ވާހަކަ

ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސޯޅަވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ވެވުނީ ލޯތްބޭ ޔާރު ހުވާ (ޓްރެއިލާ) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފުރަތަމަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދެވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިންވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތަރުވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދިހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެގާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާދަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަނަރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސޯޅަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ނަވާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (20ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައްބީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނަވާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބައްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސްނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އޮނަފަންސާސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސާސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އެކާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ބާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ތޭވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސައުރަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ސަވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - ސަތުވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - އަށުވަންނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަހު ބައި)

" ޑީލް ޑަން ބޮސް... މޯލްޑިވްސް.. އެލެކްސް.. އަހ.. އައި މީން.. ޑރ ވިޝާލް އިޒް ކަމިންގ..."... އެލެކްސް ހަމަ އެ ނުލަފާ ހިނިތުންވުމުގައި އިނދެ ބުނެލިއެވެ. ބޮޑާ ކަމުގެ ހައްދެއް ނެތެވެ. އޭނާ އާއި ޖެހިގެން އިން ފިރިހެން މީހާގެ ތުންފަތަށް ވެރިވި ހިނިތުންވުން ފޮރުވާލަމުން މޫނަށް ސީރިޔަސް ކުލަވަރެއް ވެރިކޮށްލިއެވެ. އެ މޫނުން ހިނދުކޮޅަކަށް ނަމަވެސް ނުތަނަވަސްކަން ފާޅުވީ މަންޒިލަށް ވާސިލްވުމަށް އޮތް ހުރަސްތަށް ހިތަށް އަރުވާލެވުމުންނެވެ.

Ads by STELCO

******************************

ހެދުނުއްސުރެ ވެހެން ފެށި ވާރޭ އަދިވެސް ތުނި ނުކުރެއެވެ. ރޭގައި ގެއަށް އައި ގޮތަށް ބޭރަށް ނުދެވިފައި ހުރެ ސާޔާ އިރުއިރުކޮޅާ ބެލްކަނިން ބޭރު ބަލާލައެވެ. ހޮސްޕިޓަލަށް ދާ ހިތުން އޭނާ ހުރީ ކެތްތެރިކަން ކޮޅުންލާ ވަރުވެފައެވެ. ލިއަމްގެ މޫނު ދެކިނުލާ ހުރުން ވީ ކުޑަވަރެއްގެ ވޭނަކަށެވެ. އޭނާގެ ނުކިޔަމަންތެރި ހިތަށް ވިސްނައިދޭން ސާޔާ ކުރަމުން ދިޔަ ހުރިހާ މަސައްކަތެއްވީ ބޭކާރެވެ. މިއީ ހަމްދަރުދީބާއޭ އެތަށް ފަހަރެއްގެ މަތިން ސުވާލު ކުރެވުނެވެ.

" އޯހ.. ކަމޯން... ޗިލް.. ޗިލް..."... ފުން ނޭވާ އެއް ދޫކޮށްލުމަށްފަހު ސާޔާ އައިސް އެނދުގައި އޮށޯވެލިއެވެ. ބޯ ރަޖާގަނޑު ގައިގާ އޮޅާލަމުން ދެލޯ މަރާލީ ސިކުނޑިއަށް އުނދަގޫ ކުރަމުން ދިޔަ ޚިޔާލުތަކުން ދުރުވެވޭތޯއެވެ. ލިއަމް އާއި މެދު މިހާ ވަރަށް ވިސްނެންޖެހޭ ސަބަބެއް ސާޔާ އަށް ނޭނގުނެވެ. ލޯ މަރާލާ އިރަށް އޭނާ އަށް ސިފަވަނީ ލިއަމްގެ މޫނެވެ. އެ ބޯ އެސްފިޔަތަކާއި ކަޅުކަން ގަދަ ރީތި ބުމައެވެ. ނިތް ކުރި މައްޗަށް އިސްތަށިގަނޑު ވެއްޓިފައި އޮތް ގޮތެވެ.

ކުއްލިއަކަށް ލޯ ހުޅުވާލަމުން ސާޔާ ހަމަޖެހެން މަސައްކަތް ކުރިއެވެ. ފުން ނޭވާ އެއް ދޫކޮށްލަމުން އިސްތަށިގަނޑުގައި އަތް ހިންގާލިއެވެ. މިވަނީ ކިހިނެތް ބާއެވެ؟.. އޭނާ އަށް ރީތި ފިރިހެނުން ފެނިފައި އެބަހުއްޓެވެ. ރައުލް ވެސް ކިހާ ފުރިހަމަ ހެއްޔެވެ؟.. ނަމަވެސް އެއްވެސް ފިރިހެނަކު ފެނިގެން ނުކުރެވޭ އިހްސާސްތަކެއް ލިއަމް ފެނުމުން އޭނާ އަށް ކުރެވެނީ ކީއްވެހެއްޔެވެ؟... ލިއަމް އޭނާ އާއި ވާހަކަ ދެއްކީ އެއް ނޫނެވެ. ބަލާލީ އެއް ވެސް ނޫނެވެ. ލިއަމް އަށް އޭނާ އަކީ ކާކުކަން އެނގެނީ އެއް ވެސް ނޫނެވެ. ވީއިރު މިފަދައިން އިހްސާސް ކުރެވުމަކީ ގޯހެކެވެ.

އެނދުން ފައިބައިގެން ގޮސް ސާޔާ ބެލްކަނީގެ ދޮރު ހުޅުވާލިއެވެ. އޭރު ވާރޭ ވަނީ ތުނިކޮށްލާފައެވެ. ހިމަ ފޮދު ވާރޭގެ ތެރެއަށް ނުކުމެ ސާޔާ މަޑުކޮށްލިއެވެ. ޖެހެމުން ދިޔަ ފިނި ރޯޅިން އޭނާގެ ހަށިގަނޑު ތުރުތުރު އަޅަން ފެށިއެވެ. ނަމަވެސް އެކަމަށް ސަމާލުކަމެއް ނުދީ ހިތުގައި އުފެދެމުން ދިޔަ ޖަޒުބާތުތައް ފޮރުވަން މަސައްކަތް ކުރަމުން ސާޔާ ނަޒަރު ހުއްޓާލީ ކުރިމަތިން ފެންނަން އޮތް ބަގީޗާ އަށެވެ.

ކުއްލިއަކަށް ވިދާލި ވިދުވަރަކާއެކު މުޅިތަން އަލިވެގެން ދިޔައެވެ. އެ ހުދު އަލީގެ ސަބަބުން ސާޔާގެ ލޯ ތަރަތަރަޖަހައިގެން ދިޔަ ފަދައެވެ. ނޭނގޭ ސަބަބަކާހުރެ އެ ޅަ ހިތް ބިރުވެރިކަމުން ވަށާލިއެވެ. ސާޔާ ދެލޯ ބޮޑުކޮށްގެން ހުރެ ވަށައިގެން ހޯދާލިއެވެ. އޭރު ޖެހެމުން ދިޔަ ރޯޅި ކުރިއަށްވުރެ ވެސް ބާރު ވެއްޖެއެވެ. ވައިގެ ހަމަލާތަކަށް ކެތް ނުވެގެން ބެލްކަނީގެ ކުޑަދޮރުތައް ވެސް ދެފަރާތަށް ތަޅުވަމުންގޮސް ވަޔާ އެކީ ލުހިގެންދާނެހެން ހީވިއެވެ. ސާޔާ ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ކޮޓަރިއަށް ވަދެ ބެލްކަނީގެ ދޮރު ލައްޕާ ތަންޑު އެޅުވިއެވެ. ފަރުދާވެސް ވައްޓާލިއެވެ. އެވަގުތު މުޅި ތަނުން ކަރަންޓު ކެނޑިއްޖެއެވެ. އަނެއްކާވެސް ވިދާލި ވިދުވަރަކާއެކު ކުޑަ ދޮރުން ހުރަސްކުރި ހިޔަނި ސާޔާގެ ލޮލުގައި އަޅައި ގަތެވެ. އޭނާ އަށް ކެތްކުރެވުނީ އެ ހިސާބަށެވެ. އަޑަށް ލެވުނު ހާ ބާރަށް ނަވާރް އަށް ގޮވައި ހަޅޭއްލަވަމުން ސާޔާ ދުއްވައިގަތީ ބޭރަށެވެ. ބިރުގެންފައި ހުރިވަރުން ސާޔާގެ ފައި ބިންމަތީގައި ރަނގަޅަށް ހަރު ނުލައެވެ. މުޅި ކުއްޖާ ރޫރޫ އަޅަމުން ދިޔަ އިރު އޭނާ ހިފަހައްޓާލުންވީ ނަވާރް އަށް ވެސް އުނދަގޫ ކަމަކަށެވެ. ނަވާރް ފެނުމާއެކު ސާޔާ ބައްދައިގަތީ ތަދުވާހާ ބާރަށެވެ. އޭރު އޭނާގެ ދެލޯ ފެންކަޅި ވެއްޖެއެވެ.

" ސާޔާ.. ވެގެން އުޅޭ ގޮތެއް ބުނެބަލަ...".... ސާޔާ އަށްވެފައި ހުރިގޮތް ފެނުމުން ނަވާރް ހުރީ ކަންބޮޑުވެފައެވެ. ހާސްވެފައި ހުރި ވަރުން އެ ހިތުގައި ވެސް ބިރުވެރިކަން އުފެދުނެވެ.

ސާޔާ ހަމަޖެހެން ނުހަނު ވަގުތު ނެގިއެވެ. ރޮއެ ރޮއެ ދެލޯ ދުޅަވެފައި ހުރި އިރު މޫނު ވެސް ހުރީ އެކީ އެކައްޗަކަށް ރަތް ވެފައެވެ. ހަމަޖެހެން މަސައްކަތް ކުރަމުން ސާޔާ ބުނެލީ އޭނާ އަށް ހިޔަންޏެއް ފެނުނު ވާހަކައެވެ. އެއާ އެކު ނަވާރްގެ ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ.

" ސާބަހޭ.. އެއީ ހިޔަންޏެއް ނޫން.. އަނބު ގަހުގެ ގޮފި ގަނޑަކަށް ތި ވާނީ.. ސާޔޫ ތި ބުނީ އެންނު ވިދާލި ގަޑީގައޭ.. ވިދުވަރުގެ އަލީގައި އެއްވެސް އިތުރު އަލިކަމެއް ނެތް އިރު އެހެން ހީވެދާނެ.. އެހެން ނޫނަސް އެހާ ބިރުން ހުރީމަ ވެސް ނުބައި ކޮށް ވިސްނޭނީ.."... ނަވާރް ބެލީ ސާޔާގެ ސިކުނޑިއަށް ފަސޭހައިން ޤަބޫލު ކުރެވޭނެ ފަދަ ވާހަކައެއް ހަދާލުމަށެވެ. އެއީ ރައުލްގެ ނުބައި ސަމާސާ އެއްކަން ޝައްކެތް ނެތް މިންވަރަށް ނަވާރް އަށް ޔަޤީނެވެ.

ނަވާރް އެހެން ބުންޏަސް އެވާހަކަ ޤަބޫލުކުރުންވީ ސާޔާ އަށް އުނދަގޫ ކަމަކަށެވެ. އަނބުގަހުގެ ހިޔަނި ކުޑަދޮރުން ފެންނަންވީ އެއްވެސް ސަބަބެއް އޭނާ އަށް ނުވިސްނުނެވެ. ސާޔާ އަށް ނޭނގުނަސް މިގޭގައި ކޮންމެވެސް ކަންތައްގަނޑެއް ހިނގަނީކަމުގައި ހިތް ބުނެލިއެވެ. ރައުލް އާއި ރާސިލް އަށް ކުރެވެމުން ދިޔަ ޝައްކު އިތުރުވިއެވެ. އެ ދެ ޒުވާނުންގެ އާދަޔާޚިލާފު ހުނަރުތަކަކީ އާދައިގެ އިންސާނެއްގެ ފަރާތުން ފެންނާނެ ކަންތައްތަކެއް ނޫނެވެ. އެ ޒުވާނުންގެ ކޮންމެ އާދައެއް ވެސް ހުންނަނީ އިންސާނުންނަށްވުރެ ކުޑަކޮށް މަތީގައެވެ. ނަވާރް އާއި ސެހްރާން އަދި ނޯޔާ ނުހަނު ހަމަޖެހިފައި ތިބޭ ގޮތުން އެކުދިންނަށް އެއިން ކަމެއް ފާހަނގަ ނުވާ ފަދައެވެ.

ގަދަކަމުން ތުންފަތަށް ހިނިތުންވުމެއް ވެރިކުރަމުން ސާޔާ ނަވާރްގެ ގައިން ދޫކޮށްލިއެވެ. ނަމަވެސް އަދިވެސް އެ ހިތުގައި އުފެދިފައިވީ ބިރު ފިލައިގެން ނުދެއެވެ. ކަރަންޓުގެ އަލިކަމެއް ނެތުމުން ނަވާރް ގެނައި ބޮޑު ދެ އުއްބައްތި ރޯ ކޮށްލިއެވެ. އެ ފިނި މޫސުމާއި ނުހަނު ގުޅެއެވެ. އެޕަރޓްމެންޓަށް މިހާރު ވެރިވެފައި އޮތީ ޖާދުވީ އައްޔެކެވެ. އެ ލެވެންޑަރ އުއްބައްތީގެ މީރުވަހާއި ތާޒާ މާތަކުގެ ވަސް އެކުވެގެން ގޭގައި ހިފާލީ ސިކުނޑި ތާޒާ ކުރުވާ ފަދަ ވަހެކެވެ. އުއްބައްތީގެ ހުޅުކޮޅު ވަޔާއި ނަށަމުން ދިޔަ ގޮތުން ވެސް ސާޔާ ނުތަނަވަސް ވިއެވެ. ހުރިހާ ކަމަކަށް ޝައްކު ކުރެވެން ފެށުނެވެ. އެންމެ ފަހުން ސާޔާ ހަމައަކަށް އެޅެންދެން ނަވާރް ނިންމީ އޭނާ ގޮވައިގެން މަލިކާ މެން ބަޔަށް ގޮސްލުމަށެވެ. ވަކިން ދިރިއުޅެން ފެށި ފަހުން ނޯޔާ އާއި ވެސް ކުރިން އޮތް ގުޅުމެއް ނެތެވެ. ޓެސްޓު ދުވަސް ކައިރި ވެފައި އޮތުމުން ގިނަ ވަގުތު ނޯޔާގެ މަސައްކަތަކީ ކިޔެވުމެވެ . ޑިގްރީގެ ފަހު ސެމިސްޓަރ ކަމުން އޭނާ ނުހަނު ބުރަކޮށް މަސައްކަތް ކުރަން ބޭނުމެވެ.

************************

ވާރޭ ބޯކޮށްލުމާއެކު ބެލްކަނީގައި ހުރެފައި ރާސިލް ތިރިއަށް ފުންމާލިއެވެ. ބިންމަތީގައި ލުއި ފަތެއް ހެން ޖެހުމާއެކު އޭނާ ތެދުވެ ހިނގައިގަތީ ބަގީޗާ އާއި ދިމާލަށެވެ. ތަންކޮޅެއް އެތެރެއަށް ވެދެވުމުން އަނދިރިކަން ވެރިވާން ފެށިއެވެ. އެ ހިސާބުގައި ގިނައީ ތަރުތީބެއް ނެތި ފަޅާފައިވާ ކުދި ގަސްތަކާއި ވިނަ ތަކެވެ. ނަމަވެސް އޭގައި ވަނީ ޤުދުރަތުގެ ރީތި ކަމަވެ. އެ ގަސްތަކުގެ ދޭތެރެއިން ފެންނަމުންދާ ކުދި މާތަކުން އެ މާހައުލަށް އިތުރު ހިތްގައިމުކަމެއް ގެނުވައެވެ. ޖެހެމުން ދިޔަ ރޯޅިން ފަތްތަށް ދެފަރާތަށް ހެލެމުން ދިޔަ ގޮތް ވެސް ރާސިލް އަށް ނުހަނު ކަމުދިޔައެވެ. އަންހެން ކުއްޖަކަށް ނުވިޔަސް މިފަދަ ޤުދުރަތީ ރީތިކަމައް އޭނާ ލޯބި ކުރެއެވެ.

އަނބުގަހާއި އަރާ ހަމަވި ތަނުން މަތިން ހޫރާލި ބޮޑު އަނބެއް ރާސިލްގެ ބޮލާއި ދިމާލަށް އައެވެ. ނަމަވެސް ނުހަނު ހުޝިޔާރު ކަމާއެކު އެއްފަރާތްވެލަމުން ރާސިލް އޭގެން ސަލާމަތްވިއެވެ.

" ނައިސް ޓްރައި ބްރަދަރ... "... ރާސިލް މައްޗަށް ބަލާލަމަން އެއް މިޔަނަކުން ހީލިއެވެ. އޭރު ނުހަނު ހަމަޖެހިލައިގެން ރައުލް ތަންކޮޅެއް މަތީ ގޮފި ގަނޑެއްގައި އިށީނދެ އިނެވެ. ކުއްލިއަކަށް ފެނުނީ ރާސިލް ވެސް ރައުލް އާއި ޖެހިގެން އިށީންތަނެވެ. އޭނާ އަތް ފޯރުވާލުމަށްފަހު ކައިރީގައި އޮތް އަނބު ކޯންޏަކުން ދޮންވެފައި އޮތް ދެ އަނބު ބިނދެފައި އޭގެން އެކަތި ރައުލް އަށް ދިނެވެ. އޭރު ވެހެމުން ދިޔަ ބޯ ވާރޭގައި ދެ ޒުވާނުން ވެސް ތިބީ ތެމި ފޯވެފައެވެ.

ކާން އިން އަނބު ހުސްވުމުން ރައުލް ތިރިއަށް ފުންމާލިއެވެ. ބިންމަތީގައި ޖެހުނު ގޮތަށް ރައުލް އުއްޑުން އޮށޯވެލީ ވިނަގަނޑު މަތީގައެވެ. ބޮޑެތި ވާރޭ ތިކިތައް އެއްވެސް ހުރަހެއް ނެތި އެ ރީތި މޫނުގައި ބޮސްދެމުން ދިޔައެވެ. ތެމިފައިވާ އިސްތަށިގަނޑުން ބައެއް އިސްތަށިތައް ނިތްކުރި މައްޗަށް ފައިބާފައި ހުރި އިރު ރައުލްގެ ހޭޒެލް ކަޅީގައި ތަފާތު ވިދުމެއް ވިއެވެ. ލޯ މަރާލަމުން ރައުލް ސިފަކޮށްލީ އެންމެ ސޫރަ އެކެވެ. އެއާއެކު އެ ރީތި ތުންފަތަށް ވެރިވީ ހިތްތަށް ކަތިލާފަދަ ހިނިތުންވުމެކެވެ. އެ އަންހެންކުއްޖާ މިވަގުތު އަންނާނެ ނަމައެވެ. އޭނާގެ މިލްކަކަށް ވާނޭ ނަމައެވެ. ނަމަވެސް ދުވަހަކުވެސް އެ ކުއްޖާ އޭނާ އާއި މެދު އެފަދަ ނަޒަރަކުން ދެކޭނެ ބާއޭ ރައުލް އަށް އަމިއްލަ ނަފްސާއި ސުވާލު ކޮށްލެވުނެވެ.

" އައި ކޭން ރީޑް ޔޯރ މައިންޑް..."... ރާސިލް މަތީގައި އިނދެފައި ގޮވާލި އަޑު އިވުމުން ރައުލް ސިހިފައި ދެލޯ ހުޅުވާލިއެވެ. އޭރު ލާނެތް ހިނިތުންވުމެއް ވެރިކޮށްގެން ރާސިލް އިނެވެ. ރައުލް މޫނަށް ނުރުހުންވުމުގެ ކުލައެއް ވެރިކޮށްލަމުން އަނެއްކާވެސް ލޯ މަރާލިއެވެ.

ރާސިލް ދެން ދައްކަން ފެށީ ލިއަމްގެ ވާހަކައެވެ. ކުޑަ އިރު ވާރޭ ވެހިލާއިރަށް ހުސްގަޔާ ނިކުމެ ބަގީޗާ ތެރޭގައި އެކުދިން އުޅޭ ހަނދާން އިއްޔެ ވީ ކަމެއް ފަދައިން އޭނާގެ ލޯ ކުރިމަތީގައި ސިފަ ވިއެވެ. ފުރާވަރަށް އެޅި ޒުވާން އުމުރުގައި ވެސް ވާރޭ ތެރޭގައި ދުއްވާލަން ގޮސް ބަގީޗާގައި ވަގުތު ހޭދަކުރުމަކީ އެ ތިން ޒުވާނުންގެ އާދައެކެވެ. އަނބުގަހަށް އަރާ އެއްވެސް ބިރެއްނެތި މަޖާ ކުރިއެވެ. ބަގީޗާގައި ހުންނަ ހަޓުގައި ކޮފީ ބޯން ވެސް ތިބެއެވެ. އެހެންކަމުން ލިއަމްގެ ހަނދާނުން ރާސިލް އާއި ރައުލްގެ މޫނު މިލައިގެން ދިޔައެވެ.

އިތުރަށް އެތާ މަޑުކުރަން ބޭނުން ނުވުމުން ރައުލް ކޮޅަށް ތެދުވެ ލައިގެން ހުރި ޓީޝާޓުގައި ތަތްލަވާފައި ހުރި ވިނަ ކޮޅުތަކާއި ޗަކަ ފޮޅާލިއެވެ. އަދި ވިދުވަރެއްހާ ހަލުވި މިނުގައި ގޮސް އޮބާލިއެވެ. ރައުލް ދިޔަ ދިމާލަށް ބަލަން އިނދެފައި ރާސިލް ވެސް ތިރިއަށް ފުންމާލިއެވެ. އެ ހިތުގައި ވީ އެހެން އެދުމެކެވެ. އެއްވެސް ހުރަހެއް ނެތި އޭނަގެ ކުޑަ އާއިލާއާ އެކީ މިފަދަ އުފާވެރި ވަގުތުކޮޅެއް ހިއްސާ ކުރެވޭނެ ނަމައެވެ.

*********************

ފެންވަރައިގެން ނުކުމެ ސޯޓް ކޮޅުގައި ހުންނަން ރައުލް ގަސްތު ކުރީ އެޕަރޓްމެންޓްގައި އުޅެނީ ހަމައެކަނި ފިރިހެނުންނަށް ވާތީއެވެ. ސެހްރާން ވެސް ބޭރަށް ދިޔަ ގޮތަށް އަދި ދައްކާ ނުލައެވެ. މި ފަހަކަށް އައިސް ވަޒީފާ އަށް ދާން ގަސްތު ކުރާ ވާހަކަ ވެސް ދައްކާތީ އެކަމުގައި އުޅެނީ ކަމުގައި ރައުލް ނިންމިއެވެ.

އޭނާ ސިހުނީ ކޮޓަރިން ނުކުތް އިރު ސިޓިންގްރޫމުގައި ހުރި ނަވާރް ފެނުމުންނެވެ. ބެލްކަނިން ބޭރަށް ނަޒަރު ހުއްޓާލައިގެން ހުރެ ރެއިލިންގައި ދެއަތުން ބާރަށް ހިފަހައްޓައިގެން ހުރި ގޮތުން އެ ސިކުނޑީގައި ވީ ކީކޭކަން ރައުލް ދެނެގަތެވެ. ރައުލް ހުރި ކަމުގެ ހިލަމެއް އޭނާ އަށް ނުވާ ކަހަލައެވެ.

ރައުލް ހުރި ފިޔަވަޅު މަތީގައި ހަރަކާތެއް ކޮށްލުމެއްނެތި ނަވާރް އަށް ނަޒަރު ހުއްޓާލައިގެން ހުއްޓެވެ. އެހިސާބަށް ނަވާރް ދާނީ ވެސް ވަރަށް މަސައްކަތުންކަން އޭނާއަށް އެނގެއެވެ. އެހެންކަމުން އެ ހިނދުކޮޅު ބޭކާރުކޮށްލުމުގެ ވިސްނުމެއް ރައުލްގެ ނެތެވެ.

ޖެހިލި ވައިރޯޅި އާއެކު ބެލްކަނީގެ ފޮތިގަނޑު ދެފަރާތަށް ނަށާލިއެވެ. އެއާއެކު ނަވާރް ސިހިފައި ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ. އޭނާގެ ނަޒަރު އަމާޒުވީ ސިޓިންގްރޫމްގެ މެދުގައި ހުރި ރައުލް އަށެވެ. ހަމައެކަނި ސޯޓު ކޮޅުގައި ރައުލް ހުރުމުން ނަވާރް އަވަސް އަވަހަށް މޫނުގައި އަތް އަޅާލިއެވެ.

" ހާދަ ފޮންޏޭ ދޯ ނަވާ... އެހެންޏާ.. މި ރީތި ހަށިގަނޑު ކުރިން ނުފެންނަހެން ހީވަނީ.. "... ރައުލް އަނގަޔަށް ގޮތެއް ހަދާލަމުން އައިސް ވެއްޓިގަތީ ސޯފާއަށެވެ. ވާރެއާއި ތެމިފައި އައިސް ފެންވަރާލުމުން އެ ހަށިގަނޑަށް ވެރިވެފައިވަނީ ކަންނެތްކަމެވެ. ކައިރީގައި އޮތް ރިމޯޓް ނަގައިގެން ރައުލް ޓީވީ ހުޅުވާލިއެވެ.

ރައުލް ބުނި ވާހަކަތަކާއި މެދު ނަވާރް އަށް ވިސްނާލެވުމުން މަޑުމަޑުން ދެފަރާތަށް ބޯ ހޫރާލެވުނެވެ. އެބުނީ ވެސް ތެދެކެވެ. މީގެ ކުރިން ކިތަންމެ ފަހަރަކުވެސް ރައުލް އެގޮތަށް ނަވާރްއަށް ފެނިފައި އެބަހުއްޓެވެ. އިތުރު އެއްޗެކޭ ނުބުނެ އޭނާ އައިސް ހުއްޓިލީ ކޮފީ މެޝިން ކައިރީގައެވެ. ދެ ތަށި ކޮފީ ގިރާލުމަށްފަހު ނަވާރް އެއް ތަށި ރައުލްގެ ކުރިމައްޗަށް ވާގޮތަށް ހުރި މޭޒު މަތީގައި ބެހެއްޓިއެވެ. އަނެއްތަށި ހިފައިގެން ގޮސް އޭނާ އިށީނީ ވަކިން އެކަކަށް އިށީނދެވެން ހުރި ސޯފާގައެވެ.

" ރައުލް ކީއްވެ ސާޔާ ބިރުގަންނަވާލީ.. އެކުއްޖާ އަށް ކިރިޔާ ހަރޓް އެޓޭކެއް ނުޖެހި ސަލާމަތްވެފަ އެހެރީ..."... ނަވާރް ކޮފީތަށިން އެތިފޮދެއް ރަހަބަލާލަމުން ބުނެލިއެވެ.

" ނަވާ ވެސް ސެހެރް ކައިރިން ދަސްކުރީދޯ ޑިޓެކްޓިވް އަކަށް ވާން.. ވެލް ..އައި ޑިޑް ނޮޓް ޑޫ އިޓް.. ". ސޯފާގައި ހަށިގަނޑު ސީދާ ކޮށްލަމުން ކައިރީގައި އޮތް ކުޝަންގައި ރައުލް ބައްދާލިއެވެ.

" ފައި ބިމުގަ ހަރެއް ނުލާ... ތުރުތުރު އަޅާވަރުން ކިރިޔާ ހިފަހައްޓާލެވުނީ... އަދިވެސް އިނީ ފާޑަކަށް.. ..."... ނަވާރް ނުހޭން މަސައްކަތް ކުރިޔަސް ސާޔާ ދުވެފައި އައި ގޮތް ސިފަވުމުން ހެވިއްޖެއެވެ.

" އިވެންޗުއަލީ.. ސާޔާ އަދި ބިރުކުޑަވާނެ.. އޭރުން އާއިލީ ވާހަކަތައް ކިޔައިދެވޭނެ.. ސާޔާ އަށް ސިއްރު ކުރުމުގެ ބޭނުމެއް ނެތް... ކޮންމެ ގޮތެއް ވިޔަސް އެއީ ވެސް އާއިލާ ކުއްޖެއް.. އާއިލީ ސިއްރު އާއިލާ ކުއްޖެއް ވީމަ އެނގެން ޖެހޭނެ އެންނު....."..... ރައުލް ބުނެލީ ޖޯޝާއި އެކުގައެވެ. ނަވާރް ފާޑަކަށް ބަލާލީ ރައުލްގެ މޫނު ކުރިއަށްވުރެ ބޮޑަށް އުޖާލާ ވުމުންނެވެ.

ނަވާރް އަށް އޭނާ ބުނި ޖުމްލައިގެ ހަޤީޤީ މާނަ ނޭނގުމުން ރައުލް އަށް މަޖާވިއެވެ. އެ ބޮޑު ސިއްރު ހާމަވާ ދުވަހަކުން ނަވާރް ހާދަ ސަޕްރައިޒް ވާނެއެވެ. ނަވާރް އެކަންޏެއް ނޫނެވެ. އާއިލާ ތެރޭގައި ކުޑަ ބޮމެއް ގޮއްވާލުން ކަހަލަ ކަމަކަށް ވާނެއެވެ.

ނަވާރް އާއި އެކި އެކި ވާހަކަތައް ދައްކަމުން ދިޔައިރު ރައުލްގެ ހިތަށް ނޭނގޭ ހަމަޖެހުމެއް ލިބެމުން ދިޔައެވެ. އަބަދުވެސް ނަވާރް މިގޮތަށް ކައިރީގައި އިނުމަށް އެދެވުނެވެ. ނަމަވެސް ނަވާރްގެ ހިތުގައި ވަނީ ލޫކަސް ކަން  ހަނދާންވާ ކޮންމެ ފަހަރަކު ރައުލް މާޔޫސްވެއެވެ. ހަޤީޤަތުގައި ލޫކަސްގެ ކުށެއް ނެތްކަން ބުނެދޭން ބޭނުންވެއެވެ. ނަވާރް އަށްޓަކައި ހިތުގައިވީ ލޯބި ފޮރުވާލުމަށްފަހު ނަވާރް އަށް އޭނާގެ ލޯބި ހޯދަދޭންވީ ބާއޭ ރައުލްގެ ހިތަށް އެރިއެވެ. އެގޮތަށް ކަންތައް ނުކޮށްފިނަމަ އޭނާ އަށްވުރެ އަމިއްލަ އެދުން ބޮޑު މީހަކު ދުނިޔޭގައި ނުހުންނާނެ ކަންނޭނގެއެވެ. ނަމަވެސް އެ ލޯތްބަށްވުރެ ރާސިލްގެ ސިއްރު ސިއްރެއްގެ ގޮތުގައި ބޭއްވުން ރައުލް އަށް މުހިއްމެވެ. އޭނާގެ ސިކުނޑި ހާސްވާގޮތް ވިއެވެ. އެއް ކޮޅުން ހިތް އެދޭ މަލިކާ އެވެ. އަނެއްކޮޅުގައި ލޯބިވާ ބޭބެއެވެ. ބާރުތަކެއް ލިބިފައި ހުއްޓަސް މިފަދަ ކަންކަމުގައި އެއިން ލިބޭ އެއްވެސް ފައިދާ އެއް ނެތެވެ. އެކަމުން ރައުލްގެ މޫޑު އެއްކޮށް ހަރާބުވިއެވެ.

**********************

މުޅި ދުވަހު އެއްކޮށް ވާރޭ ވެހުމަށްފަހު އެރޭ ހުއްޓާލިއެވެ. ނަމަވެސް އޭރު ވެސް އޮތީ ބަނަކޮށެވެ. ޖެހެމުން ދިޔަ ރޯޅި ވެސް ވަކި މަޑެއް ނުވެއެވެ. ލިބުނު ފުރުސަތުގެ ބޭނުން ހިފައި ސާޔާ އަވަސް އަވަހަށް  ހޮސްޕިޓަލަށް ދިޔުމަށް ތައްޔާރުވިއެވެ. މިއަދު ހިނގައިދިޔަ ހާދިސާގެ ސަބަބުން އެކަނި ދާން ޖެހިލުންވުމުން މަލިކާ ކައިރީގައި ބުނެގެން ޑްރައިވަރު ހަމަޖެއްސިއެވެ. ނޯޔާ ދާނަމޭ ބުނެފައި ފަހު ވަގުތު ނިދީއެވެ.

އަށް ގަޑި ބައި ވީއިރު ސާޔާ ގެއިން ނުކުތެވެ. މާހައުލަށް ވެރިވެފައިވާ ފިނިން ސަލާމަތްވުމަށް އޭނާ ލައިގެން ހުރީ ތަންކޮޅެއް ބޯ ޓީޝަޓަކާއި ޖިންސެކެވެ. އިސްތަށިގަނޑު ފަހަތަށް ދޫކޮށްފައި އޮތް އިރު މޫނުގައި އެއްވެސް މޭކަޕެއް ނެތެވެ. ނަމަވެސް އެ މޫނު ފެންނަނީ ނުހަނު ތާޒާ ކޮށެވެ. ދެންމެ ފޮޅިފައިވާ ފިނިފެންމަލެއް ފަދައިންނެވެ.

ކާރަށް އަރާ ހަމަޖެހިލުމަށްފަހު ސާޔާ ފޯނު ބަލާލިއެވެ. ފޭސްބުކް އިން އައިސްފައި އިން ނޮޓިފިކޭޝަން ހުޅުވާލުމާއެކު އެ މޫނަށް ވެރިވީ ނުހަނު ރީތި ހިނިތުންވުމެކެވެ. އަވަސް އަވަހަށް އައިރާގެ ފްރެންޑް ރިކުއެސްޓް އެކްސެޕްޓް ކޮށްލުމަށްފަހު މެސެންޖާ އިން މެސްޖް ކޮށްލިއެވެ. ފޭސްބުކް އިންސްޓޯލް ކޮށްފައި އޮތަސް އޭގެ އެއްޗެއް ބޭނުން ކުރާނެ ވަގުތެއް އޭނާ އަށް ނުލިބެއެވެ. ފުރަތަމަ ދުވަހު އައިރާގެ އައިޑީ ހޯދަން ކުރި ހުރިހާ މަސައްކަތެއް ބޭކާރުވީއެވެ. އެހެންކަމުން ފަހުން އެކަމާއި ސާޔާ އަށް އުޅެވިފައި ނެތީއެވެ.

ކުއްލިއަކަށް ޑްރައިވަރު ބުރަކި ޖައްސާލުމުން ސާޔާ ލޯގަނޑުން ބޭރު ބަލާލިއެވެ. އަދި ޑްރައިވަރާއި ސުވާލު ކުރީ ވީ ކިހިނެތްތޯ އޮޅުން ފިލުވުމަށެވެ.

" ކޮއްކޮ މަޑު ކުރޭ.. ފަހަތުން އެބައާދޭ ސައިކަލެއް.. ވަރަށް ގިނަ އިރުވެއްޖެ މިހާރު ފަހަތުން އަންނަތާ.. ހީވަނީ ފާރަލަނީ ހެން.. "... ޑްރައިވަރުގެ މޫނުމަތިން ފެނުނު ހާސްކަމުން ސާޔާ ބިރުގަތެވެ. ސިއްރުން އޭނާ ފަހަތް ބަލާލިއިރު ކާރާއި ތަންކޮޅެއް ދުރުގައި ސައިކަލެއްގެ މަތީގައި އިން ފިރިހެނަކު ލޮލުގައި އަޅައިގަތެވެ.

މާގިނަ އިރުތަކެއް ނުވެ ކައިރި ގެއަކުން ނުކުތް ޒުވާން އަންހެންކުއްޖަކު ގޮސް އެ ސައިކަލުގެ ފަހަތަށް އެރުމާއެކު ސައިކަލު ދުއްވާލިއެވެ. ކާރު ފަސްދީ ގޮސް ސައިކަލު އޮބާލުމާއެކު ސާޔާ މަޑު މަޑުން ބޯހޫރާލިއެވެ.

" ސާބަސް ލޫލޫ.. އެއީ ފަހަތުން އައި ސައިކަލެއް ނޫނޭ.. މި އޮތް ކުޑަ ތަނުގައި އެންމެން ވެސް ދަތުރު ކުރާނީ އެއް މިސްރާބަކަށް.. އެއް މަގުތަކުން.. "... ސާޔާ އަށް ޑްރައިވަރުގެ މޮޔަކަން ހިތަށް އެރުމުން ހެވުނެވެ. ނަމަވެސް އެކަމުން ޑްރައިވަރުގެ މޫނުގައިވީ ނުތަނަވަސްކަން ފިލާގޮތެއް ނުވިއެވެ. ކޮންމެވެސް ސަބަބަކާއި ހުރެ އެއީ އާދައިގެ ސައިކަލެއް ކަމުގައި އެ ހިތް އެއްބަހެއް ނުވިއެވެ. ނަމަވެސް ޑްރައިވަރު ކާރު ދުއްވާލީ ސާޔާ ތަކުރާރުކޮށް އެދުމުންނެވެ.

'ޕާރލްސް ހޮސްޕިޓަލް' ކައިރިއަށް ކާރު މަޑުކުރުމާއެކު ސާޔާ ފޭބިއެވެ. އަދި އަވަސް ފިޔަވަޅު ތަކެއްގައި ގޮސް ހޮސްޕިޓަލަށް ވަނެވެ. ޑްރައިވަރު ކާރު ދުއްވާލީ ސާޔާ ހޮސްޕިޓަލަށް ވަތްކަން ޔަޤީންވީމައެވެ.

އާދައިގެ ހިނގުމެއްގައި ގޮސް ސާޔާ މަޑުކޮށްލީ ލިފްޓު ކައިރީގައެވެ. އެގަޑީގައި މާގިނަ މީހުން ހޮސްޕިޓަލް ތެރެއިން ފެންނާކަށް ނެތެވެ. ދެތިން ނަރުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔައެވެ. ރިސެޕްޝަންގައި ތިބި ކުދިންވެސް ފޯނާއި ކުޅެން ތިބީ އެވަގުތު ހިދުމަތް ހޯދުމަށް އައިސް މީހެއް ނެތުމުންނެވެ.

ލިފްޓު ގްރައުންޑް ފްލޯރ އަށް ހުއްޓުމާއެކު ސާޔާ އެތެރެއަށް ވަދެ ކުޑަ އިރުކޮޅަކު މަޑުކޮށްލީ އިތުރު މީހަކު އާދޭތޯއެވެ. ނަމަވެސް އެހެން ހުންނަތާ އިރުކޮޅެއްވީ އިރު ވެސް މީހަކު  ނައުމުން އޭނާ ހަ ވަނަ ފްލޯރ އަށް ދާން ފިތާލިއެވެ. ލެއްޕެމުން ދިޔަ ލިފްޓަށް ނަޒަރު ހުއްޓައިގެން ހުއްޓާ ސާޔާ ސިހުނީ ކުއްލިއަކަށް މީހަކު އެތެރެއަށް އަތް ކޮށްޕާލުމަށްފަހު ދޮރު ހިފެހެއްޓުމުންނެވެ. އޭނާގެ ލޮލުގައި އަޅައިގަތީ އެ މީހާގެ އަތުގައި އިން ބޮޑު ޓެޓޫއެވެ.

= ނުނިމޭ =

 

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!