ވާހަކަ

ވެވުނީ ލޯތްބޭ ޔާރު ހުވާ (އެގާރަވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ވެވުނީ ލޯތްބޭ ޔާރު ހުވާ (ޓްރެއިލާ) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފުރަތަމަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދެވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިންވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތަރުވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދިހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެގާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާދަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަނަރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސޯޅަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ނަވާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (20ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައްބީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނަވާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބައްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސްނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އޮނަފަންސާސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސާސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އެކާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ބާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ތޭވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސައުރަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ސަވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - ސަތުވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - އަށުވަންނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަހު ބައި)

ވަގުތުން ސާޔާއަށް މޫނުގައި އަތް އަޅައިލެވުނެވެ. ދުވަހަކުވެސް މިހާ ބޮޑު ލަދަކާ ކުރިމައްޗެއް ނުވެއެވެ. އޭނާ އަށް ރޮވިއްޖެއެވެ. މޫނަށް އިންތިހާ ދަރަޖައިގެ ރަތްކަން ވެރިވެއްޖެއެވެ. ސާޔާ ބޭނުންވީ ވަގުތުން މޭޒު ދޫކޮށް ދިޔުމަށެވެ. ނަމަވެސް ގުޑިލަން ވެސް ނޭގިފައި އިންގޮތަށް އޭނާއަށް އިނދެވުނީއެވެ.

Ads by STELCO

*********************

" ތަންތަނުން މީހުން ގެންނައިރު ތަންކޮޅެއް އަޚުލާޤު ރަނގަޅު މީހުން ގެންނަން އަންގާ... ތިމާގެ ފެންވަރު ހަނދާން ނުނެތޭ ވަރުގެ މީހުން ނުގެނެވެންޏާ ކަންކަމާއި ނުބެހި ހުރުން ރަނގަޅު ވާނެ..".... ސާޔާގެ ކަންފަތުގައި ޖެހުނީ ބަރު އަޑެކެވެ. އެއީ އަފްރާހުކަން ޔަޤީނެވެ. އެ އަޑުގައިވީ ފޫހި ކަމާއި ނުރުހުންވުމެވެ. މަލާމާތެވެ. އެންމެން އޭނާއަށް މަރުހަބާ ކިޔާ ހިނިތުންވުން ހަދިޔާ ކުރި އިރު ވެސް އަފްރާހު އިސްއުފުލާ ބަލާނުލާކަން ސާޔަ ހަދާންވިއެވެ. އޭނާ އާއި މެދު އަފްރާހު ނުރުހުންވާކަން ސާޔާއަށް ވިސްނުނެވެ. ނަމަވެސް ކީއްވެ ހެއްޔެވެ؟..

ރައުލްގެ ނުރައްކާތެރި ނަޒަރު އަފްރާހުއާއި އަމާޒުވިއެވެ. ނުސީދާކޮށް އޭނާ އެބުނި ކޮންމެ ޖުމްލައަކީ ވެސް ރައުލް އަށް ނިސްބަތްކުރި ބަސްތަކެއްކަން ޔަޤީނެވެ. ނަމަވެސް ސާޔާ އާއި ދިމާލަށް އެފަދައިން ބަސްބުނުމުގެ ހައްޤު ލިބިގެން ނުވާކަން ރައުލް ބުނަން ބޭނުންވިއެވެ. އޭނާ އިޚްތިޔާރު ކުރީ ހިމޭންކަމެވެ. ރައުލް ރުޅި އައިސްގެން އެއްޗެއް ބުނަންވެއްޖެނަމަ ހުރިހާ ކަމެއް ދާނީ ގޯހުން ގޯހަށެވެ.

އިރުކޮޅަކުން އިވުނީ ތަށީގެ ތެރެއަށް ސަމްސާ ދޫވި އަޑެވެ. އޭގެ ފަހުގައި އަފްރާހު ތެދުވެގެން ދިޔައީއެވެ. ހީވާ ގޮތުން އޭނާ ދިޔައީ ނުހަނު ހިތްހަމަ ނުޖެހިފައި  ހުރެއެވެ.

ނަވާރް ލޮލުގެ އިޝާރާތުން މަލިކާ އަށް ދައްކާލީ އަދިވެސް މޫނުގައި އަތް އަޅައިގެން އިން ސާޔާއެވެ. އެ ހަށިގަނޑުގައި މަޑު ތުރުތުރުލުމެއްވީ ގޮތުން އޭނާ ރޮނީކަން ނަވާރްއަށް ނަގައިގަނެވުނެވެ.

" އެއީ އެވަރު ކަމެއް ނޫނޭ ދަރިފުޅާ.. އެކަހަލަ ކަންކަންވެސް ވާނެ.. ".... މަލިކާ ތެދުވެގެން އައިސް ސާޔާ ކައިރިކޮށްލިއެވެ. މީހެއްގެ އޯގާތެރިކަން ލިބުމުން އޭނާގެ ރުއިންވީ ހައްތަހާ އިތުރެވެ. ޚާއްސަކޮށް މަލިކާގެ ދުލުން އޭނާއަށް ދަރިފުޅާއޭ ކިޔައި މުޚާތަބު ކުރުމުން އެހިތަށް ލިބުނީ އިތުރު ހިތްދަތިކަމެކެވެ.

ސާޔާ ރުއިން ހުއްޓާނުލާނެކަން އެނގުމުން މަލިކާ އޭނާ ގޮވައިގެން ހިނގައިގަތީ ނަވާރްގެ ކޮޓަރިއާއި ދިމާލަށެވެ. އެމީހުންގެ ފަހަތުން ނަވާރްއާއި ނޯޔާ ވެސް ހިނގައިގަތެވެ. އަފްރާހުގެ ސަބަބުން އެންމެން ވެސް ތިބީ ކާހިތް ކެނޑިފައެވެ. އުފާވެރި ރެއަކަށް ވާނެކަން އުއްމީދު ކުރި ނަމަވެސް އެރޭގެ ނިމުން އައީ އެހެން ނޫނެވެ. ކާމޭޒު ދޮށުން މީހުން ހުސްވުމުން ރައުލް އޭނާގެ ހަށިގަނޑު ގޮނޑިއަށް ދޫކޮށްލަމުން ލޯ މަރާލިއެވެ. އެ ހިތުގައި ހިނގަމުންދާ ހައިޖާން މީހަކާއި ހިއްސާ ކުރަން ނުހަނު ބޭނުމެވެ. ސާޔާ އަކީ ކާކުކަން ބުނެދޭން ބޭނުމެވެ. ޚާއްސަކޮށް އަފްރާހު އަށެވެ. އޭރުން ހަމަގައިމު ވެސް އެހިތުގައި ސާޔާއަށްޓަކައި ވާނީ ލޯތްބާއި އަޅާލުންކަން ރައުލްއަށް ޔަޤީނެވެ. ނަމަވެސް ވަގުތާއި ހާލަތުގެ ގޮތުން ރައުލް އަށް މަޖުބޫރު ވެފައިވަނީ އޭނާގެ ސިއްރު ސިއްރެއްގެ ގޮތުގައި ބޭއްވުމަށެވެ.

***************************

އެނދުގައި ސާޔާ އިންއިރު އޭނާ އިނީ އިސްޖެހިފައެވެ. މަލިކާ އާއި ނަވާރް އަދި ނޯޔާ އޭނާ ހިތްހަމަޖައްސައިދިނުމަށް ދައްކަމުން ދިޔަ އެއްވެސް ވާހަކައަކުން އެ ހިތަށް ލިބުނު ހަމަޖެހުމެއް ނެތެވެ. ތަކުރާރުކޮށް ސާޔާގެ ކަންފަތުގައި ގުގުމަމުން ދިޔައީ އަފްރާހުގެ ބަސްތަކެވެ. އޭނާ އަކީ ހަމަ ހަޤީޤަތުގައި ވެސް އެހާ ދަށް ފެންވަރެއްގެ މީހެއް ކަމުގެ ސާޔާ އަށް ސިފަ ކުރެވުނެވެ.

" ލުކް.. ބައްޕަ ކުޑަކޮށް ރުޅި ގަދަވާނެ.. ބައްޕަ އަށް އަދި ސާޔާ އަކީ ކިހާ ނައިސް ކުއްޖެއްކަމެއް ނޭނގޭތީ އެގޮތަށް ވާހަކަ ދެއްކީ.. ބައްފަ އެގޮތަށް ދައްކާ ވާހަކަތަކާމެދު ސާޔާ އަޅާނުލައްޗޭ.. ވީ އޯލް އަރ ހިއަރ ފޯރ ޔޫ... އެގޮތަށް ވެދާނެ.. ނަވާ ވެސް ޔޫކޭ ގަ ކިޔަވަން އުޅުނު އިރު ހީލްސް އަށް އަރައިގެން ހިނގަން ނޭނގިގެން ގްރެޖުއޭޝަން ހޯލްގަ ފައި ކައްސާލައިގެން ވެއްޓުނު.. "..... ނަވާރް އެވާހަކަ ދައްކަން ފެށުމުން ނޯޔާ ހޭން ފެށިއެވެ. އޭނާ އަށް އެދުވަސް ސިފަ ކުރެވުނެވެ.

ހީލްސް އަށް އަރަން ނަވާރް ނުހަނު ދެކޮޅު ހެދިއެވެ. ނަމަވެސް އެދުވަހު ނޯޔާ އާއި އަލާރާ ކުރުނުކޮށް ކިޔަން ފެށުމުން ނަވާރްއަށް އެންމެ ފަހުން މަޖުބޫރުވިއެވެ. ގްރެޖުއޭޝަން އަށް ދިޔައީ ގޭގައި ހުރެ ހިތްހަމަޖެހޭ ވަރަށް ފަރިތަ ވެސް ކުރުމަށް ފަހުގައެވެ. ނަމަވެސް ފަހު ވަގުތު ހިތް އަވަސްގެ އޭނާ އަރިއަޅާލިއެވެ.

ނޯޔާ ހީހީފައި އެދުވަހުގެ ހާދިސާ ކިޔައިދިނުމުން ސާޔާގެ މޫނަށްވެސް ލުއި ހިނިތުންވުމެއް ވެރިވިއެވެ.

" ގްރެޖުއޭޝަންގެ ވާހަކަ ދެއްކީމަ މި ހަނދާންވީ.. ސާޔާ ކިޔަވަން ފަށަންވީނު.. ރައުލްގެ ފަރާތުން މަންމަ އަށް އެނގިފަ އޮތީ ސާޔާ ރަށުން އޭ ލެވެލް ނިންމިކަން.. ކޯއްޗެއް ކިޔަވާ ހިތްވަނީ؟...."..... ސާޔާގެ ސިކުނޑިން އަފްރާހުގެ ޚިޔާލު ނެރެލުމުގެ ބޭނުމުގައި މަލިކާ އެހެން ވާހަކައެއް ފެށިއެވެ. މަލިކާގެ ސުވާލުން ސާޔާގެ މޫނު ރަތްވެގެން ދިޔައެވެ. އަދި ދިމާވިތާ މާގިނަ ވަގުތެއް ވެސް ނުވެއެވެ. ނަމަވެސް މިހާރު އެދައްކަނީ ސާޔާގެ ދިރިއުޅުމުގެ ނުހަނު މުހިއްމު ކަމެއްގެ ވާހަކައެވެ.

" އަމް... އާރކިޓެކްޗަރ އެންޑް އިންޓީރިއަރ ޑިޒައިނިންގް. ... ".... ސާޔާ ހިނތުންވަމަކާއެކު ބުނެލިއެވެ. އެންމެ ކުޑައިރުއްސުރެ ވެސް އެއީ އޭނާ ދެކޭ ހުވަފެނެކެވެ. ޑިޒައިނިންގް އަށް އެ ހިތުގައި ދެވިފައިވަނީ ޚާއްސަ ލޯތްބެކެވެ. ލިބޭ ހުސްވަގުތު ތަކުގައި ފޮތް ތަކުގައި ޚިޔާލީ ގެތަށް ކުރެހުމަށް އޭނާ ނުހަނު ޝައުޤު ހުރެއެވެ. ކޮޓަރީގެ ފަރުނީޗަރުތައް ދުވަސް ދުވަސްކޮޅުން ހިތް އެދޭގޮތަށް ބަދަލުކޮށް ފާރުތަކުގައި ތަފާތު ޑިޒައިންތައް ފަރުމާކުރުމަކީ ރަށުގައި އުޅުނު އިރުވެސް ސާޔާ ކުރި ކަމެކެވެ. އަސަދުގެ މާބޮޑު ފަރުވާލެއް އެފަދަ ކަންކަމަށް ނެތުމުން އެކަމުގައި ބަސްބުނާނެ މީހެއް ނުހުރެއެވެ.

" ވާއު.. ނޯޔާ އަށް އިމޭޖިން ކުރެވޭ.. ސާޔާ ކޯޓް ފަޓުލޫނުގަ ގޮނޑިއެއްގަ... މޭޒުމަތީގަ ބޮޑު ގަނޑެއްގަ ޕޮރެޖެކްޓް ކުރަހަން އިންނަ މަންޒަރު...".. ނޯޔާ އަތުން ގޮތެއް ހަދާލަމުން ބުނެލިގޮތުން ސާޔާ ހޭން ފެށިއެވެ.

ސާޔާ ހަމަޔަކަށް އެޅިފައިވާތަން ފެނުމުން މަލިކާ ބޭރަށް ނުކުތީ އަފްރާހު ދިޔަ ތަނެއް ހޯދުމަށް ގަސްތުކޮށްގެންނެވެ.

" ކޮން އިރަކު ދަނީ..."... ސާޔާ އަތުގައި އޮތް ގަޑިއަށް ބަލާލަމުން ބުނެލީ ލަސްވާތީއެވެ. ދިގު ދަތުރަކަށް ފަހު އަރާމުކޮށްލަން ވެސް ބޭނުމެވެ. ނަމަވެސް އެހެން ބުނަން ނުކެރިފައި ހުރީއެވެ. އަދި ހަމަޖެހިގެން ވިސްނާލަން ވަގުތުކޮޅެއް ވެސް ނުލިބެއެވެ. ހުރިހާ ކަމެއްވެސް ވެދިޔަލެއް ހާދަ އަވަހެވެ. ދުވަސް ދިގުވެފައިވާ ކަހަލައެވެ.

" ކޮންތާކަށް ދާން..."... ނަވާރް އެނދުގެ ފަޑީގައި ލެގިލަމުން އަހާލިއެވެ. ސާޔާ އެނބުރި ހޮޓެލަށް ފޮނުވާލުމުގެ ވިސްނުމެއް އޭނާގެ ނެތެވެ. ދާދި ފަހުން ގެއިން އެޕަރޓްމެންޓެއް ވަނީ ހުސްވެފައެވެ. ނަވާރްގެ ވިސްނުމުގައި ހުރީ ދެ ކޮޓަރީގެ އެ ހިތްގައިމު އެޕަރޓްމެންޓަށް ސާޔާއާ އެކީގައި ބަދަލުވުމަށެވެ. އެގޮތް އޭނާއަށް ވެސް ފަސޭހަ ވާނެއެވެ. ސާޔާއާއި ބޮޑަށް ގުޅުން ވެސް ބަދަހި ކުރެވޭނެއެވެ. ހަޤީޤަތުގައި ނަވާރް ބޭނުންވަނީ ވެސް ވަކިން ދިރިއުޅޭށެވެ.

ނަވާރް އޭނާގެ ވިސްނުން ހުރި ގޮތް ހިއްސާ ކުރުމުން ސާޔާއަށް ވެސް އެގޮތް ކަމުދިޔައެވެ. އެރޭ ނަވާރްގެ ކޮޓަރީގައި މަޑުކުރުމަށްފަހު މާދަމާ އެޕަރޓްމެންޓްގެ މަސައްކަތުގައި އުޅޭނީ ކަމުގައި ނަވާރް ބުނެދިނެވެ. އޭގެ ކުރިން މަލިކާގެ ޚިޔާލު ހުރިގޮތެއް ވެސް ބަލަން ޖެހޭނެއެވެ.

ސާޔާ އާއި ވާހަކަ ދައްކަން ފުރުސަތެއް ލިބޭނެ ކަމުގެ އުއްމީދުގައި ރައުލް ބޭރުގައި އިން ނަމަވެސް ސާޔާ ނުނިކުތެވެ. ކޮޓަރީގެ ހުދު އަލިކަން ދޮރު ދަށުން ފެންނަން ހުރުމުން އަދިވެސް އެއިން ކުއްޖަކު ނުނިދާކަން ރައުލް އަށް އެނގެއެވެ. ނަމަވެސް ސާޔާ އަށް ލިބިފައިވާ ނުތަނަވަސްކަން ފިލާނީ އެފަދަ ގޮތަކަށް ކަން ރައުލް އަށް ވިސްނުނެވެ. އޭނާ ހަޤީޤަތް ކިޔައިދޭނީ ކިހިނެތް ހެއްޔެވެ؟.. މިހާ ހިސާބަށް އައުމަށްފަހު ފިނޑިވާން ބޭނުމެއް ނޫނެވެ. އެއީ އޭނާގެ ގޮތެއް ނޫނެވެ.

އަފްރާހު ގެއަށް އައި އިރުވެސް ރައުލް އިން ގޮތަށް ސިޓިންގްރޫމުގައި އިނެވެ. ރައުލް ފެނުމުން އޭނަގެ ފިޔަވަޅުތައް ކުޑަކޮށް މަޑުޖެހިލިއެވެ. ނަމަވެސް އެއްޗެކޭ ނުބުނެ އިރުކޮޅަކު ހުރުމަށްފަހު ދިޔައިރު އެ މޫނުން ފެންނަނީ އިންތިހާ ދަރަޖައިގެ ނުރުހުންވުމެވެ. ރައުލް އެގޭތެރެއިން ފެނުމުން އަފްރާހުގެ ރުޅިގަނޑު ކެކިގެންދާ ފަދައެވެ. ބޯހަރު ޒުވާނެކެވެ. ރައުލްއަކީ އާދައިގެ އިންސާނެއް ނޫންކަން އެއީ އެ އާއިލާއަށް ސިއްރުވެފައި އޮތް ކަމެއް ނޫނެވެ. ނަމަވެސް އެ ހުންނަ ބޮޑާ ކަމާއި ނުރައްކާތެރި ބެލުމަކީ އަފްރާހު އެންމެ ފޫހިވާ ކަންތައްތަކެވެ.

*************************

އާ ދުވަހަކަށް އިރު އެރީ ސާޔާ އާއި ނޯޔާ އަދި ނަވާރް އާއި ޔަލާ ގޭގެ ހިތްގައިމު ބަގީޗާގައި ތިއްބައެވެ. ފެހިކަން ގަދަ ވިނަގަނޑު މަތީގައި މެޓެއް އަތުރާފައި އޮތް އިރު ކޮންމެ ކުއްޖެއް ކައިރިގައި ވެސް އާވި އަރަމުންދާ ކޮފީތަށްޓެއް ހުއްޓެވެ. ހަތަރު ކުދިންގެ މެދަށް ވާގޮތަށް ބަހައްޓާފައި ހުރި ކުކީ ތަށިން ކުކީ އެއް ނަގައި ސާޔާ އެތިކޮޅެއް ކާލިއެވެ. މިއީ އޭނާ އަށް އާ ފެށުމެކެވެ. މާޒީ އާއި މެދު ވިސްނަން ސާޔާ ބޭނުމެއް ނޫނެވެ. ނަމަވެސް ބައެއް ފަހަރު އަސަދާއި މެދު އޭނާއަށް ވިސްނާލެވެއެވެ. އައިރާ އަށް އޭނާ އައި ސަބަބު މިހާރު އެނގޭނެ ބާއެވެ. ދެރަ ކަމަކީ ސާޔާ އަށް އައިރާގެ ނަންބަރުވެސް ނޭނގޭ ކަމެވެ. ފޯނެއް ނެތަސް ސާޔާ އަށް އުނދަގުލެއް ނޫނެވެ. ނަމަވެސް އޭނާގެ އެދުމަކީ ކޮންމެވެސް ދުވަހަކުން އައިރާއާއި ބައްދަލު ވުމެވެ.

" ޔަލް ދަނީ އިނގޭ.. ހެނދުނު ސައިބޯން ދާން ޖެހޭ ކައި މެން ގެއަށް.. ނަވާ ހަނދާން ވޭތަ އޭރު ސްކޫލްގަ އުޅުނު އިރު ކައިރާ އާއި ކިޔާން.. ފަހުން މެލޭ އަށް ގޮސް އުޅުނު އިރު އެއް ގެއެއްގަ އުޅެވުނީމަ ވަރަށް ރައްޓެހި.. އިއްޔެ ކައި މާލެ އައިއްސަ ގުޅާފަ ބުނި ކިރާޒް ވެސް ގޮވައިގެން އެގެއަށް އަންނަން.. މިޝެލް ފަކީރު ހުންނަނީ ކިރާޒް ނުފެނިގެން މޮޔަވެފަ.... އަހަރެން ވެސް ވަރަށް ބޭނުންވޭ ޔޫލް ދެކިލަން.. މިހާރު ކައި އަނެއްކާވެސް ޕްރެގް".... ޔަލާ ކައިރީގައި ހުރި ކޮފީ މަގު ނަގަމުން ބުނެލިއެވެ. އޭނާ ދާން ފެށުމުން ނަވާރް ގޮވާލާފައި ކައިރާ އަށް އޭނާގެ ސަލާމް ބުނުމަށް އެދުނެވެ.

" ސޯ ނަވާ މަންމަ އާއި ވާހަކަ ދައްކައިފިން.. ފަތިސް ނަމާދަށް ހޭލާފަ ކެތް ނުވެގެން އަވަހަށް ދިޔަޢި.. އެންޑް ޝީ އިޒް އޯކޭ ވިތް އިޓް....".... ނަވާރް އިނީ ނުހަނު އުފާވެފައެވެ. ކުރިއަށް އޮތް ދުވަސްތައް ނުހަނު އުފާވެރިކަމާއެކު އުޅެލަން އޭނާ ބޭނުމެވެ.

އެވަގުތު ނޯޔާ ދުވަހުގެ ތާވަލް ކިޔަން ފެށިއެވެ. ލިސްޓުގައި މުޅިން ވެސް ހުރީ ވިޔަފާރި ކުރުމެވެ. ސާޔާ އަށް ބޭނުންވާ އެއްޗިއްސާއި އެޕަރޓމެންޓަށް ބޭނުންވާ ކުދި ސާމާނުތަކެވެ. އެހުރިހާ ކަމަކަށް ސާޔާގެ ހިތުގެ އަޑިން ޝުކުރުވެރި ވެވުނެވެ. ކެތްތެރިކަމާއެކު ކުރި ދުޢާ އިޖާބަކުއްވައިފިއެވެ. އާނ އެކެވެ. ދުޢާ އަކީ އެންމެ ބާރުގަދަ ހަތިޔާރެވެ.

***************************

ނަވާރް އާއި ނޯޔާ އަދި ސާޔާ ވިޔަފާރިކޮށް ނިމުނު އިރު ހުރީ ނުހަނު ބަނޑުހައި ވެފައެވެ. ޑްރައިވަރަށް ގުޅާ ގެނައުމަށްފަހު ގަތް އެއްޗެހި ގެއަށް ލައިދިނުމަށް ނަވާރް އެދުނެވެ. އަދި އެއަށްފަހު ތިންކުދިން ވަނީ ކައިރީގައި ހުރި ރެސްޓޯރެންޓަކަށެވެ. ރޭގައި ދިމާވި ހާދިސާ ރަނގަޅަށް ހަނދާން ހުރުމުން ސާޔާ އިނީ ކާއެއްޗެހީގައި އަތްލާން ނުކެރިފައެވެ. އެކަން އެނގުމުން ނަވާރް ނުހަނު ރީތިކޮށް ކާންވީ ގޮތް ސާޔާއަށް ދަސްކޮށްދިނެވެ. އޭނާ ބުނެދިނީ ސާޔާ ދެރަ ނުވާނެ ފަދަ ގޮތަކަށެވެ. އެކި އެކި ވާހަކަދައްކަމުން ގޮސް ނަވާރް އޭނާ ބޭނުންވި ގޮތަށް ސާޔާ އަށް އުލާއި ސަމްސާ އަދި ވަޅި ބޭނުންކުރާނެ ގޮތް ވެސް ދަސްކޮށްދިނެވެ. އެކަމުން އެންމެ ބޮޑު ހިތްހަމަ ޖެހުމެއް ލިބުނީ ސާޔާ އަށެވެ.

" ތެންކިއު ނަވާ..."... ސާޔާ އިނީ ހަޤީޤަތުގައި ވެސް ޝުކުރު އަދާ ކުރަން ބޭނުންވެފައެވެ. މުއްސަނދި ބައެކެވެ. ނަމަވެސް އުޅޭ އުޅުމަކުން އެއިން އެއްވެސް ކަމެއް ނޭނގެއެވެ. އެހާ ވެސް އެކުދިން ރަނގަޅެވެ.

" ދެން ތެންކިއު ބުނެފިއްޔާ ރައުލް ކައިރިގަ ބުނާނަން ސާޔާ ގެންދާށޭ...."..... ނަވާރް ބުނެލީ މަޖަލަކަށެވެ. ނަމަވެސް ކުއްލިއަކަށް ސާޔާގެ ލޯ ކުރިމަތީގައި ސިފަވެގެން ދިޔައީ ތިން އަހަރު ވަންދެން އަސަދުގެ ފަރާތުން ލިބުނު އަނިޔާތަކެވެ. އޭނާ ކުރި އާދޭހެވެ. އެ ހަށިގަނޑުގައި ވާ ޒަހަމްތަކެވެ. އެ ލޮލުން އޮހުނު ކަރުނައެވެ. އެނބުރި އެ ދިރިއުޅުމަށް ދާން ވެއްޖެނަމަ އޭނާ މޮޔަވެދާނެއެވެ.

" ހެއި... އާރ ޔޫ އޯކޭ؟... ދޮންތި މަޖަލަކަށް ބުނި އެއްޗެކޭ އެއީ..."...... ސާޔާ އަށް ވެފައި އިން ގޮތް ފެނުމުން ނޯޔާ ނުތަނަވަސްވިއެވެ. ސާޔާގެ މާޒީގައި ބޮޑު ކަންތަންގަނޑެއް ހިނގާފައިވާކަން އޭނާއަށް ޔަޤީނެވެ. ސާޔާގެ ފަރާތުން ބައެއް ފަހަރު ފާހަނގަ ކުރެވޭ ކަންކަމުން އޭނާގެ ހިތުގައި ޝައްކު އުފެދެއެވެ.

***********************

ކުރިމަތީގައި އިން މެލްކެ އާއި ބީކާލްގެ މޫނަށް ބަލަހައްޓައިގެން ރައުލް އިން އިރު އޭނާގެ އަތުގައި މެގެޒިންއެއް އޮތެވެ. ލައިގެން އިން ކަޅު ކުލައިގެ ޓީޝާޓާއި ނޫކުލައިގެ ޖީންސްގައި މޮޑެލްއަކަށް ދޫނުކުރެއެވެ. ބީކާލް ގުޅާފައި މުހިއްމު ވާހަކައެއް ދައްކަން ވެފައި އޮތް ކަމުގައި ބުނުމުން ރައުލްއަށް އައުމަށް މަޖުބޫރުވީއެވެ. އޭނާ އާއި ޖެހިގެން ރާސިލް އިން އިރު ރާސިލްއަށް ވެސް އެބުނަން އުޅޭ ވާހަކަ ނޭނގޭކަން ރައުލް އަށް އެނގުނީ އެމޫނުގައި ވީ ކުލަވަރުންނެވެ.

" ރައުލް މި ދުވަސްކޮޅު ކޮންތާކު ތިއުޅެނީ؟..."... ބީކާލް ވާހަކަ ފެށީ ދުރުދުރުންނެވެ. ޖަވާބުގައި ރައުލް ޖަހާލީ ހިނގަނޑެކެވެ. ބީކާލް އަށް އެސުވާލުގެ ޖަވާބު އެނގޭނެއެވެ. މެލެކް ކުރިމަތީގައި ރައުލް ބޭޒާރު ކޮށްލަން މިއަށްވުރެ ރަނގަޅު ގޮތެއް އޭނާއަށް ނެތީ ކަންނޭނގެއެވެ. ނަމަވެސް އެ ސުވާލުގެ ޖަވާބު ބުނުން ރައުލް އަށް މުހިއްމެއް ނުވިއެވެ. ބީކާލްގެ މޫނުގައިވީ އަސަރުން އޭނާ ސަމާސާ ކުރަނީކަން ރައުލް އަށް އެނގެއެވެ.

" ކަމޯން .. ކިތަށް ދުވަހު ބުނަނީ މަންމަ އަށް ނޭނގޭ ގޮތަށް ވާހަކަ ނުދައްކާށޭ... ފަރސްޓް ރޫލް އޮފް އަވަރ ފެމިލީ... ނޯ ސީކްރެޓްސް.....".. މެލެކް ހަނދާން ކޮށްދޭ ފަދައަކުން ބުނެލުމުން ރައުލް ވަގުތުން މާފަށް އެދުނެވެ.

ބައެއް ފަހަރު ބީކާލް އާއި ރާސިލް އަދި ރައުލް ސިއްރު ކޯޑް ބަހުރުވައެއް ގެންގުޅެއެވެ. ނޫނީ އިޝާރާތުން ވާހަކަ ދައްކަފާނެއެވެ. އެކަކު އަނެކަކަށް ސިކުނޑީގައިވާ އެއްޗެއް ދެނެގެން ވާހަކަ ދައްކަފާނެއެވެ.

" ތެދެއް ރައުލް... ނޯ ސީކްރެޓްސް.. ބްރަދަރ...".... ރާސިލް ބުނެލީ ފާޑަކަށެވެ. އެ ބެލުމުގައިވީ ފިނިކަމުން ރައުލް ބުމަ އަރުވާލިއެވެ. ރާސިލް އަށް ވީގޮތް އޭނާއަށް އެނގިއްޖެއެވެ. ރައުލްގެ " ބޮޑު ސިއްރު " ރާސިލްއަށް އެނގުނީއެވެ.

" ސޯ.. މަންމަ ކޮން ވާހަކައެއް ދައްކަން ބޭއްވި ފެމިލީ މީޓިންގް އެއް މިއީ....".. ސިޓިންގްރޫމް މޭޒުމަތީގައި ހުރި މޭވާ ތަށިން އާފަލެއް ނަގައި އޭގެން އެތިކޮޅެއް އަނގައިން ކަނޑާލަމުން ރައުލް އަހާލިއެވެ. ހަމަޖެހިގެން އިންނަން މަސައްކަތް ކުރި ނަމަވެސް ރައުލްގެ ހިތް ތެޅެމުން ދިޔައީ އާދަޔާ ޚިލާފު ބާރު މިނެއްގައެވެ.

" ރާއްޖެއަށް ދާން މަންމަ ނިންމައިފިން...."... މެލެކްގެ ޖުމްލަ ފުރިހަމަ ނުކުރެވެނީސް ރައުލް ބާރަކަށް ކެއްސަން ފެށިއެވެ. ކަރުގައި އާފަލުކޮޅެއް ތާށިވީ އެވެ. އެއަށްވުރެ ލިބުނު ސިހުން ބޮޑެވެ. މެލެކްގެ ފަރާތުން ކުޑަކޮށް ވެސް އުއްމީދުކުރި ކަމެއް ނޫނެވެ. އެހާ އަވަހަށް މަންމަގެ ވިސްނުން ބަދަލުވީ ހެއްޔެވެ؟...

" ވަޓް.. ނޯ މޯމް..."... ރައުލް ފެންފޮދެއް ބޯލަމުން ހަމަޖެހިލިއެވެ. ލިބިފައިވާ ސިހުމުގެ އަސަރު މޫނުމަތިން ނުދައްކާ ވޭތޯ އޭނާ ބެލިއެވެ.

" ތެދެއް ރައުލް... "އާޔާ ކިޗެން " ގެ އާ ބްރާންޗެއް ހުޅުވަން މަންމަ ބޭނުންވޭ.. އެއަށްވުރެ ބޮޑަށް ކެނޑިގެން ދިޔަ ގުޅުންތައް އަނބުރާ ގެންނަން ބޭނުންވޭ... ހަމައެކަނި ގެއްލި ދިޔައީ މި އާއިލާގެ ކުއްޖެއް ނޫން.. އެއީ އެމީހުންގެ ވެސް ދަރިއެއް ފަދަ ކުއްޖެއް... އެ ހިތާމަ އެމީހުން ވެސް ކުރާނެ.. އޭގެ ފަހުން ލިއަމް ވެސް އަދި ހޭލީ އެއް ނޫން... އަލުން ދިރިއުޅުމާއިގެން ކުރިއަށް ދާން މަންމަ ނިންމީ ވަރަށް ވިސްނުމަށްފަހު... މިކަމަށް ތި ދެކުދިންގެ ފަރާތުން ވެސް އެއްބާރުލުން ދޭންވާނެ.... ".... ބީކާލް ވަކިވަކިން އޭނާގެ ދެ ދަރިންނަށް ނަޒަރު ހުއްޓާލިއެވެ. އޭނާ ހީކުރިގޮތާއި ޚިލާފަށް ރައުލް އާއި ރާސިލްގެ މޫނުން ފެނުނީ ނުތަނަވަސްކަމެވެ. އެކުދިންގެ މޫނުން ފެންނަން ޖެހޭ އުފާވެރިކަމުގެ ކުޑަ މިންވަރެއްވެސް ބީކާލް އަށް ނުފެނުނެވެ.

ރައުލް އިނީ ރާސިލް އެއްޗެކޭ ބުނޭތޯ މަޑުކޮށްލައިގެންނެވެ. ރާސިލް އަށް ވެސް މިހާރު ރައުލް ބޭނުންވާ ގޮތް އެނގޭނެއެވެ. އެހެންކަމުން ރާސިލްވެސް ބޭނުންވާނީ މެލެކް ކުޑަ ދުވަސްކޮޅަކަށް ނަމަވެސް މަޑުކުރަން ކަން ރައުލް އަށް ޔަޤީނެވެ.

" މަންމަ އަދި ކުޑަ ދުވަސްކޮޅަކު މަޑު ކޮށްލަން އަޅުގަނޑަށް ފެންނަނީ...."... ރައުލް ބުނެލީ ޖެހިލުންވެފައި އިނދެއެވެ.

" މަންމަ މި ވިސްނަނީ ދެ މަސް ދުވަސް ފަހުން ދާން.. އެކަމަކު ތިކުދިން މިވާހަކަ އަދި އެއްވެސް މީހެއް ކައިރިގަ ނުބުނާތި.. މަންމަ ތި ކުދިންނަށް އިތުބާރު ކުރަން...".. މެލެކްގެ މޫނުގައިވީ ހިނިތުންވުމެކެވެ. ގިނަ ދުވަސްތަކަކަށްފަހު ރަނގަޅު ނިންމުމެއް ނިންމެން އުޅޭ ކަމުގެ އިހްސާސް އޭނާއަށް ކުރެވުނެވެ.

މެލެކްގެ ޖަވާބު އިވިފައި ރައުލްގެ މޫނު އުޖާލާ ވެއްޖެއެވެ. ދެ މަސް ދުވަސް އަދި އެބައޮތެވެ. ލިއަމް ގެނެވިދާނެއެވެ. ސާޔާ އަކީ ކާކުކަން ބުނެވިދާނެއެވެ. އާއިލާ ތެރޭގައިވީ ހަމަނުޖެހުން ފިލުވައިލެވިދާނެއެވެ. އޭނާ ބޭނުންވަނީ ހިތްވަރެވެ.

***********************

ގެއަށް އައި ގޮތަށް ސާޔާމެން އުޅުނީ ކޮތަޅުތައް ބަލައި ފާސްކުރުމުގައެވެ. ގެނައި ޖީންސާއި ކުރުތާގެ އިތުރުން ޓީޝާޓްތައް ވަކިވަކިން ބެލިއެވެ. ހުރިހާ އެއްޗެއް ވެސް ހުރީ ސާޔާގެ ގަޔަށް ނުހަނު ރީތިކޮށެވެ.

" ވީ ޑޯންޓް ނީޑް ޓު ޗޭންޖް ހަރ.. އެއީ ހަމަ ލާރާ...".... ނޯޔާ ބުނެލީ ހަމައެކަނި ނަވާރްއަށް އަޑު އިވޭ ވަރަށެވެ. އެކީގައި އުޅެން ފެށުމުން ސާޔާގެ މިޒާޖު އެކުދިންނަށް ދަސްވާނެ ނެނގީ މަދު ވަގުތުކޮޅެކެވެ. އަނގަގަދަ މަޖާ މިޒާޖެއްގެ ކުއްޖެކެވެ. ޅަ ކުދިންގެ ވިސްނުމެވެ. އެހާ ލޯތްބެވެ.

" އޯކޭ ގާއިސް.. ސާޔާ ދަނީ.. މިހާރު ހަންޑިގަނޑު ހުންނާނެ އިންތިޒާރުގަ..".. ސާޔާ ބުނެލީ ލާނެތް ހިނިތުންވުމަކާ އެކުގައެވެ. އޭނާ އިޝާރާތް ކުރީ ރައުލް އަށެވެ. ހަވީރު މުހިއްމު ތަނަކަށް ދާން ޖެހޭ ވާހަކައާއި ގަޑިއަށް ތައްޔާރު ވެގެން ހުރުމަށް ރައުލް ވަނީ ބުނެފައެވެ.

" ދޮންތީ.. އިޓްސް ޓައިމް...."... ސާޔާ ކޮޓަރިން ނުކުތުމުން ނޯޔާ ދެއަތް ދެއަތާއި މޮޑެލީ ހާސްވެފައި ހުރެއެވެ. ރައުލް ސާޔާ ގެނައި ހަޤީޤީ ބޭނުން ބުނެދޭން އުޅެނީއެވެ. އެކަމަށް ސާޔާ ރުހޭނެކަމެއް އޭނާއަށް ނޭނގެއެވެ.

***********************

" ހެލޯ ޑެވިލް...".... ސާޔާގެ އިންތިޒާރުގައި ހުރި ރައުލް ފެނުމުން ފަރުވާކުޑަ ގޮތަކަށް ގޮވާލިއެވެ. އެއާއެކު ރައުލްގެ ތުންފަތަށް ވެރިވީ މާނަވީ ހިނިތުންވުމެކެވެ.

" ހާދަ އަނގަގަދަ ވެއްޖެއޭ.. އަދި އެންމެ ދެ ދުވަސް މިވީ.. ތިހެން އުޅެންނާ އަދަބެއް ދޭން ޖެހިދާނެ...".. ރައުލް ސަމާސާއަކަށް ބުނެލިއެވެ.

" ކޮން ކަމެއް ކުރެވޭނީ.. އަނެއްކާ ވެސް އަހަންނަށް އޮޅުވާނީތަ؟.. ރައުލްގެ އަމިއްލަ އެދުމަކަށްޓަކާ އަހަންނަށް ދޮގު ހަދާނީތަ؟...."... ރައުލް އާއި އެއްވަރަކަށް ހިނގާފައި ދަމުން ސާޔާ އަހާލިއެވެ. އެ އަޑާއި ރާގުން އޭނާ ހިތްހަމަ ނުޖެހުނީކަން ރައުލްއަށް އެނގުނެވެ. ވިސްނުން ތޫނު ކުއްޖަކީ ތާއެވެ. އެއްގޮތުން ރައުލް އަށް ފަސޭހަ ވިއެވެ. އޭނާ ބުނަންޖެހޭ ވާހަކަތަކުން އެއްބައި މަދުވީއެވެ.

" ލިސެން.. ސާޔާ އަށް އޮޅުވާލަން އަހަރެން މަސައްކަތެއް ނުކުރަން.. "... ރައުލް ގޮސް ވަނީ ގެއާއި ތަންކޮޅެއް ދުރުގައި ހުރި ޕާކަކަށެވެ. އޭނާ އުނދޯއްޔެއްގައި އިށީނުމުން ސާޔާ އައިސް ކުޑަތަންކޮޅެއް ދުރުގައި އިށީނެވެ.

" ކުޑަކޮށް ކައިރީގައި އިނަސް ފާފައަކަށް ނުވާނެ.. "... ރައުލް ބުނެލީ ދެމާނަ އެކުލެވިގެންވާ ޖުމްލައެކެވެ. ސާޔާ އަށް މާނަ ނެގޭނީ ތަފާތު ކޮށްކަން ރައުލް އަށް އެނގެއެވެ. ނަމަވެސް އޭނާ ބުނީ ދޮގެއް ނޫނެވެ. ކޮންމެވެސް ދުވަހަކުން ސާޔާއަށް އެ ބަސްތަކުގެ މާނަ ވެސް އެނގޭނެއޭ ރައުލްގެ ހިތަށް އެރިއެވެ.

އިތުރަށް ރައުލް އާއި ދުރަށް ޖެހިލަމުން ސާޔާ ދަތްކުނޑި ވިކާލިއެވެ. ރައުލް އާއެކީ މާގިނަ ވަގުތު މަޑުކުރަން ވެއްޖެނަމަ މުޅި ދުވަސް ހަރާބު ވެދާނެއެވެ.

" ސާޔާ ހަނދާނުގަ ނުހުރެދާނެ.. އެކަމަކު ސާޔާ އަށް އަހަރެން ފެނިފަ ހުންނާނީ.. ތިރަށަށް ދިޔައީ ކުޑަ ދަތުރެއްގަ.. އަހަންނަށް ސާޔާ ފެނުނީ ސާޔާގެ މަންމަގެ ޖަނާޒާއަށް ފަހު ގެއަށް އައި މަގުމަތީގަ.. އެރޭ އަހަރެން ތި ރަށަށް ދިޔައީ.. އެކި މީހުން ކައިރިން އޮޅުން ފިލުވައިގެން ސާޔާ އަކީ ކާކުކަން ހޯދިން... އަސަދުގެ ކުޅިވަރު ވެސް އެނގުނު.. އެކަމުން ސާޔާ ސަލާމަތްކުރަން އަހަރެން ބޭނުންވި.. އަސަދު އަށް ލާރި ދޭން ފެށީ އެ ބޭނުމުގަ.. ސާޔާ އަށް އެއްވެސް އަނިޔާ އެއް ނުކުރާނެކަމަށް ވައުދު ވުމުން.. އެކަމަކު އެއިން އަހަންނަށް ފުރިހަމަ ހަމަޖެހުމެއް ނުލިބުނު.. އެހެންވެ ސާޔާ އަސަދުގެ ކިބައިން ސަލާމަތް ކުރުމަށް ކައިވެނީ ގެ ވާހަކަ ދައްކަން މަޖުބޫރުވީ.. އަސަދު އެއްބަސްވީ ރުފިޔާ ލިބޭނެ ކަމުގައި ބުނުމުން.. ...."........ ރައުލް އަށް ހަޤީޤަތް އޮޅުވާލަން އަނެއްކާވެސް ވަނީ މަޖުބޫރު ވެފައެވެ. ނަމަވެސް މިފަހަރު އޭނާ ވާހަކަ ދެއްކީ މުޅިން ގޯސްކޮށެއް ވެސް ނޫނެވެ.

ސާޔާގެ މޫނުން ފެނުނީ ހައިރާން ކަމެވެ. އަސަދުގެ ފަރާތުން ފެނުނު ބަދަލުތަކުގެ ފަހަތުގައިވީ ރައުލް ހެއްޔެވެ؟... އެކަން ކުރިން ނޭނގުމުން ސާޔާ ކުޑަކޮށް ދެރަވިއެވެ. ރައުލް އެފަދަ ބޮޑު ހެޔޮކަމެއް ކޮށްދިނުމުން ވެސް އޭނާ ރައުލްއާއި ކުޑަމިނުން ވާހަކަ ދެއްކީވެސް ނުރުހުންވެފައި ހުރެއެވެ.

" ހަމަ އެކަނި ތިއީތަ އަހަރެން ގެނައި ބޭނުން.. ތި ހިތުގަ އެހާ ރަހުމް އެބަހުރިތަ؟... މި އާއިލާއިން އަހަންނަށް މިވަރަށް އަޅާލަނީ ވެސް އެހެންވެތަ؟... "...... ސާޔާ ހުރީ ދެ ފިކުރެއްގައެވެ. އޭނާ ހުރީ ރައުލްގެ ވާހަކަ ޤަބޫލު ކުރާ ގޮތަކަށް ނޫނެވެ. ރައުލް ކަމެއް ފޮރުވަން އުޅޭކަން ޔަޤީނެވެ.

" އެއީ ވާހަކައިގެ އެއްބައި.. ސާޔާ ގެންނަން ބޭނުންވި އަނެއް ސަބަބަކީ ލިއަމް...".... ރައުލް ބުނެލީ ޖެހިލުންވެފައި އިނދެއެވެ. އޭނާ އިނީ ސާޔާގެ މޫނަށް ނަޒަރު ހުއްޓައިގެންނެވެ.

" ލިއަމް...؟....".... ސާޔާ އަހައިލީ ހައިރާންވެފައެވެ. އެނަން އަޑު އެ އިވުނީ އަދި ފުރަތަމަ ފަހަރަށެވެ. އެއްވެސް މީހަކު އެބުނާ ލިއަމް އެއްގެ ވާހަކަ ނުދައްކައެވެ.

" ލިއަމް އަކީ ނަވާގެ ޓްވިން... ނޯޔާގެ ދޮންބެ.. "..... ރައުލް ކިޔައިދޭން ފެށުމުން ސާޔާގެ ހަނދާނަށް ވެރިވީ އޭނާ އަށް ފެނުނު ފޮޓޯއެވެ. އެއީ ލިއަމް އަށް ވެދާނެއޭ އޭނާ ހިތަށް އެރިއެވެ.

" ކީއްވެ ނަވާ ލިއަމްގެ ވާހަކަ ނުދެއްކީ.. އެއްވެސް މީހަކު ލިއަމްގެ ނަން ވެސް ކިޔާލި އަޑެއް އަހަންނަށް ނީވުނީ ކީއްވެ؟.. ތި ވެސް އޮޅުވާލުމެއް ދޯ..."... ސާޔާ ނުރުހުންވެފައި ރައުލް އަށް ބަލާލީ ރައުލް ގެ ވާހަކަ ޤަބޫލުކުރަން އުނދަގޫ ވުމުންނެވެ. އެގޭތެރެއިން ލިއަމް އޭނާއަށް ފެނިފައި ނެތެވެ. ނަވާރް ދެއްކި އަލްބަމް ތަކުން ފޮޓޯ އެއް ވެސް ފެނިފައި ނެތެވެ.

" ޕްލީޒް.. އަހަރެން އޮޅުވައެއް ނުލަން... ލިއަމް އެކްސިޑެންޓްވީ މީގެ އަށް މަސް ކުރިން... ސިކުނޑިއަށް ލިބުނު ގެއްލުން ތަކުގައި ލިއަމް ވީ ކޯމާއެއްގަ... ވީ ނީޑް ހިމް ބެކް... އައި ބެގް ޔޫ.. ޕްލީޒް.. ލިއަމްގެ ވާހަކަ އެއްވެސް މީހެއް ނުދައްކަނީ އެކަމުން ލިބޭ ހިތާމަ ބޮޑުވާތީ.. "..... ރައުލްގެ މޫނުން އެހެންޏާ ނުފެންނަ ފަދަ ހިތާމަވެރިކަމެއް ސާޔާ އަށް ފާހަނގަ ކުރެވުނެވެ. ރައުލް އެ ހަދަނީ ތެދުކަމުގައި ސާޔާ އަށް ޤަބޫލުކުރެވުނީ އެކަމުގެ ސަބަބުންނެވެ.

" އަހަރެން ކިހިނެތް ލިއަމް ގެންނަނީ.. އަހަންނަކީ ޑޮކްޓަރެއް ނޫން.. މޮޅު ޖާދޫގަރެއް ނޫން..."..... ސާޔާ އަށް ނުވިސްނުނީ އޭނާއަށް ލިއަމް ގެނެވޭނެ ގޮތެކެވެ.

" އަހަރެން ނުބުނަން ސާޔާ ތިއީ ޖާދޫގަރެކޭ.. ބަޓް ޔޫ އަރ ސްޓްރޯންގް.. ޔޫ ބިލީވް އެނީތިންގް އިޒް ޕޮސިބަލް.. ސާޔާ އަށް އިނގޭ ދޯ ކޯމާއެއްގަ އޮތަސް ކައިރީގަ އިނދެ ކުރެވިދާނެ ކަންކަން ހުންނާނެކަން.. ސްޕެންޑް ޓައިމް ވިތް ހިމް.. ބަދަލުގަ އަހަރެން ސާޔާ އެ އަނދިރި ދިރިއުޅުމުން ސަލާމަތް ކޮށްދިނީ.. އެއީ ކުޑަ އަގެއް ނޫން.. މިގޮތް ބޭނުން ނުވަންޏާ އަނބުރާ ރަށަށް ދިޔަޔަސް ހެޔޮ.. އަސަދުގެ އަނިޔާތަކަށް.. ނިމުމެއް ނެތް ވޭންތަކަށް... އެއީ އެކަނިވެރި ހަޔާތެއް.. އަހަރެން ކިޔައި ނުދިނަސް ސާޔާއަށް އެނގޭނެ މާ ރިތިކޮށް ވެސް.....".... ރައުލް ބޭނުން ނުވިޔަސް ސާޔާ އަށް މަޖުބޫރު ކުރެވުނެވެ. އޭނާ މިކަން ކުރަންވީ މިގޮތަށް ނޫނެވެ. ނަމަވެސް ސާޔާ ދޫކޮށްލެވޭކަށް ނެތެވެ. ހަޤީޤަތް ކިޔައިދެވެން ވެސް ނެތެވެ. ނަމަވެސް ކޮންމެ ކަމަކަށް ވެސް ވަގުތެއް އޮންނާނެއެވެ.

ރައުލްގެ ހުށަހެޅުމާއި މެދު ސާޔާއަށް ވިސްނާލެވުނެވެ. އޭނާ އެދުނީ ވަގުތު ކޮޅެއް ދިނުމަށެވެ. ރަނގަޅަށް ވިސްނާލުމަށެވެ.

" އޯކޭ.. އެއް ދުވަސް މިދެނީ.. ސާޔާގެ ޖަވާބަކަށް އިންތިޒާރު ކުރާނަން.. ބޭނުންތަ ލިއަމް ދެކިލަން..."... ރައުލް އަހާލީ ކުޑަ ނުތަނަވަސްކަމަކާއެކުގައެވެ. އެވަގުތު އެ ހޭޒެލް ކުލައިގެ ކަޅިން ފޮރުވިފައިވާ ސިއްރެއް ވާކަން ސާޔާ ދެނެގަތެވެ.

*************************

ރައުލް އާއެކީ ހިނގާލަފައި ގޮސް ސާޔާ މަޑުކޮށްލީ "ޕާލްސް" ހޮސްޕިޓަލް ކުރިމަތީގައެވެ. ރައުލް ތައްޔާރު ހެއްޔޭ އަހާލުމުން ސާޔާ ފާޑަކަށް ބަލާލަމުން ބޯ ޖަހާލިއެވެ. ރައުލް އުޅޭ ގޮތުން އޭނާ ހުރީ ހައިރާންވެފައެވެ. ހޮސްޕިޓަލަށް ވަދެ ލިފްޓުން ރައުލް ފޭބީ ހަ ވަނަ ފްލޯރ އަށެވެ. އޭނާގެ ފަހަތުން ނުކުތް ސާޔާ ވަށައިގެން ހޯދާލިއެވެ.

ރައުލް ގޮސް ވަކިން ހުރި ޕްރައިވެޓް ކޮޓަރީގެ ދޮރު ހުޅުވާލަމުން އެތެރެއަށް އައުމަށް ސާޔާއަށް އިޝާރާތް ކުރިއެވެ. އަވަސް ވެފައިވާ ހިތަކާއެކު އޭނާ އެ ކޮޓަރިއަށް ފިޔަވަޅެއް އަޅާލިއެވެ. އޭރު އޭނާގެ ނޭވާ ވަނީ ހިފަހައްޓާލެވިފައެވެ. ފިނިވެފައިވީ ދެއަތް މަޑުމަޑުން ޖޯޑުކޮށްލިއިރު ނަޒަރު ހުއްޓިފައި ހުރީ އެނދުގައި އޮތް ޒުވާނާއަށެވެ.

=ނުނިމޭ=

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!