު ވީ ހެއްޔެވެ؟..

ކުއްލިއަކަށް ރާސިލް ހޭން ފެށުމުން ރައުލް ދެލޯ ހަނިކޮށްލިއެވެ. ރާސިލް އޭނާ ބިރުގަންނަވާލީއެވެ. ރާސިލްގެ ބާރު ދައްކާލީއެވެ. ރައުލް ނުރުހުންވެފައި އެހެން ބަހުރުވައަކުން ރާސިލް އާއި ދިމާލަށް އެއްޗެކޭ ބުނެލިއެވެ. ހީވާގޮތުން ސްވިޒްލޭނޑުގައި ބޭނުން ކުރާ ބަހުރުވައެވެ. އެއާއެކު ރާސިލް ހިނިގަނޑެއް ޖަހާލިއެވެ.

" ވާވް.. އަދި ވާހަކަ ދައްކަބަލަ އެގޮތަށް.. ރައުލް އަށް ކިތަށް ބަހުރުވަ އެނގޭތަ؟..."... ސެހްރާން ހުރީ އާޝޯހުވެފައެވެ. ކުރިން ރައުލްގެ ފަރާތުން އެފަދަ ކަންކަން އޭނާ އަށް ނުފެނެއެވެ.

" ސެހެރް މިރޭ ހާދަ ސުވާލު ގިނައޭ.. "... ރައުލް ގަސްތުގައި ސެހްރާންގެ ސުވާލަށް ޖަވާބު ނުދިނީއެވެ. އޭނާ ގޮސް އިށީނީ ނަވާރް އާއި ޖެހިގެން އިން ސްޓޫލްގައެވެ. އައިލެންޑް މަތީގައި ހުރި ތަށި ކައިރިކޮށްލަމުން ރައުލް ފަރިތަކަމާއެކު ކަޓިންބޯޑު މަތީގައި ބާއްވައިގެން ކެރެޓް ކޮށަން ފެށިއެވެ.

" ރައުލް އަކީ ހާފް ހިއުމަން އެއް ވިއްޔާ ރައުލްގެ ބައްޕަ އަކީ ކޯއްޗެއް؟.. ހަމަ ގައިމުވެސް މެލެކް މަންމަ އެއީ ހިއުމަން.. އޯހ.. ރައުލްގެ ބައްޕަ އަކީ އަސްލުވެސް ވެމްޕައަރ އެއް؟.. އެހެންވީރު ރައުލް އަކީ ވެސް ؟...."... ސެހްރާން ކުޑަކޮށް ވިސްނާލިއެވެ.

އެއާއެކު ރައުލް އަނގަޔަށް ގޮތެއް ހަދާލިއެވެ. ރާސިލް ވެސް އޮތީ ސެހްރާން ދައްކަމުން ދިޔަ ވާހަކަތަކުން ހިނއައިސްފައެވެ. ސެހްރާން އަށް އޭނާގެ އާއިލާ އެނގުމުން ހާދަ މަޖާ ވާނެއެވެ. ވެމްޕަޔަރުން ނޫޅެޔޭ ރީތިކޮށް ބުނުމުން ވެސް ސެހްރާން ވެސް ގަބޫލު ނުކުރީތާއެވެ.

ސެހެރް އަމިއްލަ އަށް މިހާރު ގޮތް ނިންމީ އެންނު ތި.. ދެން އަހަރެން ކިޔައިދޭން ކޯއްޗެއް އޮތީ؟..."... ރައުލް ދެރަވާ ކަމަށް ހެދެމުން ބުނެލިއެވެ. އެއާއެކު އޭނާގެ ފަޔަށް އެރީ ނަވާރް އަތުގެ ހޫނު ހަމަލާއެކެވެ.

" އަސްލު ނަވާ ވެސް ވަރަށް ސުވާލު އުފެދޭ ކަމެއް އެއީ.. ލާރާ ވެސް ކިޔައި ނުދޭ ބީކާލް އަންކަލްގެ ވާހަކައެއް.. ލާރާގެ އާދަޔާ ޚިލާފު ބާރެއް ވެސް ނުހުރޭ.. އަނެއްކާ ލާރާ އެއީ ރައުލްމެންގެ ކޮއްކޮ އެއްތަ؟.."... ސެހްރާން ފެށި ވާހަކައަކުން ނވާރް ވެސް ޝައުޤުވެރި ކުރުވިއެވެ. ކުރިން އެކަން ކަމާއި މެދު ވިސްނިޔަސް ފަހަކަށް އައިސް އެއިން ކަމަކާ މެދު ނަވާރް ވިސްނާފައެއް ނެތެވެ.

" ލައިފް އިންޓްރެސްޓިންގް ވާނީ ސިއްރުތައް ވެސް ހުރީމަ.. އެކަމަކު ވެސް އަހަރެން ކުޑަކޮށް ކިޔައިދޭނަން... އަސްލު އަހަރެމެންގެ ބައްޕަ އަކީ ކުރިން ވަރަށް ބާރުގަދަ ޖިންނި އެއް.. ބައްޕަގެ އާއިލާ އަކީ ޝާހީ ބައެއް.. އެމީހުންގެ ތެރޭގައި ރަސްދަރިކޮޅުގެ މީހުން.. އެކަމަކު ބައްޕަ އަށް ލޯބިވެވުނީ އިންސާނެއް ދެކެ.. އެއީ މަންމަ.. މަންމަ ވެސް ބައްޕަ ދެކެ ލޯބިވީ ބައްޕަގެ ހަޤީޤަތް އެނގިހުރެ.. އެކަމަކު މަންމައާއި ބައްޕަ ގުޅިގެން އުޅުންވީ ވަރަށް އުނދަގޫ ކަމަކަށް.. ކާފަގެ ފަރާތުން ވަރަށް އުނދަގޫ ފޯރި.. ބައްޕައަށް އެތަށް ގޮތަކުން އުނދަގޫ ކުރި.. ޝާހީ އާއިލާއިން ބެސް ބައްޕަ ބޭރުކޮށްލި..  އެކަމަކު އެންމެ ފަހުން ބައްޕަ ގޮތް ދޫނުކުރީމަ ކާފައަށް މަޖުބޫރުވީ އެ ގުޅުމަށް އެއްބަސް ވާން.. އެކަމަކު ބައްޕަގެ ބާރުތައް ވަކި ވަރަކަށް ބޭނުން ކުރެވޭނީ.. އަހަރުމެން ވެސް ވަކި އުމުރުކަށް ދިޔައިމަ ބާރުތައް ބޭނުން ނުކުރެވޭނެ.. އަހަރެން އުމުރުން 25 އަހަރު ފުރުނީމަ ރާސިލް އަށް ވެސް އަހަންނަށް ވެސް އެއްވެސް ބާރެއް ބޭނުން ނުކުރެވޭނެ.. މިހާރު ވެސް މި އަނގޮޓީގެ ބާރު މިއީ.. ކާފަގެ ހަދިޔާ އެއް .. ކާފަ ބޭނުންވަނީ ފިރިހެން ދަރިން.. އަލާރާ އަށް އެއްވެސް ބާރެއް ލިބިފައި ނެތީ އެހެންވެ.. މަންމަ ބުނީ އަންހެން ކުއްޖެއް އާއިލާ އަށް އުފަންވާ ދުވަހު ބައްޕަ ކުރި ކުށުގެ ސަޒާ ކޮންމެވެސް ގޮތަކުން ލިބޭނެއޭ..  އެއީ އަލާރާ އަށް އެއްވެސް ބާރެއް ނުލިބުން ކަމަށް މަންމަމެން ޤަބޫލު ކުރަނީ.. "... ރައުލް ދައްކަމުން ދިޔަ ވާހަކައިން ނަވާރް އަދި ސެހްރާން ވެސް ތިބީ ހައިރާންވެ ދެލޯ ބޮޑުވެފައެވެ. އިންސާނުންނާއި ޖިންނީންގެ ލޯބީގެ ވާހަކަތަކަކީ ހަޤީޤަތެއް ނެތް ފޯކްލޯ ކަމުގައި އެކުދިން ހީކުރިއެވެ. ނަވާރް އަށް ވެސް އެހާ ތަފްސީލު ކޮށް އެވާހަކަ މި އިވުނީ އަދި ފުރަތަމަ ފަހަރަށެވެ.

" ވެއިޓް.. 25 ވަނަ އުފަން ދުވަސް؟.. އޭގެ މާނައަކީ...؟... އޯހ މައި ގޯޑް.. ރައުލް... ..."...... ނަވާރް ވަރަށް ވިސްނަން ހުރެފައި އަނގަމަތީ އަތް އެޅި ގޮތުން އޭނާއަށް ވަރަށް ބޮޑު އެއްޗެއް ދޭހަވީކަން ސެހްރާން އަށް އެނގުނެވެ. އެވަގުތު ރައުލްގެ ތުންފަތަށް ވެރިވީ ފަނޑު ހިނިތުން ވުމެކެވެ. އެ ތާޒާ މޫނުގެ ކުލަ ވަގުތުން އޮއްސުނެވެ. ރާސިލްގެ މޫނުގައިވީ ހިނިތުންވުން ވެސް ފަނޑު ވިއެވެ.

" ޔެސް.. ނޯ ޕަވަރސް.. އާދައިގެ އިންސާނެއް..."...... ރައުލް ލަސް ލަހުން ބުނެލިއެވެ.

*****************************

= ނުނިމޭ =

Ads by HDC
  1. ސިމާ

    ވ ރީތި